އަލްފާޟިލާ މުއުމިނާ އާދަމް
ގ. ހާފްސީ

މުއުމިނާ އާދަމަކީ، ރާއްޖޭގެ ކުޅިވަރަށް ގިނަގުނަ ޚިދްމަތްތަކެއް ކުރައްވާފައިވާ އަދި އެކިއެކި ކުޅިވަރުތައް ކުޅުއްވައި، ފާހަގަކުރެވޭފަދަ ކާމިޔާބީތަކެއް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. މުއުމިނާ އެންމެ ފުރަތަމަ ކުޅިވަރު މައިދާނުގައި ވިދާލީ، ކުޅަދާނަ އެތުލީޓެއްގެ ގޮތުގައެވެ. އެގޮތުން، ސްކޫލްގައި އުޅުއްވި ދުވަސްވަރު ބޭއްވުނު ކަސްރަތު މުބާރާތްތަކުގައި، 100 މީޓަރާއި 200 މީޓަރުގެ ދުވުންތަކާއި، ދިގު ފުންމުމުން އޭނާވަނީ ރަން ވަނަތަކެއް ހާސިލު ކުރައްވާފައެވެ.

ތަޢުލީމީ ދައުރު ނިންމެވުމަށްފަހު، ކުޅިވަރުގެ ދަނޑުތަކުން މުއުމިނާ ފެންނަން ފެށިއެވެ. ބާސްކެޓް ބޯޅައާއި، ނެޓްބޯޅައާއި އަދި ވޮލީފަދަ ކުޅިވަރުތައް ކުޅުއްވައި، ގިނަ ކާމިޔާބީތަކެއް ހޯއްދެވިއެވެ .ޚާއްޞަކޮށް، ނެޓްބޯޅައިގައި މުއުމިނާއަކީ، ރާއްޖޭގެ އެންމެ ކުރީ ސަފުގައި ހޮވާލެވޭ ކުޅުންތެރިއެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ޤައުމީ ނެޓްބޯޅަ މުބާރާތުން އޭނާ ފެނިގެން ދިޔައީ، އެންމެ މޮޅު އެޓޭކިންގ ކުޅުންތެރިޔާގެ ގޮތުގައެވެ.

މުއުމިނާ އާދަމަކީ ނެޓްބޯޅަ ކުޅެން ޝައުޤުވެރިވާ ކުދިން ތަމްރީނުކޮށްދެއްވުމުގައި ކާމިޔާބު ކޯޗެއްވެސް މެއެވެ. 1995 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި 3 އަހަރު، އިސްކަންދަރު ސްކޫލްގެ ދަރިވަރުންނަށް ނެޓްބޯޅަ ފަރިތަކޮށްދެއްވިއެވެ. އޭގެފަހުން ޢިމާދުއްދީން ސްކޫލަށްވެސް އޭނާ ޚިދްމަތް ކޮށްދެއްވިއެވެ. އަދި ރާއްޖޭގެ ނެޓްބޯލް އެސޯސިއޭޝަންގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިވެސް ޚިދްމަތް ކުރެއްވިއެވެ. އަދި 2013 ވަނަ އަހަރާއި، 2014 ވަނަ އަހަރު، ނެޓްބޯޅަ މުބާރާތުން ތާޖުއްދީން ސްކޫލް ހޯދި ކާމިޔާބީގެ ފަހަތުގައިވެސް ވަނީ މުއުމިނާ ކުރެއްވި މަސައްކަތްތަކެވެ. މީގެއިތުރުން، ފުރަތަމަފަހަރަށް އަތޮޅުތަކަށް ނެޓްބޯޅަ ތަޢާރުފު ކުރެއްވުމަށް ނެޓްބޯލް އެސޯސިއޭޝަނުން ކުރެއްވި މަސައްކަތުގެ އެންމެ ކުރީ ސަފުގައިވެސް ހުންނެވީ މުއުމިނާއެވެ.

ތަޢުލީމީ ޙަޔާތް ނިންމަވައިލެއްވުމަށްފަހު، އޭނާ ގުޅިވަޑައިގަތީ ދިވެހިރާއްޖޭގެ އަޑާއެވެ. ދިވެހިރާއްޖޭގެ އަޑުގައި ހޭދަކުރެއްވި 14 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި، މުއުމިނާ ފާހަގަވެގެން ގޮސްފައިވަނީ، ތަފާތު ޕްރޮގްރާމްތަކެއް އުފައްދަވައި، އެހުންތެރިންގެ މަޤްބޫލުކަން ހޯއްދަވާފައިވާ ކުޅަދާނަ ޕްރޮޑިއުސަރެއްގެ ގޮތުގައެވެ. ކުޅިވަރަށް އޭނާގެ ހިތްޕުޅުގައި އޮންނަ ލޯތްބެއްގެ ބޮޑުކަމުން، އޭނާ އުފައްދަވާ ދިވެހިރާއްޖޭގެ އަޑުގެ ގިނަ ޕްރޮގްރާމްތައްވެސް އަމާޒުކުރެވިފައިވަނީ ކުޅިވަރުގެ ދާއިރާއަށެވެ. 

ކުޅިވަރު ކުޅުމާއި، ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިން މުއުމިނާ އާދަމް ކުރައްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވައި، 2002 ވަނަ އަހަރު ސަރުކާރުން އޭނާއަށް ވަނީ ޒުވާނުންގެ ޤައުމީ އިނާމު އަރުވާފައެވެ.

މުއުމިނާ އާދަމް މިއަދު ހުންނެވީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ކަމަށްވިޔަސް، އޭނާގެ ޚިދްމަތް ކުޅިވަރުގެ ދާއިރާއަށް މިއަދުވެސް ދަނީ މެދުކެނޑުމެއްނެތި ލިބެމުންނެވެ. ޚާއްޞަކޮށް، މިހާރުވެސް އެކިއެކި ފަރާތްތަކަށް ނެޓްބޯޅަ ދަސްކޮށްދެއްވުމުގައި ގިނަ ވަގުތުތަކެއް އޭނާ ހޭދަކުރައްވައެވެ.

މުއުމިނާގެ އުންމީދަކީ، ރާއްޖޭގައި ނެޓްބޯޅަ ތަރައްޤީ ކުރުމަށްޓަކައި ކުރެވެންހުރި މަސައްކަތްތައް ކުރުމުގައި، ވެވަޑައިގެންނެވި ވަރަކުން އެހީތެރިވެދެއްވައި، ރަނގަޅު ކުޅުންތެރިން އުފައްދަވައި ދެއްވުމެވެ. އަދި ނެޓްބޯޅައަށް ވީހާވެސް ގިނަ ޒުވާނުން ޝައުޤުވެރިކުރުވާފަދަ ގޮތަކަށް، މި ކުޅިވަރުގެ ޙަރަކާތްތައް ބައްޓަން ކުރުމަކީވެސް މިއަދު ވަރަށް މުހިންމު ކަމެއް ކަމަށް މުއުމިނާ ދެކެވަޑައިގަންނަވައެވެ.