އަލްފާޟިލް ޙަސަންމަނިކު
ވ.ކަންދު

         ޅެންވެރިކަމަށް ޝައުޤުވެރިވެވަޑައިގެން ޅެން ހައްދަވަން ޙަސަންމަނިކު ފެއްޓެވީ، 1975 ވަނަ އަހަރު މަދްރަސީ ދައުރުގައެވެ. މަދްރަސީ ދައުރަށްފަހުވެސް ޅެން ހެއްދެވުމުގެ މަސައްކަތް ޙަސަންމަނިކު ކުރައްވަމުން ގެންދެވިއެވެ. ޙަސަންމަނިކު ހައްދަވާފައިވާ ޅެންތަކުގެ ތެރޭގައި، ކުޑަކުދިންނަށް ޚާއްޞަ ޅެމާއި، ޤައުމީ އެކިއެކި މުނާސަބަތުތަކަށް ހައްދަވައިދެއްވާފައިވާ ޅެމާއި، މަދަރުސާ ކުދިންގެ ލަވަ މުބާރާތްތަކަށް ހައްދަވައިދެއްވާފައިވާ ޅެން (ލަވަ) ހިމެނެއެވެ.

        ޙަސަންމަނިކު ހައްދަވާފައިވާ ޅެންތައް، އެކިއެކި މުބާރާތްތަކުގައި ބައވެރިކުރައްވައިގެން މަތީ ވަނަތަކެއް ހާސިލުކުރައްވާފައިވެއެވެ. މީގެތެރޭގައި، ދިވެހިރާއްޖޭގެ 13 ވަނަ ޤައުމީ ޅެންހެދުމުގެ މުބާރާތުން 1  ވަނަ، 7 ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި، ވަގުތުން ޅެން ހެދުމުގެ މުބާރާތުން 1 ވަނަ، 1418 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުން ބޭއްވެވި، ޅެން ހެދުމުގެ މުބާރާތުން 1 ވަނައާއި 3 ވަނަ ލިބިވަޑައިގެންފައިވުމާއި، މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހުގެ ފަރާތުން ބޭއްވެވި ދީނީ ޅެން ހެދުމުގެ ފުރަތަމަ މުބާރާތުން 2 ވަނަ، ދެވަނަ މުބާރާތުން 3 ވަނަ ލިބިވަޑައިގެންފައިވުން ހިމެނެއެވެ.  ޤައުމީ އެކިއެކި މުނާސަބަތުތަކަށް ޙަސަންމަނިކު ހައްދަވާފައިވާ ޅެންތަކުގެ ތެރެއިން، "ޖުމްހޫރީ 30" އަށް ލަވަ ހެދުމަށް ހުޅުވާލެވުނު މުބާރާތަށް ހުށަހެޅުނު ލަވަތަކުގެ ތެރެއިން ހޮވާލެވުނު އެންމެ މޮޅު ޅެންތަކުގެ ތެރޭގައި، ޙަސަންމަނިކު ހެއްދެވި ދެ ޅެން ހިމެނުނެވެ. މީގެ އިތުރުން، 9 ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި، ކުޑަކުދިންގެ ޅެންފޮތުގެ ނަމުގައި ހުށަހެޅުއްވި ޅެންފޮތަށް މުޅި މުބާރާތުން 2 ވަނަ ލިބިފައިވުމާއި، ސްކޫލް ކުދިންގެ ލަވަ މުބާރާތަށް ހައްދަވައިދެއްވި ލަވަޔަށް 1994، 1995 ގައި 2 ވަނަ ލިބިފައިވުމާއި، 1424 ވަނަ އަހަރު ބޭއްވެވި މާޕާ އެވޯޑް ލަވަ މުބާރާތަށް ހައްދަވައިދެއްވި ލަވަޔަށް ޅެންވެރިކަމުގެ ބައިން 2 ވަނައާއި 3 ވަނަ ލިބިފައިވުން ހިމެނެނީ، މިރޮނގުން ޙަސަންމަނިކަށް ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރޭގައެވެ.

       ކުޑަކުދިންނަށްޓަކައި ޙަސަންމަނިކު ތައްޔާރުކުރެއްވި "ކުޑަކުދިންގެ ޅެންފޮތް" އަދި "ޅެން ވާހަކަ" މިފޮތް ވަނީ، ޝާއިޢުކުރައްވާފައެވެ.