ފަޟީލަތުއްޝައިޚު އަލްއުސްތާޛު ޙުސައިން ޢަބްދުއްރަޙްމާން
މ. ދިމްޔާޠު

އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދްމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ އަލްއުސްތާޛު ޙުސައިން ޢަބްދުއްރަޙްމާނަކީ، ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

           އަލްއަޒްހަރު ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ޝަރީޢާ ވަލްޤާނޫނުން ޑިގްރީ ޙާޞިލު ކުރެއްވުމަށްފަހު ރާއްޖެ ވަޑައިގަތީ 1975 ވަނަ އަހަރުއެވެ. ކިޔަވައި ވިދާޅުވެގެން ވަޑައިގަތުމަށްފަހު، ފުރަތަމަ އަދާކުރެއްވީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ޚާއްޞަ ޤާޒީކަމުގެ މަޤާމެވެ. އެގޮތުން، މިނިސްޓަރ އޮފް ޖަސްޓިސް އެދިވަޑައިގެންނެވި ކޮންމެ މައްސަލައަކާ ގުޅިގެން، އޭގެ ލިޔުންތައް ބައްލަވައި، ޝަރުޢީ އަދި ޤާނޫނީ ލަފާ، ލިޔުމަކުން ބަޔާންކޮށް ދެންނެވުމާއި، ކޯޓެއްގެ ޤާޒީއަކު ޗުއްޓީގައި ވެއްޖެ ހިނދަކު ނުވަތަ އެ މަޤާމު ހުސްވެއްޖެ ހިނދަކު، އެކޯޓަކަށް ވަޑައިގެން، އެ ޤާޒީއަކު ކުރައްވަންޖެހޭ ހުރިހާ ކަމެއް ކުރެއްވުން ހިމެނިގެންވެއެވެ. އެގޮތުން، އޭރު މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުގައި މާލޭގައި ހުރި ހުރިހާ ކޯޓުތަކެއް، އެކިފަހަރުމަތިން ހިންގެވިއެވެ. އޭގެއިތުރުން، މަދްރަސަތުއް ޠައިބާގެ ޢަރަބި މުދައްރިސެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވިއެވެ. 1986 ވަނަ އަހަރު އަލުން މިޞުރުގެ އަޒްހަރު ޔުނިވަރސިޓީއަށް ވަޑައިގެން، އައްސިޔާސަތުއް ޝަރްޢިއްޔާއިން މާސްޓަރޒްގެ ދިރާސާ ނިންމެވިއެވެ.

           ދީނީ ރޮނގުން ފަޟީލަތުއްޝައިޚު ޙުސައިން ޢަބްދުއްރަޙްމާން ކުރައްވާފައިވާ ޚިދްމަތްތަކަށް ބަލާއިރު، އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ އެއްކަމަކީ، އެކި މައުޟޫޢުތަކަށް އޭނާ ކުރައްވާފައިވާ ގިނަ ޢަދަދެއްގެ ތަޤްރީރުތަކެވެ. އޭނާގެ ދީނީ ތަޤްރީރުތައް ރޭޑިއޯއާއި ޓީ.ވީ އިން ގިނަ ދުވަސްތަކެއް ވަންދެން ފޮނުއްވާފައިވެއެވެ. އެގޮތުން، ދިވެހިރާއްޖޭގެ އަޑުން ފޮނުއްވި [އަލީގެ މައްޗަށް އައްޔެއް] މިޕުރޮގުރާމުގައިވެސް އެތައް މައުޟޫޢަކަށް އޭނާވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި ޓީ.ވީ މޯލްޑިވްސްގެ އެދިވަޑައިގަތުމަކަށް އެކި ޕުރޮގުރާމުތަކުގައި ނަޞޭޙަތާއި ވަޢުޡު ދެއްވާފައިވެއެވެ. ޢަރަބިބަހުން ތައްޔާރުކޮށްފައިވާ [ދުރޫބުއްނޫރު] (އަލީގެ މަގުތައް) މި ޕުރޮގުރާމު ދިވެހިބަހަށް ތަރުޖަމާކޮށްދެއްވާފައިވެއެވެ. އަދި އެ ތަރުޖަމާ އެތައް އަހަރަކު ރަމަޟާން މަހާއި، ދީނީ އެކިމުނާސަބަތުތަކުގައި ޓެލެވިޜަން މޯލްޑިވްސްއިން ފޮނުއްވާފައިވެއެވެ.

ޙުސައިން ޢަބްދުއްރަޙްމާންގެ މަސައްކަތްޕުޅުތަކުގެ ތެރެއިން ދެން ފާހަގަކޮށްލެވެނީ، ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އުފެއްދެވި ކޮމިޓީގައި ކުރެއްވި މަސައްކަތްޕުޅެވެ. ކޮމިޓީ އުފެއްދެވީ، 1979 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ. އެ ކޮމިޓީ އުފެއްދެވީއްސުރެ ކޮމިޓީގެ މަސައްކަތް ނިމި، 2008 ވަނަ އަހަރު ކޮމިޓީ އުވާލެވެންދެންހެން، ކުޑަމެދުކެނޑުމަކާއެކު އެމަސައްކަތުގައި ޙަރަކާތްތެރިކަމާއެކު ވަރުބަލިފުޅުވުމެއްނެތި އުޅުއްވި އެއް ބޭފުޅަކީ ޙުސައިން ޢަބްދުއްރަޙްމާނެވެ. ކޮމިޓީގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެހެނިހެން ޢިލްމުވެރިން ޤަދަރުވެރިކަމާއެކު ބަލައިގެންފައިވާ ޚިދްމަތްތެރިއަކަށް ޙުސައިން ޢަބްދުއްރަޙްމާން ވެވަޑައިގެންފައިވެއެވެ.

މީގެއިތުރުން، 1970ގެ އަހަރުތަކުން ފެށިގެން އަލްއުސްތާޛު އަލްމަރްޙޫމް މޫސާ ފަތުޙީ ޖަސްޓިސް މިނިސްޓްރީގައި ހިންގެވި ޤާޒީ ކޯހުގައި ކިޔަވައިދެއްވިއެވެ. މިގޮތުން، އެތައް އަހަރެއް ވަންދެން އެތައް ބޭފުޅުންނަކަށް ކިޔަވައިދެއްވިއެވެ. މިގޮތުން، ކިޔަވައިދެއްވި އެތައް ދަރިވަރުންނެއް، ރާއްޖޭގެ ޝަރްޢީ ދާއިރާގައި އިސްބޭފުޅުންގެ ގޮތުގައި އަދިވެސް ޙަރަކާތްތެރިވެވަޑައިގަންނަވަމުން އެބަ ގެންދަވައެވެ.

ޙުސައިން ޢަބްދުއްރަޙްމާން ކުރެއްވި މުހިންމު އަނެއް މަސައްކަތްޕުޅަކީ ހުކުރު ޚުޠުބާ ތައްޔާރުކުރެއްވުމެވެ. ހިޖުރައިން 14 ވަނަ ޤަރުނު ފެށުނު ހިސާބުން ފެށިގެން ދިގު މުއްދަތެއް ވަންދެން ގިނަ އަދަދެއްގެ ހުކުރު ޚުޠުބާ ލިޔުއްވާފައިވެއެވެ. 1995 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢު ކުރެއްވި [ހުކުރު ޚުޠުބާ އަދި ދެޢީދު ދެނަމާދާއި، ކޭތަ ނަމާދުގެ ޚުޠުބާ] މިފޮތުގައި ޙުސައިން ޢަބްދުއްރަޙްމާންގެ ޚުޠުބާތައް ހިމެނިފައިވެއެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަފްތާއަކު އެއްފަހަރު ނެރުއްވަމުން ގެންދެވި [ދީނުގެ މަގު] މި ނޫހަށްވެސް ތަފާތު މައުޟޫޢުތަކުގެ މައްޗަށް ލިޔުންތައް ލިޔުއްވާފައިވެއެވެ.

މުދައްރިސުން ތަމްރީނު ކުރުމަށް ހިންގެވި ކޯސްތަކުގައި، އެކިފަހަރު މަތިން ކޯހުގެ ބައިވެރިންނަށް އިސްލާމްދީނާބެހޭ ގިނަގުނަ ފިލާވަޅުތައް ޙުސައިން ޢަބްދުއްރަޙްމާން ނަންގަވައިދެއްވާފައިވެއެވެ. އަދި މުދިމުން ތާޒާކުރާ ކޯސްތަކުގައިވެސް ގިނަ އަހަރުތަކެއް ވަންދެން، މުޙާޟަރާ (ތަޤްރީރުގެ ގޮތުގައި ދެވޭ ފިލާވަޅުތަކެއް) ދެއްވަމުން ގެންދަވާފައިވެއެވެ. އަދި 1990ގެ އަހަރުތަކުގެ ތެރޭގައި، މަޖީދިއްޔާ ސްކޫލްގަޔާއި، އަމީނިއްޔާ ސްކޫލްގައި، ދަރިވަރުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، އެކުދިންނަށްޓަކައި އެ ސްކޫލްތަކުގައި ބާއްވަމުން ގެންދިޔަ ޖަލްސާތަކުގައި، ތަފާތު މައުޟޫޢުތަކުގެ މައްޗަށް ތަޤްރީރު ކުރެއްވިއެވެ. އަދި އެ މަޤްޞަދުގައި އެ ދެސްކޫލްގެ ދަރިވަރުންނަށް، އެކިފަހަރުމަތިން ހެނދުނުގެ އެސެމްބްލީގައި ދީނީ ނަޞޭޙަތް ދެއްވަމުން ގެންދެވިއެވެ. މީގެއިތުރުން، މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހުގެ މެންބަރުކަން، ދިގު މުއްދަތެއް ވަންދެން ކުރެއްވިއެވެ. އަދި އޭގެ އެއް ދައުރެއްގައި، އެ މަޖިލީހުގެ ސެކްރެޓަރީ ކަމުގައި ހުންނަވައި، ޚިދްމަތްތަކެއް ކޮށްދެއްވިއެވެ. އެ މަޖިލީހަކީ އަލްމަޖްލިސުލް އަޢްލަލް ޢާލަމީ ލިލްމަސާޖިދުގެ ދަށުން ހިނގަމުންދާ ގޮތުގައި އެކުލަވައިލެވިފައިވާ މަޖިލީހެކެވެ. 

 ޙުސައިން ޢަބްދުއްރަޙްމާން ވަނީ، ދީނީ ރޮނގުން ތަފާތު ގިނަ ފޮތްތަކެއް ނެރުއްވާފައެވެ. އޭގެތެރޭގައި، ބައެއް ތަރުޖަމާތައްވެސް ހިމެނެއެވެ. އެގޮތުން އޭނާ ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި، [އަބުރާބެހުމާއި ހުތުރުއެއްޗެހި ކިޔުމުގެ ކުށް] މިފޮތުގެ ފުރަތަމަބަޔާއި ދެވަނަބައި، [އައްސިޙުރު] މިފޮތާއި، [އިސްލާމީ ނަޒަރަކުން ތުނބުޅި] މިފޮތާއި، [ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް] މިފޮތް ހިމެނެއެވެ. ތަރުޖަމާ ކުރައްވާފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި، [ފިރިހެނުންނާއި އަންހެނުން އަދި ޖިންސު] މިފޮތާއި، [މުސްލިމުންގެ މެދުގައި ޚިލާފު އުފެދުން އެކަށީގެންނުވާ ކަންތައް] މިފޮތާއި، [އަހުވާލުލް ޤަބޫރު] (ކަށްވަޅުގެ ބިރުވެރިކަން) މިފޮތް ހިމެނެއެވެ. މީގެއިތުރުން، ބަހުގެ ފަލްސަފާއާއި، ބައެއް ޙަޤީޤަތްތަކުގެ އަލީގައި ކުރެއްވި ދިރާސާއެއްގެ މައްޗަށް ލިޔުއްވާފައިވާ، [ތިކިތެޅި ތާނަ.............އޮޅުވާނުލައްވާ] މިފޮތާއި، [ޒަވާޖީ ޙަޔާތް ބާއްޖަވެރިވާނީ ކިހިނެއް] މިދެފޮތަކީވެސް އޭނާގެ މުހިންމު ދެ ޚިދްމަތެވެ.

ފަޟީލަތުއްޝައިޚް ޙުސައިން ޢަބްދުއްރަޙްމާނަކީ ލިޔުންތެރިކަމަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. މިހާރުވެސް ދުވަހުގެ ގިނަ ވަގުތުތައް ހޭދަކުރައްވަނީ ފޮތް ލިޔުއްވުމާއި ތަރުޖަމާ ކުރެއްވުމުގެ މަސައްކަތްޕުޅުގައެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، އޭނާއަށް ލިބިވަޑައިގެންނެވި އެންމެބޮޑު ކާމިޔާބީއަކީ ބޭރު ޤައުމަކުން ހަރުދަނާ ރަނގަޅު ތަޢުލީމެއް ޙާޞިލު ކުރެއްވުނުކަމެވެ. އަދި ރާއްޖޭގެ ތަޢުލީމީ ނިޒާމް ބައްޓަންވެގެން ދާންޖެހޭނީ، ދީނާއި ޤައުމުދެކެ ލޯބިވާ، ބޭނުންތެރި ދަރިންތަކެއް މުޖްތަމަޢަށް ނެރެދެވޭ، ޢިލްމާއި ތަރުބިއްޔަތު ލާމެހިފައިވާ ތަޢުލީމީ ނިޒާމެއްގައި ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

ޙުސައިން ޢަބްދުއްރަޙްމާނަކީ ސަރުކާރަށް 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވާ އަދި ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއްކަންވެސް ހަނދާންކޮށްލަން ޖެހެއެވެ. މިނިސްޓްރީ އޮފް ޖަސްޓިސްގެ ޚާއްޞަ ޤާޒީ ކަމުގެ މަޤާމުގެ އިތުރުން ފުރުއްވާފައިވާ ބައެއް މަޤާމުތަކުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވަކީލު ކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމާއި، އެޓަރނީ ޖެނެރަލްގެ ނައިބު ކަމާއި، ޑިރެކްޓަރ، ރިލިޖަސް އެޑިޔުކޭޝަން ކަމާއި، އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ޚާއްޞަ މުޝީރުކަން ހިމެނެއެވެ.

މިއަދުގެ ކިޔަވާ ކުދިންނަށާއި ޒުވާނުންނަށް އޭނާ ދެއްވާ ނަޞޭޙަތަކީ، ޢިލްމު އުނގެނުމުގެ ބޭނުމަކަށްވާންޖެހޭނީ، ޢިލްމު ހޯދައި، އެ ޢިލްމުން ތިމާއަށާއި ޤައުމަށް ޚިދްމަތްކޮށްދިނުންކަން އަބަދުވެސް ގަބޫލު ކުރުމެވެ. އެޔާއެކު ޤައުމީ ވާޖިބެއް ކޮނޑުގައި އެޅިފައިވާކަން ދަނެ، ފިތުނަފަސާދައާއި، ބިރުވެރިކަމާއި، ބާޠިލު ގޮތްތަކުން މުޖްތަމަޢު ސަލާމަތްކޮށްދިނުންކަން ހަނދާންކުރުމެވެ. އަދި ސީދާ މަގުން ހިނގުމަކީ ޢިލްމު އުނގެނުމުގެ މަޤްޞަދުތަކުގެ ތެރޭގައިވާ ކަމެއްކަންވެސް އަބަދުމެ ހަނދާން ކުރުމެވެ.