އަލްފާޟިލް މުޙައްމަދު ޢަރީފް
ނަރުގިސްވިލާ/ ރ. ރަސްމާދޫ

ދިވެހިންގެ ޘަޤާފީ ކުޅިވަރުތައް ކުޅެ، އެ ކުޅިވަރުތައް ދިރުވުމުގެ ޝައުޤުވެރިކަން، މުޙައްމަދު ޢަރީފްގެ ހިތްޕުޅުގައި އުފެދުމުގެ އެންމެބޮޑު ސަބަބަކީ، ދިވެހި ޘަޤާފީ ކުޅިވަރުގެ ޢާއިލާއަކަށް އޭނާ އުފަންވުމެވެ. އޭނާގެ ޢާއިލާގެ ބޭފުޅުންނަކީ ޘަޤާފީ ކުޅިވަރުތަކުގެ މޭސްތިރިންނެވެ. ޘަޤާފީ ކުޅިވަރުތައް، އޭނާ ދަސްކުރައްވަން ފެށްޓެވީ 1982 ވަނަ އަހަރުއެވެ.

މުޙައްމަދު ޢަރީފު ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވައިވިދާޅުވަމުން ގެންދެވިއިރު މީދޫގައި ތިއްބެވި ޘަޤާފީ ކުޅިވަރުގެ މުރްޝިދުންގެ އެހީޔާއެކު، ބޮޑުބެރުޖެހުމާއި، ގާއޮޑި ލަވަޔަށް ނެށުމުގެ ޙަރަކާތްތައް ދަސްކުރެއްވިއެވެ. ހަމަމިއާއެކު، މުޙައްމަދު ޢަރީފް ޘަޤާފީ ކުޅިވަރު ކުޅުމުގައި މިއަދާ ހަމަޔަށްވެސް ދެމިހުންނެވުމުގެ އަޞްލަކީ، އޭނާގެ އަމިއްލަ ރަށް ކަމުގައިވާ ރ. ރަސްމާދުއަކީ ޘަޤާފީ ކުޅިވަރަށް ލޯބިކުރާ ގިނަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށަކަށްވީކަމެވެ.

މުޙައްމަދު ޢަރީފް މާލޭގައި ބެރުޖެހުމާއި، ނެށުމާއި، ޘަޤާފީ އެކިއެކި ޙަރަކާތްތައް ފެށްޓެވީ، ހެންވޭރު މީނާޒް ޙަމްދޫން ޙަމީދުގެ ބެއްލެވުމުގެ ދަށުން، މީނާޒް ގްރޫޕާ ގުޅިވަޑައިގެން، ބެރުޖައްސަވަން ފެށްޓެވި ހިސާބުންނެވެ. އަދި އޭރު އުފެދުނު ގަގްނަސް ތަރާނާ ގްރޫޕްގައިވެސް މުޙައްމަދު ޢަރީފް، މުހިންމު ޙިއްޞާއެއް އަދާކުރެއްވިއެވެ.

މުޙައްމަދު ޢަރީފް ޓީޗަރސް ޓްރޭނިންގ ކޯސް ފުރިހަމަކުރެއްވުމަށްފަހު، ވަޒީފާ އަދާކުރައްވަން ފެށްޓެވީ، ކަލާފާނު ސްކޫލުގައެވެ. އޭގެފަހުން 1993 ވަނަ އަހަރު ރަސްމާދޫ ސްކޫލް ހިންގެވުމާ ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން ރަސްމާދޫގައި ކުޅެވޭ ޘަޤާފީ ކުޅިވަރުތަކުގައި ޢަމަލީގޮތެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދާ ހަމަޔަށް މި ދާއިރާއަށް ގިނަ އަދަދެއްގެ ކުދިން މުޙައްމަދު ޢަރީފް ވަނީ ނެރުއްވައިދެއްވާފައެވެ. 2003 ވަނަ އަހަރުގެ މިނިވަންދުވަހުގެ ކުޅިވަރު އައިޓަމްތަކާ ގުޅިގެން، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އެދިވަޑައިގަތުމުގެ މަތިން ރ. އަތޮޅާއި ކ. އަތޮޅުގެ 5 ރަށެއްގެ މީހުން ހިންމަފުށްޓަށް ގެންދަވައިގެން، 120 މީހަކަށް ކުޅިވަރު ދަސްކޮށްދެއްވިއެވެ. އަދި އެން.ސީ.އޭ.ގެ ފަރާތުން އައްޑުއަތޮޅުގެ އެކިރަށްރަށަށް ހިންގެވި ޘަޤާފީ ކުޅިވަރު ދަސްކޮށްދީ ދިރުވައި އާލާކުރުމުގެ ޕްރޮގްރާމްގެ ދަށުން 65 ޒުވާނުންނަށް ބޮޑުބެރުޖެހުމާއި، ލަނގިރި ޖެހުމާއި، ދަފިނެގުމާއި، ލަވަކިޔުމާއި، ބޮޑުބެރަށް ނަށަން ދަސްކޮށްދެއްވިއެވެ. މީގެއިތުރުން، މިނިވަންދުވަހާއި، ޤައުމީ ދުވަހާއި، އަދި އެހެން ޚާއްޞަ މުނާސަބަތުތަކާ ގުޅިގެން ބާއްވާ ޘަޤާފީ ކުޅިވަރުތައް ދަސްކޮށްދެއްވުމުގައިވެސް މުޙައްމަދު ޢަރީފް ވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މީގެއިތުރުން ބައެއް ސްކޫލްތަކަށާއި، ކޮލެޖްތަކަށާއި، ކުންފުނިތަކަށާއި، ބައެއް ރިޒޯޓުތަކަށް، މުޙައްމަދު ޢަރީފް ގެންދަވަނީ މިރޮނގުން ޚިދްމަތް ކޮށްދެއްވަމުންނެވެ.

މުޙައްމަދު ޢަރީފަކީ، އެކި ފަރާތްތަކުން ބާއްވަމުން ގެންދާ ޘަޤާފީ ކުޅިވަރުތަކާއި، ބޮޑުބެރުޖެހުމުގެ މުބާރާތްތަކުގެ ފަނޑިޔާރުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މުޙައްމަދު ޢަރީފްގެ ޚިދްމަތުގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، މިހާތަނަށް ޘަޤާފީ އެކިއެކި ކުޅިވަރުތައް، ސްކޫލްތަކުގެ ދަރިވަރުންނަށާއި ޒުވާނުންނަށް ދަސްކޮށްދެއްވިއިރު، އެމަސައްކަތުގެ 90 އިންސައްތައަކީ، ހިލޭ ސާބަހަށް އެއްވެސް އުޖޫރައެއްނެތި ކޮށްދެއްވި މަސައްކަތަކަށްވާކަމެވެ.

މުޙައްމަދު ޢަރީފަށް މިއަދު ލިބިވަޑައިގަންނަވާ އެންމެބޮޑު އެއް އުފަލަކީ، އޭނާ މަސައްކަތް ދަސްކޮށްދިން ދަރިވަރުންނާއި ޒުވާނުން، ޘަޤާފީ ކުޅިވަރު ކުޅުމުގައި ޢަމަލީގޮތެއްގައި މިއަދު ޙަރަކާތްތެރިވަމުން ދިޔުމާއި، ޚާއްޞަކޮށް، މުޙައްމަދު ޢަރީފުގެ ދޮށީ ފިރިހެން ދަރިފުޅު ޢަބްދު މާނިޢު ޢަރީފް އަދި ހަގު ދަރިފުޅު މަރްޔަމް ޢުޒްމާ ޢަރީފް، މިދާއިރާގައި ޙަރަކާތްތެރިވަމުން އަންނަކަމެވެ. އަދި މުޙައްމަދު ޢަރީފްގެ އުންމީދަކީ، މިރޮނގުން ކުރިއަށް ވަޑައިގެން، ބޮޑުބެރާއި ޘަޤާފީ ކުޅިވަރުތައް، އޭގެ އަސްލު ނުގެއްލޭގޮތަށް ކުޅެ، ޒަމާންތަކަށް ދިރުއްވުމެވެ.