އަލްފާޟިލް ޙުސައިން ޞަބާޙު
ގ.ޕާކަރުހައުސް

 

         ފިލްމީ ބަޠަލެއްގެ ގޮތުން އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފްވެގެންދިޔަ ޙުސައިން ޞަބާޙަކީ އަމިއްލަ ރާގު އުފެއްދުމާއި، މިޔުޒިކްގެ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޞަބާޙަށް މިޔުޒިކްގެ ދާއިރާއަށް ވެދެވަޑައިގެންނެވުނީ ،އެންޓާރީސް ބޭންޑާ ގުޅިވަޑައިގެންނެވި ހިސާބުން ފެށިގެންނެވެ. މިޔުޒިކް ކުޅުއްވުމުގެ އިތުރުން، އޭނާއަކީ ވަރަށްގިނަ ލަވަތައް ވިދާޅުވެފައިވާ ބޭފުޅެއްވެސް މެއެވެ.

        "އިލަވަން އިލަވަން ޕްރޮޑަކްޝަން"ގެ ނަމުގައި އަމިއްލަ ސްޓޫޑިއޯއެއް އުފައްދަވައި، އެ ސްޓޫޑިއޯގެ ޚިދުމަތްތައް މިހާރުވަނީ،  ވަރަށް ބޮޑަށް ފުޅާކުރައްވާފައެވެ. އަމިއްލަ ރާގު އުފެއްދުމާއި، މިޔުޒިކާއި ރެކޯޑިންގ ހެދުމަކީ، އެ ސްޓޫޑިއޯއިން ކުރާ އެންމެ މުހިންމު މަސައްކަތެވެ.

         ޙުސައިން ޞަބާޙު އެންމެބޮޑު އިސްކަމެއް ދެއްވަނީ، އަމިއްލަ ރާގަށެވެ. ކޮޕީ ރާގަށް އޭނާ އެހާބޮޑު ސަމާލުކަމެއް ނުދެއްވައެވެ. އަމިއްލަ ރާގުތައް އިތުރުކުރައްވައި، ކޮޕީ ރާގަށް އިވެމުންދާ ލަވަތައް މަދުކުރެއްވުމަކީ، އޭނާގެ މަސައްކަތުގެ ވަރަށްބޮޑު ބައެކެވެ. މިކަމަށް މަގުފަހިކުރެއްވުމުގެ ގޮތުން، ކޮޕީ ރާގު ހައްދަވައިދެއްވާ އަގު ބޮޑުކުރައްވައި، އަމިއްލަ ރާގު ހައްދަވައިދެއްވާ އަގު ވަނީ ހެޔޮކުރައްވާފައެވެ.

   ރާއްޖޭގައި މިހާތަނަށް ނެރުނު ވަރަށްގިނަ އަލްބަމްތަކަށް އޭނާވަނީ މިޔުޒިކް ތައްޔާރުކޮށްދެއްވާފައެވެ. މިހާތަނަށް އައިއިރު، 8500 އަށްވުރެ މަދުނޫން ޢަދަދަކަށް މިޔުޒިކް ހައްދަވައިދެއްވާފައި ވެއެވެ. ގިނަ ލަވަތަކެއް އުފައްދާފައިވެއެވެ.    ދުއިސައްތައަށްވުރެ ގިނަ އަމިއްލަ ރާގު،  އެކި އަލްބަމްތަކަށާއި   ފިލްމުތަކަށް ހައްދަވައިދެއްވާފައިވެއެވެ. އަދި މިހާތަނަށް ނުނެރެވެސް އަށްޑިހައަށްވުރެ ގިނަ އަމިއްލަ ރާގު އެބަހުއްޓެވެ. އޭގެތެރޭގައި، އަލްބަމްތަކަށާއި ފިލްމްތަކަށް ހައްދަވައިދެއްވާފައިވާ ރާގުތައްވެސް ހިމެނެއެވެ.

         ޙުސައިން ޞަބާޙްވަނީ ފަނަރަވަރަކަށް ފިލްމަށް ބެކްގްރައުންޑް މިޔުޒިކްވެސް ހައްދަވައިދެއްވާފައެވެ. މީގެއިތުރުން އެކިއެކި ބާވަތުގެ މުދަލުގެ ވީޑިއޯ އިޝްތިހާރުތަކަށް މިޔުޒިކާއި ލަވަ ހައްދަވައިދެއްވާފައިވެއެވެ.

         ޙުސައިން ޞަބާޙަކީ އޭނާގެ މިއުޒިކްގެ ހުނަރު ދަސްކޮށްދެއްވުމަށްވެސް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ އަދި  ކުރައްވަމުން  ގެންދަވާ ބޭފުޅެކެވެ.      މިގޮތުން، ސްކޫލްތަކުގެ މެދުގައި ޓެލެވިޜަން މޯލްޑިވްސްއިން ބާއްވަވަމުން ގެންދަވާ ލަވަ މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުންނަށް ލަވަ ދަސްކޮށްދެއްވައި، މިޔުޒިކް ޓްރެކް، ހިލޭ ސާބަހަށް ހައްދަވައިދެއްވާފައިވެއެވެ. މީގެއިތުރުން މިޔުޒިކް ދަސްކޮށްދެއްވުމަށް އެކި ކިލާސްތައް ހިންގަވައިދެއްވާފައިވެއެވެ. މިގޮތުން، 2002 ވަނަ އަހަރު މުލަކަތޮޅު މުލީ ޒުވާނުންގެ ޖަމްޢިއްޔާއިން ހިންގި މިޔުޒިކް ދަސްކޮށްދޭ ކޯހުގަޔާއި، ތިލަދުންމަތީ އުތުރުބުރީ ކެލާ ޔޫތު ފޯރަމުން ކެލާ ޒުވާނުންނަށް 2004  ވަނައަހަރު ހިންގި މިޔުޒިކް ދަސްކޮށްދޭ ކޯހުގައި ކިޔަވައިދެއްވާފައިވެއެވެ. އަދި މިހާރުވެސް ޒުވާނުންގެ ގްރޫޕަކަށް އޭނާގެ އަމިއްލަ ސްޓޫޑިއޯގައި މިޔުޒިކް ދަސްކޮށްދެއްވަމުން ގެންދަވައެވެ.

          މިޔުޒިކްގެ ތެރެއިން ޙުސައިން ޞަބާޙްގެ ޚާއްޞަ ފަންނަކީ ބެރުޖެހުމެވެ. ޒުވާނުންގެ މަރްކަޒުގެ ފަރާތުން ޒުވާނުންނަށް ހިންގެވި ބެރުޖަހަން ދަސްކޮށްދިނުމުގެ ކޯހުގައި 14 ކުއްޖަކަށް ބެރުޖަހަން ދަސްކޮށްދެއްވާފައިވެއެވެ. ބައެއް ބޮޑުބެރު ގްރޫޕްތަކަށް، ބެރުގެ އެކިއެކި ހުނަރުތައް، އަމިއްލަ ސްޓޫޑިއޯގަޔާއި، ގްރޫޕްތައް ޕްރެކްޓިސްކުރާ ތަންތަނަށް ވަޑައިގެން ދަސްކޮށްދެއްވާފައިވެއެވެ.

        ޙުސައިން ޞަބާޙު ވަނީ ސްޓޫޑިއޯއެއް އުފައްދަވައި، 4 ފިލްމެއް އަމިއްލައަށް ޕްރޮޑިއުސް ކުރައްވައި، 1 ފިލްމު ނެރުއްވާފައެވެ. އަދި  3 ފިލްމު މިހާރުވަނީ ނެރެން ތައްޔާރުކުރައްވާފައެވެ. ވީޑިއޯ 4 އަލްބަމެއްވެސް ޕްރޮޑިއުސް ކުރައްވައި ނެރުއްވާފައިވެއެވެ.

         އެންޝޯންޓަރ މޯލްޑިވްސް ފިލްމް އެވޯޑްސް 2012 ގެ ފީޗަރ ފިލްމް ކެޓަގަރީން އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑް ޙުސައިން ޞަބާޙަށް ލިބިވަޑައިގެންފައިވެއެވެ. އެ އެވޯޑް ލިބުނީ ފިލްމް ދިންވޭނުގެ ހިތާމައަށް ހައްދަވައިދެއްވި "ކަލާ ބީވުމުން" މި ލަވައަށެވެ.

         ޙުސައިން ޞަބާޙު ދެކެވަޑައިގަންނަވަން ބޭނުންވާ ދުވަހަކީ، އަޅުގަނޑުމެންގެ ތެރެއިން ކޮޕީ ރާގު މުޅިން ނެތިގޮސް، އަޅުގަނޑުމެންގެ އަމިއްލަ ރާގުގެ އުފެއްދުންތައް، ފިލްމުތަކުންނާއި، އަލްބަމްތަކުންނާއި، އެކި ޙަފްލާތަކުން އިވިގެން ދިޔުމެވެ.