އަލްފާޟިލް އަފްޟަލް ޝާފިޢު
މއ. މޭރީ

ލިޔުމާއި ކުރެހުމާއި ފަރުމާ ކުރުމުގެ ރޮނގުން އަފްޟަލް ޝާފިޢު ހޯއްދަވާފައިވާ ކާމިޔާބީތަކާއި ކުރިއެރުންތަކަކީ، އާދަޔާ ޚިލާފު ކާމިޔާބީތަކަކާއި ކުރިއެރުންތަކެކެވެ. 1993 ވަނަ އަހަރު މިދާއިރާގައި ޚިދްމަތް ކުރައްވަން ފެށްޓެވި އަފްޟަލް ޝާފިޢު، މި ވޭތުވެދިޔަ 21 އަހަރު ދުވަހުގެ ތެރޭގައި، މިރޮނގުން އެތައް ޚިދްމަތްތަކެއް ވަނީ ކޮށްދެއްވާފައެވެ. ޚާއްޞަކޮށް، ފައިން އާޓާއި ގްރެފިކް ޑިޒައިންގެ ރޮނގުން، އަފްޟަލަކީ އާދަޔާ ޚިލާފު ކުރެހުންތެރިއެކެވެ.

މެލޭޝިޔާގެ ލިމްކޮކްވިންގ އިންސްޓިޓިއުޓް އޮފް ކްރިއޭޓިވް ޓެކްނޯލޮޖީގައި ގްރެފިކް ޑިޒައިން އެންޑް މަލްޓިމީޑިއާ، މޭޖަރިންގ އިން އިލަސްޓްރޭޝަންގެ ރޮނގުން ކިޔަވައި ވިދާޅުވެފައިވާ އަފްޟަލް ޝާފިޢުގެ ހިތްޕުޅުގައި ކުރެހުމުގެ ޝައުޤުވެރިކަން އުފެދުނީ، މަޖީދިއްޔާ ސްކޫލްގައި ތަޢުލީމް ޙާޞިލް ކުރައްވަމުން ގެންދެވި ދުވަސްވަރުއެވެ.

ރާއްޖޭގަޔާއި ރާއްޖެއިން ބޭރުގައި ބޭއްވުނު  ކުރެހުމުގެ އެކި މައުރަޒުތަކުގައި އަފްޟަލް ވަނީ ބައިވެރިވެވަޑައިގެން، ރާއްޖެ ތަމްސީލު ކޮށްދެއްވާފައެވެ. އޭނާގެ މަސައްކަތްތައް، ބޭރުގެ ބައެއް ވެބްސައިޓްތަކުގަޔާއި، ބޭރުގެ ނޫސް މަޖައްލާތަކުގައި ވަނީ ފާހަގަކޮށްފައެވެ.

އަފްޟަލްގެ އެންމެ ޚާއްޞަ އެއް ފަންނަކީ، ސޭންޑް އާޓެވެ. މުޅި ދުނިޔޭގައިވެސް ސޭންޑް އާޓްގެ ފަންނުން މަޝްހޫރު ތިބީ ވަރަށް މަދު ބައެކެވެ. ސޭންޑް އާޓްގެ ފަންނުގައި ރާއްޖޭގައި ހުންނެވި ހަމައެކަނި ބޭފުޅަކީ އަފްޒަލްކަން ފާހަގަކޮށްލަންޖެހެއެވެ.  2011ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ސާކް ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި ޤައުމުތަކުގެ ވެރިންގެ ޝަރަފުގައި ބޭއްވުނު ރަސްމީ ފަރިއްކޮޅުގަޔާއި، 2012 ވަނަ އަހަރު ޖަޕާނުގައި ބޭއްވުނު "ބްރީތިންގ އެޓޮލްސް" މައުރަޒުގައި ހުށަހެޅި ސޭންޑް އާޓްގެ ހުށަހެޅުމާއި، ހަމަ އެއަހަރު "ބެޓަންޑޭ"ގެ ނަމުގައި ބޭއްވި ސޭންޑް އާޓްގެ ހުށަހެޅުމާއި، މިއަހަރު ދުސިތު ތަނީ ރިޒޯޓުގައި ބޭއްވި "ކޯލް އޮފް ދަ ސަންގު" މައުރަޒުގެ ސޭންޑް އާޓް ހުށަހެޅުން ފާހަގަކޮށްލަން ޖެހެއެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ނެރުއްވި ގިނަ ސްޓޭމްޕް ސެޓްތައް ފަރުމާކުރައްވާފައިވަނީވެސް އަފްޟަލް ޝާފިޢެވެ. 1994 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާ ހަމަޔަށް އެކުންފުނީގައި ވަޒީފާ އަދާކުރެއްވިއިރު، 70 އަށްވުރެ ގިނަ ޕޯސްޓޭޖް ސްޓޭމްޕް ފަރުމާ ކޮށްދެއްވައި، އެންމެ ގިނަ ޕޯސްޓޭޖް ސްޓޭމްޕް ފަރުމާ ކޮށްދެއްވި ދިވެއްސަކަށްވުމުގެ ރެކޯޑު ޙާޞިލު ކުރެއްވިއެވެ.

ލިޔުމާއި ކުރެހުމާއި، ފަރުމާ ކުރުމުގެ ރޮނގުން މީހުން ބިނާކުރެއްވުމުގައި އަފްޟަލް ޝާފިޢު ކުރައްވާފައިވާ މަސައްކަތްތައްވެސް ހަނދާންކުރަން ޖެހެއެވެ. އެގޮތުން، އާޓް އެންޑް ޑިޒައިން ކޯސްތަކާއި، ފައިން އާޓް އެންޑް ސްޓޯރީ ވަރކްޝޮޕާއި، މިއަހަރު ހިންގެވި ވޯޓަރ ކަލަރ ވަރކްޝޮޕް، "ދުސިތު ތާނީ މޯލްޑިވްސް" ފާހަގަކޮށްލަންޖެހެއެވެ.

އަފްޟަލަކީ ތިމާވެށީގެ ޙިމާޔަތާއި ރައްކާތެރިކަމަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން އޭނާ ކުރައްވާފައިވާ ތިމާވެށްޓާ ރައްޓެހި ބައެއް އާޓް އަދި އުފެއްދުންތެރިކަން ދައްކައިދޭ މަސައްކަތްތައް، މިކަމުގެ ހެއްކަކަށް ފުދެއެވެ. ޚާއްޞަ ގޮތެއްގައި، ތިމާވެށްޓާމެދު ހޭލުންތެރިކުރުވުމުގެ ގޮތުން، އުކާލެވޭ ފުޅިން ތައްޔާރުކުރެވުނު ރާފްޓް އެއީ އޭނާގެ ޚާއްޞަ މަސައްކަތެކެވެ. މީގެއިތުރުން، އުކާލެވޭ ދަގަނޑުންވެސް އޭނާ ވަނީ ބައެއް ތަކެތި އުފައްދަވާފައެވެ.

ކޮންމެ މަސައްކަތަކީވެސް ކެރިގެން ޝައުޤުވެރިކަމާއެކު ކުރާ މަސައްކަތެއް ކަމަށްވާނަމަ، މާތްގެ ރަޙްމަތްފުޅާއެކު އެކަމުގެ ހެޔޮ ނަތީޖާ، ކޮންމެވެސް ދުވަހަކުން ފެންނާނެކަމީ، އަފްޟަލް ގަބޫލު ކުރައްވާ ޙަޤީޤަތެކެވެ. އެކަން އޭނާ ވަނީ ތަޖުރިބާ ކުރައްވާފައެވެ. އަފްޟަލް ޝާފިޢުގެ އުންމީދަކީ، ރާއްޖޭގައި މިފަންނުން ކުރިއަށްދާ ޒުވާނުން އިތުރުވެގެން ދިޔުމެވެ. މިފަންނު ރާއްޖޭގައި ކުރިއަރައި، ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރާ ޒުވާނުންތަކެއް މިރޮނގުން ރާއްޖެއިން ފެނިގެން ދިޔުމެވެ.