އަލްޤާރީ އަލްޙާފިޡް ޢަބްދުއްރަޝީދު މުޙައްމަދު
ވަވަތި / ށ.ފޭދޫ

 އަލްޤާރީ އަލްޙާފިޡް ޢަބްދުއްރަޝީދު މުޙައްމަދަކީ، ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން ރާއްޖެއަށް ގިނަގުނަ އެތައް ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ށ. ފޭދޫ އަލްޤާރީ އަލްޙާފިޡު ޢަބްދުއްރަޝީދު މުޙައްމަދަކީ، ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ ބޭފުޅެއް ނަމަވެސް، މާތްގެ ހެޔޮ ރަޙްމަތްފުޅުން މިދާއިރާއިން މިއަދު ގިނަގުނަ ކާމިޔާބީތަކެއް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

1998 ން 2000 ވަނަ އަހަރަށް، މަޢްހަދުއް ދިރާސާތިލް އިސްލާމިއްޔާ އިން ހިންގެވި ޤާރީކޯސް އެޑްވާންސް ލެވެލް 4 ން 1 ވަނަ ހޯއްދެވިއެވެ. އަދި މަޢްހަދުގައި ހިންގެވި މުދިމުން ތަމްރީނު ކުރުމުގެ ކޯހުން 1 ވަނަ ހޯއްދެވިއެވެ. 1998  ވަނަ އަހަރު މަދްރަސަތުލް ފަލާޙުން އިންތިޒާމު ކުރެއްވި ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތުން ހިތުން ކިޔެވުމުގެ ބައިން 1 ވަނަ އަދި 1998 ވަނަ އަހަރާއި، 1999 ވަނަ އަހަރު ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުން 18 އަހަރުން މަތީގެ ޢުމުރުފުރައިން ހިތުން ކިޔެވުމުގެ ބައިން 1 ވަނަ ހޯއްދަވާފައިވެއެވެ. ޢަބްދުއްރަޝީދު މުޙައްމަދު، އުމުރުން 19 އަހަރުގައި ކީރިތި ޤުރްއާން ހިތުދަސްކުރައްވައި، 1998 ވަނަ އަހަރު ޙާފިޡު ކަމުގެ ސަނަދު ހާސިލު ކުރެއްވިއެވެ.

އޭރުން ފެށިގެން ކުޑަކުދިންނަށާއި، ބޮޑެތި މީހުންނަށް ކީރިތި ޤުރްއާނާއި ތަޖުވީދު އުނގަންނައިދިނުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރައްވަމުން ގެންދެވިއެވެ. ހަމައެއާއެކު، ކުޑަކުދިންނަށް ޚަތިމްކޮށްދެއްވުމުގެ މަސައްކަތްވެސް އޭނާ ގެންދެވީ ކުރައްވަމުންނެވެ. 2000 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރަށް ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ފަރާތުން ހިންގަވާފައިވާ މިސްކިތްތަކުގައި ކުޑަކުދިންނަށް ޤުރްއާން ކިޔަވައިދިނުމުގެ ކުލާސްތައް ނަންގަވައިދެއްވާފައިވެއެވެ. މިހާރުވެސް އޭނާގެ ގޭގައި ދެ އުމުރުފުރައެއްގެ ކުދިންނަށް ޤުރްއާން ކިޔަވައިދެއްވުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ. އަދި ފިރިހެން ބޭފުޅުންނަށް ޤުރްއާނާއި ތަޖުވީދު ޢިލްމު އުނގަންނައިދެއްވުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ.  2000 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ޙިފްޡު ކުރައްވައި، 14 އަހަރު ވަންދެން ތަރާވީޙު ނަމާދު ކުރައްވާފައިވެއެވެ.

ޢަބްދުއްރަޝީދު މުޙައްމަދަކީ، ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގަޔާއި، ކީރިތި ޤުރްއާން ތަޖުވީދާ އެއްގޮތަށް ކިޔަވައިވިދާޅުވުމުގައި، މާތްގެ ހެޔޮ ރަޙްމަތްފުޅާއެކު، އާދަޔާޚިލާފު ތޫނުފިލިކަމެއް ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން ،މި ފުރުޞަތުގައި ފާހަގަކުރަމެވެ. ކީރިތި ޤުރްއާނުގެ މިވެނި ސޫރަތެއްގެ މިތައްވަނަ އާޔަތަކީ ކޮބައިތޯ އޭނާއާ ސުވާލުކުރައްވައިފިނަމަ ވަގުތުން އެ އާޔަތާއި، އެ އާޔަތުގެ ދިވެހި ތަރުޖަމާ ވިދާޅުވެދެއްވައެވެ. އަދި މިވެނި ކަމަކާ ގުޅޭގޮތުން އޮންނަނީ ކޮން އާޔަތެއްތޯ އައްސަވައިފިނަމަ ،އެ އާޔަތާއި ސޫރަތުގެ ނަންބަރާއި މާނަ ފަސޭހަކަމާއެކު ވިދާޅުވެދެއްވައެވެ.

ޢަބްދުއްރަޝީދު، މާލޭގެ ބައެއް ބޮޑެތި މިސްކިތްތަކާއި، ހުޅުލޭ މިސްކިތާއި، އަތޮޅުތަކުގެ ބައެއް ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާފައިވެއެވެ. މިހާރު އޭނާއަކީ ށ. ފޭދޫ މިސްކިތުގެ އިމާމެވެ. 2010 ވަނަ އަހަރުން ފެށިގެން ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދު އެ މިސްކިތުގައި އިމާމުވެވަޑައިގެން ކުރައްވަނީވެސް ޢަބްދުއްރަޝީދެވެ. ހުކުރު ކުރައްވަނީ، އެ ދުވަހެއްގެ ޚުޠުބާ، އިސްލާމިކް މިނިސްޓްރީން ވެބްސައިޓުގައި ޝާއިޢު ކުރެއްވުމުން، މީހެއްގެ އެހީއާއެކު ޚުޠުބާ ރެކޯޑު ކުރައްވައި، ޚުޠުބާ އެކީގައި ދަސްކުރައްވައިގެންނެވެ. މިއީ، އެއްގޮތަކަށްވެސް ޢަބްދުއްރަޝީދަށް ދަތިފުޅުކަމެއް ނޫނެވެ.

ޢަބްދުއްރަޝީދު އަޅުގަނޑުމެންގެ ތެރެއަށް އެންމެ ބޮޑަށް ވިދާލީ، އެމް.ބީ.ސީ. އިން މުޅި ރާއްޖެއަށް ހުޅުއްވައިލައްވައިގެން، މިއަހަރު ރަމަޟާން މަހު ބޭއްވި ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ މުބާރާތުންނެވެ. މި މުބާރާތުގައި ވާދަކުރައްވައި، ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ މަޤާމު އޭނާވަނީ ހާސިލު ކުރައްވާފައެވެ.

ލޮލުގެ ފެނުމުން މަޙްރޫމްވި ކަމުގައިވިޔަސްވެސް، ޢަބްދުއްރަޝީދުގެ މި ޚިދްމަތުގެ އަގު ވަޒަންކުރައްވައި، ޤައުމީ މިފަދަ ބޮޑު ޝަރަފެއް، ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން މިއަދު ލިބިވަޑައިގަންނަވާކަން އެއީ، އޭނާއަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެކެވެ. ޢަބްދުއްރަޝީދުގެ އުންމީދަކީ، މިދާއިރާއިން ވީހާވެސް ގިނަ އަދަދެއްގެ ކުދިންނާއި މީހުން، ދިވެހި މުޖްތަމަޢަށް ނެރުއްވައިދެއްވައި، ޤުރްއާން އުނގަންނައިދެއްވުމުގެ މަސައްކަތުގައި މުޅި ޙަޔާތް ވޭތުކުރެއްވުމެވެ.