އަލްމަރްޙޫމް އިބްރާހީމް ޝަކީބުގެ ހަނދާނަށް

                  އަލްމަރްޙޫމް އިބްރާހީމް ޝަކީބަކީ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީ ކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. މިގޮތުން، ފެލިވަރުގައި ހިންގަވާ، ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއާ 1982 ގައި ސަރުކާރުން ހަވާލުވެވަޑައިގަތީއްސުރެ، ޝަކީބު އަވަހާރަވުމާ ހަމައަށް، އެ ކާރުޚާނާގެ ހުރިހާ މަސައްކަތްތަކެއް ރާއްވަވައި ހިންގަވައި، ތަރައްޤީ ކުރެއްވުމުގެ މޭސްތިރިއަކީ، ޝަކީބެވެ. އަދި ރާއްޖޭގައި ބިނާކޮށްފައިވާ މަސްވެރިކަމުގެ އިންފްރާސްޓްރަކްޗަރތަައް ޤާއިމުކުރެއްވުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރައްވައިފައިވަނީ ޝަކީބެވެ. މީގެތެރޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެއްވި ފިޝްވިލެޖްތަކާއި، ކޫއްޑޫއާއި، މާންދޫގައި ޤާއިމުކުރެއްވި ފްރީޒިންގ އަދި ކޯލް ސްޓޯރޭޖް ކޮމްޕްލެކްސްގެ މަސައްކަތްތަކާއި، ކަނޑުއޮތްގިރީގައި ޤާއިމުކުރައްވާފައިވާ ތާޒާ އަދި ފިނިކުރި ބޮޑުކަންނެލި ޕްރޮސެސްކޮށް ބަންދުކުރާ ކާރުޚާނާގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުުރުން، ޒަމާނާ އެއްގޮތަށް ރާއްޖޭގެ މަސްވެރިކަން ތަރައްޤީ ކުރެއްވުމަށާއި، މަސްވެރިކަމުގައި ބޭނުންކުރާ އުޅަނދުތައް، ޒަމާާނާ އެކަށީގެންވާ ގޮތަށް ފަރުމާކޮށްދެއްވަައި، މަސްކިރާ ބޯޓުފަހަރު ރާއްޖެއާ އެކަށީގެންވާގޮތަށް ފަރުމާކޮށްދެއްވައިފައި ވެއެވެ. އަދި މަސްވެރިކަމުގެ ދާއިރާއަށް މީހުން ތަމްރީނު ކުރެއްވުމުގެ މަސައްކަތްވެސް ޝަކީބު ކޮށްދެއްވައިފައި ވެއެވެ.