އަލްފާޟިލް ނަޞީރު އިސްމާޢީލް
ގއ.ކަނޑުހުޅުދޫ/ ހައުސްވިލާގެ

ނަޞީރު އިސްމާޢީލަކީ، ރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން ޚާއްޞަކޮށް، އެތްލެޓިކްސްގެ ރޮނގުން ވަރަށް މަޝްހޫރު ބޭފުޅެކެވެ. ވަރަށް ކުޑައިރު އެތްލެޓިކްސްއަށް ޝައުޤުވެރިކަން އުފެދުނު ނަޞީރު އިސްމާޢީލަކީ، ރާއްޖޭގެ އެންމެ ކާމިޔާބު އެއް އެތްލީޓެވެ. ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ މުބާރާތްތަކެއްގައި ވާދަކުރައްވައި، އޭނާ ވަނީ ގިނަގުނަ ކާމިޔާބީތަކެއް ޙާޞިލު ކުރައްވާފައެވެ.

ރާއްޖޭގައި ނަޞީރު ހޯއްދަވާފައިވާ ކާމިޔާބީތަކަށް ބަލާއިރު، 1991 ވަނައަހަރުން ފެށިގެން 2003 ވަނައަހަރާ ދެމެދު ރާއްޖޭގައި ބާއްވާފައިވާ ހުރިހާ އެތުލެޓިކްސް މުބާރާތެއްގައި އެއްވަނަ ހޯއްދަވާފައިވެއެވެ. 1992 ވަނަ އަހަރާއި، 1993 ވަނަ އަހަރާއި، 1994 ވަނަ އަހަރާއި، 1995 ވަނަ އަހަރު އަދި 1999ވަނަ އަހަރު  މާލޭގައި ބޭއްވުނު މާލޭ މެރެތަން 10000 މީޓަރުގެ ރޭސް ކާމިޔާބު ކުރައްވާފައިވެއެވެ. އަދި 1994 އަދި 1995 ވަނަ އަހަރު ބޭއްވުނު މާލޭ މެރެތަން ކާމިޔާބު ކުރެއްވިއެވެ. ޤައުމީ އެޓްލެޓިކްސް  މުބާރާތްތަކުގައި ގިނަ އަހަރުތަކެއްގައި އެކި މީޓަރުތަކުގެ ދުވުމުން ވަރަށްގިނަފަހަރު ޗެމްޕިއަންކަން ހޯއްދަވާފައިވެއެވެ. ނަޞީރު އެތުލެޓިކްސްގެ ޤައުމީ ރެކޯޑު 16 ފަހަރު ހައްދަވާފައިވެއެވެ.

1991 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރުގެ ނިޔަލަށް ބައިނަލްއަޤްވާމީ 28 މުބާރާތެއްގައި ނަޞީރު އިސްމާޢީލް ވަނީ ވާދަކުރައްވާފައެވެ. ނަޞީރު ފުރަތަމަ ވާދަކުރެއްވި ބައިނަލްއަޤްވާމީ މުބާރާތަކީ، އުމުރުން އެންމެ 16 އަހަރުގައި ވާދަކުރެއްވި، 1991 ވަނަ އަހަރު ސްރީލަންކާގައި ބޭއްވުނު ސާފް ގޭމްސްއެވެ. އަދި ދުނިޔޭގެ އެންމެބޮޑު ކުޅިވަރު މުބާރާތް، އޮލިމްޕިކްސްގައި ނަޞީރު އިސްމާޢީލް ދެއަހަރު ރާއްޖެ ތަމްސީލު ކުރައްވާފައިވެއެވެ. އެއީ 1996 ވަނައަހަރު އެޓްލާންޓާ އޮލިމްޕިކްސްގަޔާއި، 2000 ވަނަ އަހަރު ސިޑްނީ އޮލިމްޕިކްސްގައެވެ. ބައިނަލްއަޤްވާމީ އެންމެ ގިނަ މުބާރާތްތަކުގައި ނަޞީރު ވާދަކުރެއްވީ 1999 ވަނަ އަހަރުއެވެ.

1995 ވަނައަހަރު މެޑްރާސްގައި ބޭއްވުނު ސާފް ގޭމްސްގަޔާއި، ނޭޕާލުގައި 1999 ވަނައަހަރު ބޭއްވުނު ސާފް ގޭމްސްގަޔާއި، 2000 ވަނައަހަރު ބޭއްވުނު މެލޭޝިއަން އޯޕަން ޗެމްޕިއަންޝިޕްގަޔާއި، އަދި އެއަހަރު އިންޑޮނީޝިޔާގައި ބޭއްވުނު އޭޝިއަން ޓްރެކް އެން ފީލްޑްގެ ދުވުމުގަޔާއި، އެއަހަރު ބޭއްވުނު ޕާކިސްތާން އެތްލެޓިކް މީޓްގައި ވާދަކުރައްވައި 4 ވަނަ ހޯއްދަވާފައިވެއެވެ. އެއީ 800 މީޓަރުގެ ދުވުމުންނެވެ.

ރާއްޖޭގެ އެންމެމޮޅު އެތުލީޓްގެ އެވޯޑް 2001 ވަނަ އަހަރު ނަޞީރު އިސްމާޢީލަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި އެއަހަރު ޒުވާނުންގެ ޤައުމީ އިނާމު ވެސް ހާސިލު ކުރައްވާފައިވެއެވެ. މީގެއިތުރުން 1998 ވަނައަހަރު ސާފް ޗެމްޕިއަންޝިޕްގެ ސްޓާރ އޮފް ދަ ގޭމްސް އެވޯޑް ޙާޞިލު ކުރައްވާފައިވެއެވެ. މިއީ އެ ގޭމްސްގެ އެންމެ އުންމީދީ އެތްލީޓަށް ދިން އެވޯޑެކެވެ. މީގެއިތުރުން، ޖޫނިއަރ ޗެމްބަރ އިންޓަރނޭޝަނަލް (ޖޭ.ސީ.އައި) މޯލްޑިވްސްގެ ފަރާތުން 2011 ވަނަ އަހަރު ހޮވި ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ޒުވާން ޝަޚުޞިއްޔަތުގެ އެވޯޑުވެސް އޭނާ ޙާޞިލުކުރައްވާފައިވެއެވެ.  

2004 ވަނައަހަރު، ނަޞީރު އިސްމާޢީލް ދުވުމުން ރިޓަޔަރ ކުރެއްވިއިރު، ރާއްޖޭގައި ބޭއްވުނު އެއްވެސް މުބާރާތަކުން ދިވެއްސެއްގެ އަތުންވެސް އަދި ބޭރު އެތުލީޓެއްގެ އަތުންވެސް ނަޞީރު ބަލިވެފައެއް ނުވެއެވެ. އަދި 200 މީޓަރު ދުވުމާއި، 400 މީޓަރު ދުވުމާއި، 800 މީޓަރު ދުވުމާއި، 1500 މީޓަރު ދުވުމާއި، 5000 މީޓަރު ދުވުމާއި، 10000 މީޓަރު ދުވުމާއި، ހާފް މެރެތަން އަދި މެރެތަން ރޭސްތަކުގައި ބައިވެރިވެ، މިހުރިހާ އިވެންޓެއްވެސް ކާމިޔާބު ކުރެއްވި ހަމައެކަނި ރާއްޖޭގެ އެތުލީޓަކީ، ނަޞީރު އިސްމާޢީލެވެ.

ދުވުމުން މިހާރު ރިޓަޔަރ ކުރައްވާފައިވީނަމަވެސް، އޭނާ ގެންދަވަނީ މިރޮނގުން އެތައް ބަޔަކަށް ޚިދްމަތް ދެއްވަމުންނެވެ. ރާއްޖޭގައި ބޭއްވޭ އެކި ރޭސްތަކަށް މީހުން ތަމްރީނު ކުރައްވަމުން ގެންދަވައެވެ. ނަޞީރު އިސްމާޢީލްގެ ކޯޗު ކަމުގައި، އެމް.އެން.ޑީ.އެފް. އިން ނުކުތް ގިނަ އެތުލީޓުން ޤައުމީ ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ވާދަކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ. އަދި ރާއްޖެއިން ބޭރުގައި ބޭއްވޭ ބައިނަލްއަޤްވާމީ މެރެތަން ރޭސްތަކުގައި ބައިވެރިވާ ރާއްޖޭގެ ޓީމުތަކަށް މިހާރުވެސް ކޯޗްކޮށްދެއްވަމުން ގެންދަވައެވެ. މިގޮތުން، 2010 ވަނަ އަހަރު ބޭއްވުނު ކޮލަމްބޯ މެރެތަންގަޔާއި، މެލޭޝިޔާގައި ޕެނާންގ އިންޓަރނޭޝަނަލް މެރެތަންގައި ރަނަރސް މޯލްޑިވްސްގެ ޓީމަށް ކޯޗްކޮށްދެއްވިއެވެ. 2011 އަހަރު ސިންގަޕޯރ މެރެތަންގައި ބައިވެރިވި ޓީމަށްވެސް ކޯޗްކޮށްދެއްވިއެވެ. އަދި 2012 ވަނައަހަރު ކޮލަމްބޯގައި ބޭއްވުނު ކޮލަމްބޯ މެރެތަންގަޔާއި، އަދި ހަމަ އެއަހަރު ސިންގަޕޫރުގައި ބޭއްވުނު ސިންގަޕޯރ މެރެތަންގައި ދިވެހި އެކި އުމުރުފުރައިގެ މީހުން ނަޞީރު ބައިވެރިކުރެއްވިއެވެ. އޭގެތެރޭގައި 20 އަހަރުން ފެށިގެން 55 އަހަރާ ދެމެދުގެ އުމުރުފުރައިގެ މީހުން ހިމެނެއެވެ. އަދި މިއަހަރު ބޭއްވުނު ޕުކެޓް އިންޓަރނޭޝަނަލް މެރެތަންގައި ރާއްޖޭގެ އެކި އުމުރުފުރައިގެ ދެޖިންސުގެ 20 މީހުން ބައިވެރިވެފައިވެއެވެ. އަދި މި މެރެތަންގައި ފާހަގަކޮށްލެވޭ ޚާއްޞަ ވަނަތަކެއް ހާސިލު ކުރައްވާފައިވެއެވެ.

ނަޞީރު އިސްމާޢީލްގެ ޚިދްމަތްތަކުގެ ތެރެއިން ދެން ފާހަގަކުރެވޭ އަނެއް ޚިދުމަތަކީ، ރާއްޖޭގެ އެތުލީޓުންނާއި، ފުޓްބޯޅަ ކުޅުންތެރިންގެ ބުންވަރު ރަނގަޅު ކުރުމަށްޓަކައި 1991 ވަނަ އަހަރުން ފެށިގެން ހިލޭ ސާބަހަށް ކުރައްވަމުން ގެންދަވާ މަސައްކަތެވެ. އުމުރުން ދުވަސްވީ މީހުންނަށާއި، އެކި ކްލަބްތަކަށާއި، ސިފައިންނަށް ކަސްރަތުގެ ތަފާތު ތަމްރީނުތައް މިހާރުވެސް ދެއްވަމުން ގެންދަވައެވެ. ނަޞީރު އިސްމާޢީލްގެ ބެއްލެވުމުގެ ދަށުން، ޢުމުރުން ދުވަސްވީ މީހުންގެ ބުންވަރު ރަނގަޅުކޮށް ހިފެހެއްޓުމުގެ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތް މިގޮތުން ފާހަގަކުރެވެއެވެ.  ކުރިން މާލެ ވަށައި އެއްބުރު ނުޖެހޭ ދުވަސްވީ މީހުން މިހާރު މާލެ ވަށައި 8 ބުރުޖަހާކަން އެއީ ނަޞީރު އިސްމާޢީލް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ރަނގަޅު ނަތީޖާކަމާމެދު ޝައްކެއްނެތެވެ.

ނަޞީރު އިސްމާޢީލް ވަނީ، 2013 ވަނަ އަހަރު އިނގިރޭސިވިލާތުގައި އެތުލެޓިކްސް ކޯޗިންގގެ ލައިސަންސްވެސް ހާސިލު ކުރައްވާފައެވެ.

ނަޞީރު އިސްމާޢީލް މިހާރު މަސައްކަތް ކުރައްވަނީ، މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޑިސްޓެންސް ރަނަރސްގައި ހިލޭ ސާބަހަށެވެ. އެ އެސޯސިއޭޝަންގެ ނައިބު ރައީސަކީ އޭނާއެވެ.