އަލްފާޟިލް އަޙްމަދު ޢާމިރު
މުސްތަރީގެ/ދ.މާއެނބޫދޫ

އަޙްމަދު ޢާމިރު މިދާއިރާގައި މަސައްކަތް ކުރައްވަން ފެށްޓެވީ، 1983 ގައެވެ. ޢާމިރަކީ، އޯޑިއޯ ވީޑިއޯއާބެހޭ ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިމަސައްކަތްތައް މިހާރު ކުރައްވަނީ، "އެއިމް" ސްޓޫޑިއޯގެ ނަމުގައި އުފައްދަވާފައިވާ ސްޓޫޑިއޯއެއްގެ ނަމުގައެވެ. މިތަނުން، ލަވަ ރެކޯޑްކޮށްދިނުމާއި، ސައުންޑް ހެދުމާއި، ލައިޓިންގ ހެދުމާއި، ކެމެރާކުރުމާއި، އެޑިޓްކުރުމާއި، ޑައިރެކްޓް ކުރުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ. އަދި އިޝްތިހާރާއި، ޑޮކިއުމެންޓްރީއާއި، ވީޑިއޯ ސޮޕްޓް އުފެއްދުމުގެ މަސައްކަތްވެސް މިތަނުން ކުރަމުން ގެންދެއެވެ. މާލެއާއި އަތޮޅުތަކުގައި ބާއްވާ އެކިއެކި ޝޯތަކުގެ ސައުންޑާއި ލައިޓް ހަދައިދިނުމާއި، ޝޯތަކުގައި ޕަރފޯމްކޮށްދިނުންފަދަ ފަންނީ ވަރަށްގިނަ މަސައްކަތްތައް މި ސްޓޫޑިއޯއިން ކުރަމުން ގެންދެއެވެ. މީގެތެރޭގައި ހިލޭސާބަހަށް ބައެއް މަސައްކަތްތައް ކޮށްދީފައިވެއެވެ.  އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށާއި، އަލަށް އެ ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ކުރިޔަށްދިނުމުގެ ފުރްޞަތު ހޯއްދަވައި ދެއްވުމުގެގޮތުން "އެޕޯލޯ އެންޓަރޓެއިންމަންޓް"ގެ ނަމުގައި، އަޙްމަދު ޢާމިރު ބައިވެރިވެވަޑައިގަންނަވާ ކުންފުންޏެއް އުފައްދަވައި، އެތަނުން، އެ ކަންކަމަށް ބޭނުންވާ ތަކެތި ލިބޭނެމަގު ފަހިކޮށްދެއްވާފައިވެއެވެ.

  ބައެއް އިޝްތިހާރު އުފައްދަވައި ޑައިރެކްޓް ކުރައްވައި، ގިނަ ފިލްމުތަކެއްގެ އާޓް އަދި ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުން މަސައްކަތް ކުރައްވައި، ގިނަ ފިލްމުތަކެއް ކެމެރާ ކުރައްވައި، އަދި ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައްވެސް، ޢާމިރު ކޮށްދެއްވާފައި ވެއެވެ.