އަލްފާޟިލް މަސްއޮޑި ޙަސަން ޚަލީލު
ގ.ސަނީކޯނަރ

               ޙަސަން ޚަލީލަކީ، މިޔުޒިކަށް ރާގު ހައްދަވައި ލަވަ ވިދާޅުވަމުން ގެންދަވައިފައިވާ ބޭފުޅެކެވެ. 1947 ގައި ފެށްޓެވި މި މަސައްކަތުގައި، "ގަލޮޅު ގްރީން ކްލަބް" އާއި "ގަލޮޅު އަވަށު މިޔުޒިކް ސޮސައިޓީ" ގައި ޅެމާއި ފަރިއްސާއި ލަވަ ދަސްކޮށްދެއްވުމުގެ މަސައްކަތް ޙަސަން ޚަލީލު ކުރެއްވިއެވެ. އަދި ގިނަ އަދަދެއްގެ ލަވަވެސް އޭރު ވިދާޅުވެދެއްވާފައިވެއެވެ. އެދުވަސްވަރު ގެންގުޅުނު މިޔުޒިކް އިންސްޓްރުމަންޓްތައްވެސް، ޙަސަން ޚަލީލު ކުޅުއްވިއެވެ. ސިފައިންގޭގައި ވަޒީފާ އަދާކުރެއްވި 20 އަހަރުގެ ތެރޭގައި، ބޭންޑް ޕާޓީގައި އުޅުއްވައި، ބޭންޑަށް މިޔުޒިކާއި ރާގުވެސް ހައްދަވައިދެއްވިއެވެ.

               ޙަސަން ޚަލީލަކީ، ވަރަށްގިނަ ބަޔަކަށް ލަވަކިޔަން ދަސްކޮށްދެއްވާފައިވާ ބޭފުޅެއްވެސް މެއެވެ. މީގެއިތުރުން، ލަވަޔާއި މިޔުޒިކުގެ މަސައްކަތް ކުރިއެރުވުމަށްޓަކައި، "އެޗް.ކޭ. އެންޓަރޓެއިންމަންޓް"ގެ ނަމުގައި ކުންފުންޏެއްވެސް މިދިޔަ އަހަރު އުފައްދަވާފައިވެއެވެ. މި ކުންފުނިން، މިޒަމާނުގެ މިޔުޒިކް ސާމާނާއެކު "އެޗް.ކޭ. ސްޓޫޑިއޯ"ގެ ނަމުގައި ސްޓޫޑިއޯއެއް އުފައްދަވައި "އެޗް.ކޭ. މިޔުޒިކް"ގެ ނަމުގައި ލަވަރޯލު ވިއްކާ ފިހާރައެއްވެސް ހުޅުއްވާފައިވެއެވެ. މި މަސައްކަތަށް މިހާތަނަށް ގާތްގަނޑަކަށް 1.6 މިލިޔަން ރުފިޔާ ޚަރަދު ކުރައްވާފައިވެއެވެ. އަދި މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް ކުރިއަށްދިޔުމުގެ މަގު ތަނަވަސްކޮށްދެއްވާފައިވެއެވެ. އަދި "64"ގެ ނަމުގައި މިއަހަރު ލަވަ އަލްބަމެއްވެސް ޙަސަން ޚަލީލު ނެރުއްވާފައިވެއެވެ.