އަލްފާޟިލް މުޙައްމަދު ފަޔާޟު ޢަލީ ރިޟާ
މއ. ކުރިކީލަގެ

ދިވެހިންގެ ޙާލަތަށާއި ބޭނުންތަކަށް އެންމެ ރަނގަޅުވާނެ ގޮތްތަކަށް ބައްލަވައިގެން، ފިޓްނަސް ތެރަޕިސްޓެއްގެ ގޮތުގައި، ކުޅިވަރުގެ ދާއިރާއިން ކަސްރަތު ކުރުމާއި، ކަސްރަތު ކުރިއެރުވުމުގެ މަސައްކަތް ކުރައްވާ މުޙައްމަދު ފަޔާޟް ދަންނަނީ ހަމައެކަނި ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނެއް ނޫނެވެ. އެކި ބަލިތަކަށް ޚާއްޞަކޮށް، ކަށީގެ ބަލިތަކަށް ފަރުވާ ބޭނުންވެފައިވާ ދިވެހިންގެ އެތައް ބަޔަކު އޭނާ ދަނެއެވެ. އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރު ނަމުން ދަންނަވާނަމަ، "ފިއްޓޭ" މިރޮނގުން ކުރިއަށް ވަޑައިގަތުމަށް ޢަޒުމް ކަނޑައެޅުއްވީ، ފުޓްބޯޅަ ކުޅުއްވަން އުޅުއްވި ދުވަސްވަރުއެވެ.

މުޙައްމަދު ފަޔާޟަކީ، ކްލަބް ވެލެންސިޔާއިން މަޝްހޫރު ވެގެންދިޔަ ކުޅުންތެރިއެކެވެ. 1986 ވަނަ އަހަރު ފުޓްބޯޅަ ކުޅުއްވަން ފަށްޓަވައި، 2001 ވަނަ އަހަރާ ހަމަޔަށް ފުޓްބޯޅަ ކުޅުއްވުމުގައި ދެމިހުންނެވިއެވެ. 1995 ވަނަ އަހަރު ކަސްރަތުގެ ދާއިރާއަށް ނުކުމެވަޑައިގެން، ރާއްޖޭގައި މިރޮނގުން އެކި ކޯސްތައް ފުރިހަމަކުރެއްވިއެވެ. އަދި ރާއްޖެއިން ބޭރުގައިވެސް ކުރު މުއްދަތުގެ ކޯސްތަކާއި، ވަރކްޝޮޕްތަކުގެ އިތުރުން، މެލޭޝިޔާގައި ސްޕޯޓްސް މެނޭޖްމަންޓްގެ ރޮނގުން ކިޔަވައި ވިދާޅުވިއެވެ. މީގެއިތުރުން، ފިޓްނަސް ނިއުޓްރިޝަންގެ ގޮތުންނާއި، ފިޒިކަލް ތެރަޕީ އެއިޑްގެ ރޮނގުންނާއި، އެކްސަރސައިޒް ތެރަޕީގެ ރޮނގުން އިންޓަރނޭޝަނަލް ޓްރޭނިންގ ހައްދަވައި، މިރޮނގުތަކުން ޑިޕްލޯމާ ހާސިލު ކުރައްވާފައިވެއެވެ. އަދި މިރޮނގުން ތަޖުރިބާ ހޯއްދަވައިގެން، އެކްސަރސައިޒް ތެރަޕީގެ ސްޕެޝަލިސްޓެއްގެ ދަރަޖަ އޭނާ ހޯއްދެވިއެވެ.

މުޙައްމަދު ފަޔާޟު ވަނީ ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުންނާއި، ލެކްޗަރަރއެއްގެ ގޮތުން، 1995 ން ފެށިގެން 2003 ވަނަ އަހަރާ ހަމަޔަށް ރާއްޖޭގެ އެކި ތަންތަނުގައި ޚިދްމަތް ކުރައްވާފައެވެ. އަމިއްލައަށް ކަސްރަތުތައް އުފައްދަވައި، މުހިންމު ބައެއް ކަސްރަތުތައް މޮޑިފައި ކުރައްވައިގެން، އަމިއްލަ ފިޓްނަސް ސެންޓަރެއް އުފެއްދެވުމުގެ ކުރިން، ފިޓްނަސް ތެރަޕިސްޓެއްގެ ޚިދްމަތް، 2002 ވަނަ އަހަރު އޭނާ ދެއްވަން ފެށްޓެވިއެވެ. އަދި އެ ފެށްޓެވި މަސައްކަތް ހުއްޓަވައިނުލައްވައި، މިހާރުވެސް ގެންދަވަނީ ތަރައްޤީ ކުރައްވަން މަސައްކަތް ކުރައްވަމުންނެވެ. އަމިއްލަ ފުރަތަމަ ފިޓްނަސް ސެންޓަރު ޤާއިމުކުރެއްވީ 2009 ވަނަ އަހަރުއެވެ. ރީހެބިލިޓޭޝަން ޚިދްމަތާއެކު ހިންގަވާ މި ސެންޓަރުން ޒަމާނީ ފެންވަރުގެ ޚިދްމަތްތަކެއް ދެއްވަމުން ގެންދަވައެވެ. "ފިޓް ފޮރ ލައިފް"ގެ ނަމުގައި އަމިއްލަ ބްރޭންޑެއް ތައްޔާރުކުރައްވައިގެން، މި ދެއްވާ ޚިދްމަތް، ޤައުމުގެ ހުރިހާ ފެންވަރެއްގެ، ހުރިހާ ގިންތިއެއްގެ މީހުން ހޯދައެވެ. އަދި  އެ ޚިދްމަތަށް އެމީހުންގެ ތަޢުރީފް ލިބެމުންދެއެވެ. އައްޑުއަތޮޅުގައި "ފިޓް ފޮރ ލައިފް"ގެ ގޮތްޕެއް، 2010 ވަނަ އަހަރުން ފެށިގެން ހިންގަވަމުން ގެންދަވައެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި، މިސެންޓަރުގެ ގޮތްޕެއް މެލޭޝިޔާގައި ހުޅުވުމަށް އޭނާ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މުޙައްމަދު ފަޔާޟަށް މި މަސައްކަތުގައި ލިބިވަޑައިގަންނަވާ އެންމެބޮޑު ހިތްޕުޅުހަމަޖެހިވަޑައިގަތުމަކީ، މާތްގެ އިރާދަފުޅާއެކު، އަމިއްލަ މަފްހޫމަކަށް ހެއްދެވި ކަސްރަތުތަކެއްގެ އަމިއްލަ ބްރޭންޑެއް ނެރުއްވުމެވެ. އޭނާގެ މި އަމިއްލަ އުފެއްދުމުގެ  ޚިދްމަތަށް އެތައް ބަޔަކު އިތުބާރުކުރާއިރު، އޭގެތެރޭގައި، ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، އެކިފެންވަރުގެ ޞިއްޙީ މަސައްކަތްތެރިން ހިމެނޭކަންވެސް އެއީ އޭނާއަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެކެވެ. 

މުޙައްމަދު ފަޔާޟުގެ އުންމީދަކީ، އޭނާގެ މި ޚިދްމަތް ރާއްޖޭގަޔާއި އަދި ރާއްޖެއިން ބޭރުގައިވެސް އިތުރަށް ފުޅާކުރެއްވުމެވެ. މި ޚިދްމަތުގައި ހިތްވަރާއި ސާބިތުކަންމަތީ ދެމިހުންނެވުމެވެ. އަދި އެކި މީހުންނަށް މިކަން ދަސްކޮށްދެއްވުމެވެ. ފޯރުންތެރިކަން ކުޑަމީހާވެސް މި ޚިދްމަތުން މަޙްރޫމް ނުކުރެއްވުމެވެ. މި ޚިދްމަތުގައި ޤައުމަށް އިތުރު ލާބަޔާއި މަންފާ ހޯއްދަވައި ދެއްވައި، އަންނަން އޮތް ޖީލުތަކަށް މިކަން ވާރުތަކޮށްދެއްވުމެވެ.