އަލްފާޟިލް އަންވަރު އިބްރާހީމް
މަންޒިލް/ބ.ތުޅާދޫ

ދިވެހިބަހުގެ އަދަބީ ޙަރަކާތްތަކުގައި އަންވަރު އިބްރާހީމްގެ ނަމަކީ، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ނަމެކެވެ. އަދަބިއްޔާތުގެ ދާއިރާއިން އޭނާގެ އެންމެ ޚާއްޞަ ފަންނަކީ، ވާހަކަ ދެއްކުމާއި ބަޙުޘް ކުރުމުގެ ފަންނެވެ. މި ރޮނގުން މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އޭނާވަނީ ފަޚްރުވެރި ކާމިޔާބީތަކެއް ހާސިލު ކުރައްވާފައެވެ.

އަންވަރުގެ ހިތްޕުޅުގައި ދިވެހިބަހަށް ޝައުޤުވެރިކަން އުފެދުނީ، މާލޭ އިންގްލިޝް ސްކޫލުގައި ތަޢުލީމު ހާސިލުކުރައްވަމުން ގެންދެވި ދުވަސްވަރުއެވެ. ސްކޫލު ފެންވަރުގައިވެސް އޭނާވަނީ ގިނަ ކާމިޔާބީތަކެއް ހާސިލު ކުރައްވާފައެވެ. 2000 ވަނަ އަހަރު، މަދްރަސީ ދައުރު ނިންމަވާލެއްވުމަށްފަހު، އަންވަރު ފެނިގެންދިޔައީ ދިވެހި މުދައްރިސެއްގެ ގޮތުގައެވެ. އޭނާ އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ، ޤައުމީ ފެންވަރުގެ އެކި މުބާރާތްތަކުން ހޯއްދަވާފައިވާ ކާމިޔާބީތަކުންނެވެ. ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުން ކުލަގަދަ ވަނަތަކެއް، އެތަކެއްފަހަރު އޭނާވަނީ ހާސިލު ކުރައްވާފައެވެ.

ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތްތަކަށާއި، ސްކޫލު ފެންވަރުގައި ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތަށް ކުދިން ތައްޔާރުކޮށްދެއްވުމަކީ، އަންވަރު ވަރަށް ޝައުޤުވެރިކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ. އަދި ވާހަކަ ދެއްކުމުގެ ހުނަރު، ތުއްތު ކުދިންގެ ކިބައިގައި އަށަގެންނެވުމަށާއި، އެކަމަށް ކުދިން ޝައުޤުވެރި ކުރެއްވުމަށާއި، ވާހަކަ ދެއްކުމުގެ ފަންނު ޒުވާނުންނަށް ދަސްކޮށްދެއްވުމުގެ މަސައްކަތް ކުރައްވައި، ޒުވާނުން މި ދާއިރާއަށް ނެރުއްވައި ދެއްވާފައިވެއެވެ. މި ރޮނގުން އަންވަރުގެ ޚިދްމަތް މިހާރުވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. އަދި އެކަމުގެ ނަތީޖާވެސް މިދަނީ ފެންނަމުންނެވެ. އަންވަރުގެ އިރުޝާދާއި އެހީތެރިކަމުގެ ދަށުން މާލޭގެ އެކި ސްކޫލުތަކުގެ ދަރިވަރުންނަށް ގިނަ ކާމިޔާބީތަކެއް ވަނީ ލިބިފައެވެ.

ވާހަކަދެއްކުމުގެ ފަންނުން ހިލޭ ސާބަހަށްވެސް ގިނަ މަސައްކަތްތަކެއް އަންވަރު  ގެންދަވަނީ ކޮށްދެއްވަމުންނެވެ. މިގޮތުން، އަތޮޅު މުބާރާތްތަކަށް ދަރިވަރުން ތަމްރީނު ކޮށްދެއްވުމާއި، ވާހަކަ ދައްކަން ދަސްކޮށްދިނުމުގެ ކުލާސްތައް ހިންގެވުން ހިމެނެއެވެ. ވާހަކަ ދައްކަން ދަސްކޮށްދިނުމުގެ ކުލާސްތައް، އެކި ސްކޫލުތަކުގައި ހިންގަވައިދެއްވާފައިވެއެވެ. މީގެއިތުރުން، ވާހަކަދެއްކުންތެރިކަމަށް ޚާއްޞަ ކުރައްވައި، ވީ.ޓީވީ އިން ފޮނުއްވި [ރިހިދޫ] ޕްރޮގްރާމް ހުށަހަޅުއްވައި ދެއްވުމާއި، ދިވެހިރާއްޖޭގެ އަޑުން ބޭއްވި އޮފީސްތަކުގެ ބަޙުޘް މުބާރާތް، ދެއަހަރު ހުށަހަޅުއްވައިދެއްވުމާއި، ވާހަކަ ދެއްކުމުގެ އަތޮޅު މުބާރާތްތަކާއި، ޒޯން މުބާރާތްތަކުގައި ފަނޑިޔާރުކަން ކޮށްދެއްވުން ހިމެނެއެވެ.

ސްކޫލުތަކުގެ ދަރިވަރުން އަދަބީ ކަންކަމުގައި ލޯބި އުފެއްދެވުމަށާއި، އެދާއިރާއިން ކުރިއަށް ދިޔުމަށް އަދަބީ ޖަމްޢިއްޔާތަކުން އަދާކުރާ މުހިންމު ދައުރުގައި، އަންވަރުގެ ޙިއްޞާ ވަރަށް ބޮޑެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 2013 ވަނަ އަހަރު ބެޗްލަރ އޮފް އާޓްސްދިވެހި ލޭންގްވިޖް ކޯސް ފުރިހަމަކުރައްވައި، އެކޯހުން އަންވަރު ވަނީ 1 ވަނަ ހޯއްދަވާފައެވެ. މިގޮތުން، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް، މިދިޔަ އަހަރު އޭނާވަނީ ހާސިލު ކުރައްވާފައެވެ. މީގެއިތުރުން، ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތާއި، ޅެންހެދުމުގެ ޤައުމީ މުބާރާތާއި، މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތްފަދަ ޤައުމީ ފެންވަރުގެ  11އަދަބީ މުބާރާތަކުން އަންވަރުވަނީ 1 ވަނަ ހޯއްދަވާފައެވެ.

ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ އެސޯސިއޭޓް ލެކްޗަރަރއެއްގެ ގޮތުގައި އަންވަރު މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދަބީ ދާއިރާއިން ކުރިއަށް ވަޑައިގަތުމަށް އޭނާގެ ހިތްޕުޅުގައި އުފެދިފައިވާ ޝައުޤުވެރިކަމަށް ކުޑަވެސް ފަނޑުކަމެއް ނާދެއެވެ. މިހާރުވެސް އޭނާ ގެންދަވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހިންގަވާ ދިވެހިބަހާއި ޘަޤާފަތުގެ ރޮނގުން މާސްޓަރޒް ކޯސް ފުރިހަމަކުރައްވަމުންނެވެ.