އަލްފާޟިލް އަޙްމަދު ނަޢީމް
ހ.ފެލީސިއާ

 

       ކުރެހުމުގެ ޝައުޤުވެރިކަން، އަޙްމަދު ނަޢީމްގެ ހިތްޕުޅުގައި އުފެދުނީ، މަޖީދިއްޔާ ސްކޫލްގައި ތަޢުލީމް ހާސިލުކުރައްވަމުން ގެންދެވި ދުވަސްވަރުގައެވެ. 1987 ވަނަ އަހަރު މަދްރަސީ ދައުރު ނިންމަވައިލެއްވުމަށްފަހު ކުރެހުންތެރިއެއްގެ ގޮތުގައި މިހާރުވެސް ގެންދަވަނީ   މަސައްކަތް ކުރައްވަމުންނެވެ.   މިގޮތުން ސަރުކާރުގެ ޚިދުމަތުގަޔާއި، ފްރީލާންސް އާޓިސްޓެއްގެ ގޮތުންނާއި، ކުރެހުމުގެ މުދައްރިސެއްގެ ގޮތުން އަދި ޑިޒައިނަރެއްގެ ގޮތުންނާއި، ކާޓޫނިސްޓެއްގެ ގޮތުން އޭނާ ވަނީ ޚިދުމަތް ކުރައްވާފައެވެ. ނަޢީމް އަޅުގަނޑުމެންގެ ތެރެއަށް ބޮޑަށް މަޝްހޫރުވެގެންދިޔައީ ދުވަހު ނޫސް "ހަވީރު" ގައި ޝާއިޢު ކުރަމުން ގެންދިޔަ އަޙްމަދު ނަޢީމު ކުރައްސަވާފައިވާ ކާޓޫނުތަކުންނެވެ.

         މިވޭތުވެދިޔަ 25   އަހަރު ދުވަހުގެ ތެރޭގައި، ވިޜުއަލް އާޓްސްގެ ދާއިރާއިން ކުރެހުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ނަޢީމުވަނީ،   ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ކުޑަކުދިންނަށާއި ޒުވާނުންނަށް ކުރެހުމުގެ ހުނަރު ދަސްކޮށްދެއްވާފައިވެއެވެ. ރާއްޖޭގައި މިހާތަނަށް ބޭއްވުނު ކުރެހުމުގެ ގިނަ ޙަރަކާތްތަކެއްގައި އޭނާވަނީ ޢަމަލީގޮތުން   ބައިވެރިވެވަޑައިގެންފައެވެ.  އެންމެ ޚާއްޞަ ގޮތެއްގައި ނަޢީމު   ފާހަގަކުރައްވަނީ ކުރެހުންތެރިންނަށް ކުރެހުމުގެ މަޢުރަޒުތައް ރާވައިދެއްވައި، ކުރެހުންތެރިންގެ މަސައްކަތްތައް ޝޯކޭސް ކޮށްދެއްވާ ކޮށްދެއްވުމެވެ. އަދި ކުރެހުންތެރިކަން އާލާކޮށް ކުރިއެރުމުގެ މަގު، ކުރެހުންތެރިންނަށް ހޯއްދަވައިދެއްވުމުގެ މަސައްކަތްތަކެވެ.

ރާއްޖޭގެ ކުރެހުންތެރިންގެ ޖަމްޢިއްޔާ "ޔުނައިޓެޑް އާޓިސްޓްސް އޮފް މޯލްޑިވްސް" އުފެއްދެވުމުގައިވެސް އަޙްމަދު ނަޢީމް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އަދި އޭނާއަކީ އެ ޖަމްޢިއްޔާގެ ފައުންޑަރ މެންބަރެކެވެ.

         ރާއްޖޭގައި ފާހަގަކުރާ އެކި ދުވަސްތަކާ ގުޅިގެން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވުނު ކުރެހުމުގެ މަޢުރަޒުތަކުގަޔާއި، ކުރެހުމުގެ ކެމްޕެއިންތަކުގައި ނަޢީމްވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. އަދި ރާއްޖޭގައި ބޭއްވުނު ކުރެހުމުގެ މަޢުރަޒުތަކުގައި ނަޢީމްވަނީ ބައިވެރިވެވަޑައިގެން، އެ މަޢުރަޒުތައް އިންތިޒާމް ކުރެއްވުމުގައިވެސް   މުހިންމު ދައުރެއް އަދާކުރައްވާފައެވެ.   ރާއްޖެއިން ބޭރުގައި ބޭއްވުނު   ބައިނަލްއަޤްވާމީ ފެންވަރުގެ ކުރެހުމުގެ އެކި މުބާރާތްތަކުގައިވެސް ނަޢީމުވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން ނަޢީމަކީ ރާއްޖޭގައި ބޭއްވޭ އެކި ކުރެހުމުގެ މުބާރާތްތަކާއި، އާންމުންނަށް ހުޅުވާލައިގެން ހުށަހެޅޭ ކުރެހުމުގެ މަސައްކަތްތަކުގެ ފަނޑިޔާރުކަންވެސް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

         ދިވެހިރާއްޖޭގެ  ތަޢުލީމު   ކުރިއަރުވާ މަރްކަޒުގެ   އިލަސްޓްރޭޓަރ އާޓިސްޓެއްގެ މަޤާމުގައި ހުންނަވައިގެންވެސް މިރޮނގުން އިޚްލާޞްތެރި ޚިދުމަތްތަކެއް ނަޢީމްވަނީ ކޮށްދެއްވާފައެވެ. އަދި މިހާރު ނަޢީމަކީ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ ކިއުރޭޓަރެވެ. ސަރުކާރުން ނޭޝަނަލް އާޓް ގެލެރީ އުފެއްދެވުމާއެކު، އެތަނުގައި ވޭތުވެދިޔަ އަށެއްކަ އަހަރު ދުވަހުގެ ތެރޭގައި، މެދުކެނޑުމެއްނެތި ނަޢީމްވަނީ ޚިދުމަތް ކޮށްދެއްވާފައެވެ. މިގޮތުން، މިއަދާ ހަމައަށް ފަންސާހަށްވުރެ ގިނަ ތަފާތު މަޢުރަޒު ބޭއްވުމުގައި ނަޢީމްވަނީ އެހީތެރިވެދެއްވާފައެވެ.