އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ
މީޒާން / ޅ.ނައިފަރު

 

މުޙައްމަދު ޒަކަރިއްޔާ އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފްވެގެން ގޮސްފައިވަނީ، ޞިއްޙީ ދާއިރާއިން ކަމަށްވިޔަސް، ދިވެހިބަހަށް ޚިދްމަތް ކުރެއްވުމަށް އޭނާގެ ހިތްޕުޅުގައި އަބަދުވެސް ޚާއްޞަ ޝައުޤުވެރިކަމެއް އުފެދިފައިވެއެވެ. އޭނާ އެންމެ ފުރަތަމަ ތަޢުލީމް ހާސިލު ކުރެއްވީ، ނައިފަރު މަދްރަސަތުލް އިފްތިތާޙުންނެވެ.

މާލޭގައި ކިޔަވައި ވިދާޅުވުމަށްފަހު، ރަށަށް ވަޑައިގެން ފުރަތަމަ ޚިދްމަތް ކުރައްވަން ފެށްޓެވީ، ނައިފަރު ދ.ދ. މަދްރަސާގައި މުދައްރިސެއްގެ ގޮތުންނެވެ.  އޭރުގެ މުސާރައަކީ، ހަތަރު ރުފިޔާ ފަންސާސް ލާރި ކަމަށްވިޔަސް، މުސާރައަށްވުރެ ބޮޑަށް އޭނާ އިސްކަންދެއްވީ، ކުދިންނަށް ދިވެހިބަސް އުނގަންނައިދެއްވައި، އެކުދިންގެ ހިތްތަކުގައި ދިވެހިބަހަށް ޝައުޤުވެރިކަން އުފެއްދެވުމަށެވެ. 

މުޙައްމަދު ޒަކަރިއްޔާ، ހެލްތު އެސިސްޓެންޓެއްގެ ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރުވެސް، އަދަބީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރައްވަމުން ގެންދެވިއެވެ. އަދަބީ ރޮނގުން ލިޔުއްވުމުގެ މަސައްކަތް ފެށިގެން ދިޔައީ، މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރުން ނެރެމުން ގެންދިޔަ ދެ މަޖައްލާ [މަތިވަރު] އަށާއި] [އެކުވެރިޔާ [އަށް ލިޔުއްވަން ފެށްޓެވުމުންނެވެ. އޭގެފަހުން ތަފާތު އެތައް މަޖައްލާއަކަށާއި، ހަފުތާ ނޫސްތަކަށްވެސް ލިޔުއްވަމުން ގެންދެވިއެވެ. އ.އ.ދ ޖަމްޢިއްޔާއިން ނެރެމުން ގެންދިޔަ [ދަންމަރު [ނޫހުގެ އެޑިޓަރުކަންވެސް 3 އަހަރަށްވުރެ ގިނަ ދުވަހު ކުރައްވާފައިވެއެވެ.

މުޙައްމަދު ޒަކަރިއްޔާގެ ލިޔުންތެރިކަމުގެ ރޮނގުން އެންމެ ފާހަގަކޮށްލެވޭ ޚިދްމަތްތަކަކީ، އެކިއެކި ތާރީޚީ ލިޔުއްވުންތަކާއި، އޭނާއަށް ތަޖުރިބާ ކުރެއްވުނު ކަންކަމާއި، އޭނާ ލިޔުއްވާފައިވާ އެކިއެކި ޢިބްރަތްތެރި ވާހަކަތަކެވެ. މިރޮނގުން އޭނާވަނީ ވަރަށްގިނަ ކާމިޔާބީތަކެއް ހާސިލު ކުރައްވާފައެވެ. ކުޑަކުދިން ކިޔާހިތްވާކަހަލަ ފޮތެއް، ސަރުކާރު ގަބޫލުކުރައްވާ ފެންވަރަކަށް ދިވެހިބަހުން އެކުލަވައިލައްވާ ފަރާތްތަކަށް ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، 1999 ވަނަ އަހަރާއި، 2000 ވަނަ އަހަރާއި އަދި 2001 ވަނަ އަހަރު މުޙައްމަދު ޒަކަރިއްޔާ ވަނީ ހާސިލު ކުރައްވާފައެވެ.

މުޙައްމަދު ޒަކަރިއްޔާއަކީ މަޒުމޫނު ލިޔުއްވުމާއި، ޅެން ހެއްދެވުމުގެ ރޮނގުންވެސް ގިނަގުނަ ޚިދްމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް، ކުރީގެ ނޫސް މަޖައްލާތަކަށް އޭނާ ލިޔުއްވާފައިވާ ޞިއްޙީ މަޒުމޫނުތަކާއި، ތަފާތު މައުޟޫޢުތަކަށް ހައްދަވާފައިވާ ގިނަ އަދަދެއްގެ ޅެންތައް ފާހަގަކޮށްލެވެއެވެ. އޭނާއަކީ މިހާރުވެސް ފަތްތޫރައަށް ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ.

މުޙައްމަދު ޒަކަރިއްޔާ  ލިޔުއްވާފައިވާ  ބައެއް ފޮތްތަކުގެ ތެރޭގައި، [ސަމާސާ އަދަބު 1 ވަނަ ބައި] [ކުރީގެ ބައެއް ކުރު ވާހަކަ] [އެހާރާއި މިހާރުގެ ވާހަކަ] [ބަލްގިސް ރަނީގެ ވާހަކަ [ހިމެނެއެވެ. އަދި އޭނާ ރާއްޖޭގެ އެކި އަތޮޅުތަކަށާއި، ރަށްރަށަށް ކުރެއްވި ދަތުރުތަކުގެ ހަނދާންތަކުގެ މައްޗަށާއި ރާއްޖެއިން ބޭރަށް ކުރެއްވި  ދަތުރުނާމާތައްވެސް ވަނީ ލިޔުއްވާފައެވެ.

މި މަސައްކަތުގެ އިތުރުން، ދާދިފަހުން ވަނީ 10 ކުރު ވާހަކަވެސް ލިޔުއްވާފައެވެ. މީގެއިތުރުން، ފާދިއްޕޮޅުގެ ޚިދްމަތްތެރި ޢިއްޒަތްތެރިއެއް ކަމަށްވާ އަލްމަރްޙޫމް ޢަބްދުލްޙަކީމް ކާންނާ ކަލޭގެފާނުގެ ބައެއް ޚިދްމަތްތަކުގެ މައްޗަށްވެސް އޭނާ ވަނީ ފޮތެއް ލިޔުއްވާފައެވެ. އެންމެފަހުން މުޙައްމަދު ޒަކަރިއްޔާ ލިޔުއްވި ފޮތަކީ، ޚިދްމަތްތެރި މަސައްކަތްތެރި ޅެންވެރިއެއް ކަމަށްވާ އަލްމަރްޙޫމް މުޙައްމަދު ޢަބްދުލްޙަކީމުގެ ޙަޔާތުގެ މައްޗަށް ލިޔުއްވި ފޮތެވެ.

މުޙައްމަދު ޒަކަރިއްޔާ މިހާރު ކުރައްވާ ޢާންމު މަސައްކަތަކީ، ކުރިން އޭނާ ލިޔުއްވާފައިވާ ލިޔުއްވުންތަކުގެ ތެރެއިން ފެންނަން ހުރި އަދި ހަލާކުވަމުންދާ ބައެއް ލިޔުއްވުންތައް، އޭނާ އަމިއްލަފުޅަށް ކޮމްޕިއުޓަރުން ލިޔުއްވުމުގެ މަސައްކަތެވެ. ސަމާސާ އަދަބުގެ 2 ވަނަ ފޮތެއްވެސް މިހާރު އޭނާ ގެންދަވަނީ ލިޔުއްވަމުންނެވެ.

މުޙައްމަދު ޒަކަރިއްޔާއަށް ވަނީ ލިޔުންތެރިކަމުގެ ޚިދްމަތުގެ ރަން ގަލަން ލިބިވަޑައިގެންފައެވެ. ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ކުރައްވާފައިވާ ޚިދްމަތްތަކުގެ އަގު ވަޒަންކުރައްވައި، މުޙައްމަދު ޒަކަރިއްޔާއަށް ވަނީ އެ ރޮނގުން 1980 ވަނަ އަހަރު ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް ސަރުކާރުން ދެއްވާފައެވެ.

މި ވޭތުވެދިޔަ 46 އަހަރު ދުވަހުގެ ތެރޭގައި، ލިޔުންތެރިކަމުގެ ރޮނގުން ކުރެއްވި މަސައްކަތްތައް ސަރުކާރުން ވަޒަން ކުރައްވައި، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، މިއަދު އޭނާއަށް އަރުވާކަން އެއީ، މުޙައްމަދު ޒަކަރިއްޔާގެ މި މަސައްކަތުގެ ދިގު ޙަޔާތުގައި ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލާއި ޝަރަފު ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.