އަލްފާޟިލް އަޙްމަދު ސަލީމް
ހ.މާޒް

            މާޒް ސަލީމަކީ، ވޮލީ ކުޅުއްވާފައިވާ، މިހާރު ވޮލީ ކޯޗެއްގެ ގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކާމިޔާބު ކޯޗެކެވެ. ސަލީމް ވޮލީ ކުޅުއްވަން ފެށްޓެވީ، 1980 ވަނަ އަހަރުއެވެ. ކްލަބް ފެންވަރުގައި ވޮލީ ކުޅުއްވަން ފެށްޓެވީ 1981 ގައެވެ. މިގޮތުން، 1995 ވަނަ އަހަރާ ހަމައަށް އެކިއެކި ކްލަބްތަކަށް ކުޅުއްވައި، ބައެއް ކްލަބްތަކަށް މަތީ ކާމިޔާބީތަކެއް ސަލީމް ހޯއްދަވައިދެއްވާފައިވެއެވެ. އަދި، 1995 ގައި ކޯޗުކޮށްދެއްވަން ފެށްޓެވި ފަހުންވެސް، ސަލީމް ކޯޗުކޮށްދެއްވާ ޓިމުތަކަށްވަނީ، މަތީ ކާމިޔާބީތައް ހާސިލުކޮށްދެއްވާފައެވެ. މީގެތެރޭގައި، ކްލަބްތަކުގެ ޓީމުތަކާއި، ސަރުކާރުގެ އޮފީސްތަކުގެ ޓީމުތަކާއި، އެން.އެސް.އެސް.އޭ.ގެ ޓީމުތައް، ސަލީމުގެ ކޯޗުކަމުގެ ދަށުން 22 ފަހަރު ފައިނަލް ކުޅެ، އެޓީމުތަކަށް 15 ފަހަރު ޗެމްޕިއަންކަން ހޯއްދަވައިދެއްވާފައިވެއެވެ. މީގެތެރޭގައި، ވިކްޓްރީ ސްޕޯޓްސް ކްލަބަށާއި، ހިޒް ކްލަބަށް، ޤައުމީ ވޮލީ ތަށި މިލްކު ކޮށްދެއްވާފައިވާކަން، ސަލީމްގެ ކާމިޔާބީތަކުގެ ތެރެއިން، ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ. 1998 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ބައިނަލްއަޤްވާމީ ވޮލީ މުބާރާތެއް ކަމަށްވާ 1 ވަނަ އިންވިޓޭޝަނަލް ކަޕްގެ ޗެމްޕިއަންކަން ހޯދި، ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކޯޗަކަށްވެސް ހުންނެވީ ސަލީމެވެ. އެކިއެކި ވޮލީ މުބާރާތްތަކުގެ އެންމެމޮޅު ކޯޗުކަމުގެ މަގާމާއި، އެންމެ ކާމިޔާބު ކޯޗުކަމުގެ މަގާމު، 9 ފަހަރު އަޙްމަދު ސަލީމަށް ލިބިވަޑައިގެންފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން، ޤައުމީ ވޮލީ ޓީމަށް ކޯޗުކޮށްދެއްވުމާއި، ކުޑަކުދިންނަށް ވޮލީ ދަސްކޮށްދެއްވުމުގެ މަސައްކަތް މިހާރުވެސް ސަލީމް ކުރައްވަމުން ގެންދަވައެވެ.