އަލްފާޟިލް ޙަސަން ޒިޔާއު
ބޯށިވަލުގެ / ސ.ހިތަދޫ

 ޙަސަން ޒިޔާއުއަކީ ނޫސްވެރިކަމާއި، މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލު ކުރައްވާފައިވާ އަދި އެ ދާއިރާއިން މީހުން ބިނާކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ނޫސްވެރިކަމުގެ ދާއިރާއިން މީހުން ތަމްރީނު ކުރެއްވުމަށާއި، އެ ދާއިރާއަށް މީހުން ޝައުޤުވެރިކުރެއްވުމަށްޓަކައި އޭނާ ކުރައްވާފައިވާ ގިނަ މަސައްކަތްތަކަކީ، ހިލޭ ސާބަހަށް ކުރައްވާފައިވާ މަސައްކަތްތަކެވެ. މިގޮތުން، މޯލްޑިވްސް މީޑިއާ ކައުންސިލާއި އައްޑޫ އޮންލައިންއާ ގުޅިގެން، އައްޑޫސިޓީގައި ނޫސްވެރިކަމުގެ އަސާސީ ތަމްރީނު ޕްރޮގްރާމެއް ވަނީ ހިންގަވައިދެއްވާފައެވެ. ނޫސްވެރިކަމުގެ ދާއިރާއިން މީހުން ތަމްރީނު ކުރެއްވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުން ކުރިއަށް ގެންދެވި، ސެޓްފިކެޓް އިން ޖާނަލިޒަމް ކޯހުގައިވެސް ހިލޭ ސާބަހަށް ކިޔަވައިދެއްވާފައިވެއެވެ. އަދި ސްކޫލްތަކުގެ ދަރިވަރުން ނޫސްވެރިކަމަށް ޝައުޤުވެރިކުރެއްވުމަށް ސްކޫލްތަކުގެ ކުލަބުތަކުން ކުރިއަށްގެންދާ ނޫސްވެރިކަމާބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމް، ހިލޭ ސާބަހަށް ހިންގަވައިދެއްވިއެވެ. މީގެއިތުރުން، ބައެއް އޮފީސްތަކާއި މުއައްސަސާތަކުގެ މީޑިއާ ސެކްޝަންގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައްވެސް ހިންގަވައިދެއްވާފައިވެއެވެ. އަދި ގިނަ އަތޮޅުތަކަށް ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ރާއްވަވައި، އެ މަސައްކަތް މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ.

ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގައި އޭނާ ޚިދްމަތް ކުރައްވަމުން ގެންދަވާތާ މިވީ ކުރު މުއްދަތުގެ ތެރޭގައި، ގިނަ ކާމިޔާބީތަކެއް އޭނާވަނީ ހާސިލު ކުރައްވާފައެވެ. މިއަދު އޭނާ ހުންނެވީ އެމް.ބީ.ސީ.ގެ ސީނިއަރ އެޑިޓަރ ކަމުގެ މަގާމުގައެވެ.

ޒުވާނުންގެ ދާއިރާއިން ޚަބަރާއި މަޢުލޫމާތު ފެތުރުމާއި ހުށަހެޅުމުގެ ހުނަރުވެރިކަމުގެ ރޮނގުން ޙަސަން ޒިޔާއުއަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމެއް މިއަދު މި ލިބިވަޑައިގަންނަވަނީ، ޓެލެވިޜަން މޯލްޑިވްސްގައި ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ޚިދްމަތްތަކުގެ ސަބަބުން އެކަންޏެއް ނޫނެވެ. ހަމައެއާއެކު، ކުރިން ދެންނެވިހެން މިރޮނގުން މީހުން ބިނާކުރެއްވުމަށް އޭނާ ކުރައްވާފައިވާ މަސައްކަތްތަކާއި، ހިލޭ ސާބަހަށް ކޮށްދެއްވި މަސައްކަތްތަކުގެ ސަބަބުންވެސް މެއެވެ. މީގެއިތުރަށް، ތަފާތު ބައިނަލްއަޤްވާމީ މީޑިއާގެ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލު ކުރެއްވުމަށް އޭނާ ކުރައްވާފައިވާ މުހިންމު މަސައްކަތްތަކަށްޓަކައެވެ.

ޙަސަން ޒިޔާއު ހުށަހަޅުއްވަމުން ގެންދަވާ ޕްރޮގްރާމްތަކުގެ ތެރޭގައި، އެންމެ ފާހަގަކޮށްލެވެނީ، "ރާއްޖެ މިއަދު" ޕްރޮގްރާމެވެ. އޭނާއަކީ އެ ޕްރޮގްރާމްގެ އެގްޒެކެޓިވް ޕްރޮޑިއުސަރެވެ. ޙަސަން ޒިޔާއު އުފައްދަވައި ހުށަހެޅުއްވި ބައެއް ޕްރޮގްރާމްތަކަށް ބަލާއިރު، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ޙަޔާތްޕުޅާ ބެހޭގޮތުން އޭނާ ތައްޔާރުކުރެއްވި "ރިޔާސީ ކެންޑިޑޭޓް" ޕްރޮގްރާމް، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.

ޙަސަން ޒިޔާއު ބައިވެރިވެވަޑައިގެންފައިވާ ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގެ ތެރޭގައި، 2013 ވަނަ އަހަރުގެ ނޮވެންބަރު މަހު އިންޑިއާގެ ނިއުދިއްލީގައި ބޭއްވުނު، ސަރަޙައްދީ އެޑިޓަރުންގެ މަހާސިންތާއާއި، އ.ދ.ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާއިން 2011 ވަނަ އަހަރުގެ ޖޫންމަހު ބޭއްވި، މީޑިއާ ފޯރަމް ޖަރނަލިޒަމް އެންޑް އެންވަޔަރަންމަންޓާއި، 2009 ވަނަ އަހަރުގެ މެއި މަހު ޖަރުމަނުވިލާތުގެ އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ޖަރނަލިޒަމުން ބޭއްވި، ފްރީޑަމް އެންޑް ރެސްޕޮންސިބިލިޓީ އިން މީޑިއާ ފޯރަމް ހިމެނެއެވެ.

މިއަދު ޙަސަން ޒިޔާއުއަކީ، ރާއްޖޭގެ ޒުވާނުންނަށް ރީތި މިސާލެއް ދައްކަމުން ގެންދަވާ ބޭފުޅެކެވެ. ކޮންމެ ޒުވާނަކުވެސް އެ ޒުވާނަކު ކުރިއަށްދާން އެދޭ ރޮނގަކުން ވަރުގަދަ ޢަޒުމަކާއި ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ، އެކަން ކާމިޔާބުވާނެކަމާއި، ބޭނުންވަނީ އިޚްލާޞްތެރިކަމާއި އިތުބާރާއެކު މަސައްކަތުގައި ދެމިހުރުންކަން އޭނާވަނީ ސާބިތުކޮށްދެއްވާފައެވެ.