އަލްފާޟިލް މައިޒާން އާދަމްމަނިކު
ހ. މެރީސައިޑް

               މައިޒާން އާދަމްމަނިކަކީ، "ކްރިއޭޓިވް އާޓްސް އެންޑް ޓްރޭނިންގ ސެންޓަރ"ގެ ނަމުގައި ވިލިނގިލީ އަވަށުގައި މަރްކަޒެއް ހުޅުއްވައިގެން، އެ ތަނުގައި ޒުވާނުންނަށް އަތްތެރި މަސައްކަތް ދަސްކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މި މަރްކަޒު އުފެއްދެވުމުގެ މަޤްޞަދަކީ، ގެއްލިގެންދާ ދިވެހި މަސައްކަތް ދިރުވުމާއި، ޒުވާނުންނަށް މި މަސައްކަތްތައް ދަސްކޮށްދެއްވުމާއި، އަޚްލާޤު ރަނގަޅު ކުދިބަޔަކު އުފައްދަވައި، އެ ކުދިން އަމިއްލައަށް މަސައްކަތް ކޮށްގެން އާމްދަނީ ހޯދާނެ މަގު ތަނަވަސްކޮށްދެއްވުމެވެ. 1999ގެ ފަހުކޮޅު އުފެއްދެވި މި މަރްކަޒުން މިހާތަނަށް މަސައްކަތް ދަސްކޮށްދެއްވައިފަައިވަނީ ހިލޭސާބަހަށެވެ.

               މި މަރްކަޒުގައި އަަބަދުވެސް އަށެއްކަ ކުދިންނަށް، ވަޑާމުގެ މަސައްކަތާއި، ލޭތުކޮށްގެން ލަކުޑިން ހަދާ ނެޗުރަލް ވާސް، ޕައިރޯގްރަފީ (އަލަށް ރާއްޖެއަށް ތަޢާރުފު ކުރެވުނު ދެކަމެއް) ކުރެހުންފަދަ ގޭތެރޭގެ ޒީނަތްތެރިކަމަށް ބޭނުންކުރާ ތަކެއްޗާއި، ހަދިޔާއަށް ދޭނެ ރަނގަޅު ފެންވަރުގެ ދިވެހި ހަނދާނީ ހަދިޔާ ހަދަން ދަސްކޮށްދެމުން ގެންދެއެވެ.

               މިި މަރްކަޒުން މިހާތަނަށް 32 ކުދިންނަށް މިފަންނުގެ މަސައްކަތް ދަސްކޮށްދީފައިވެއެވެ. މީގެތެރެއިން ބައެއް ކުދިން، އާމްދަނީ ހޯދުމުގެ ގޮތުން އަމިއްލައަށް މި މަސައްކަތްކުރަން ފަށާފައިވެއެވެ. މި މަރްކަޒުގެ ގޮތްޕެއް، މިއަހަރު ނ. ކެނދިކުޅުދޫގައި ހުޅުވައި، މި މަރްކަޒުން ތަމްރީނު ދެވިފައިވާ ކުއްޖެއްގެ ބެލުމުގެ ދަށުން އެ މަރްކަޒުގައިވެސް ކުދިންނަށް މަސައްކަތް ދަސްކޮށްދެމުން ގެންދެއެވެ. މި ދެ މަރްކަޒުން އުފައްދާ ތަކެތި ވިއްކައިގެން ލިބޭ އާމްދަނީ، ހުރިހާ ކުދިންގެ މެދުގައި ބަހާލެވެއެވެ.

               މާރކެޓް ލިބި، އާމްދަނީ އިތުރުވާ ނިސްބަތަކުން، ކުރިމަގުގައި، ކޮންމެ އަތޮޅެއްގައިވެސް މިފަދަ މަރްކަޒެއް ޤާއިމުކުރެެއްވުމަށް، އާދަމްމަނިކު އުންމީދު ކުރައްވައެވެ.