އަލްފާޟިލް ޢަބްދުއްސައްތާރު ޙަސަން
މ.ހުރާ

            ހުރާ ޢަބްދުއްސައްތާރު ކުޅިވަރު ކުޅުއްވަން ފެށްޓެވީ، 1963 ގައެވެ. އޭރު ޢަބްދުއްސައްތާރަކީ، ޓެނިހާއި، ފުޓްބޯޅައާއި، ޓޭބަލް ޓެނިހާއި، ބެޑްމިންޓަނާއި، މިނޫންވެސް ބައެއް ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގެން، މަތީ ކާމިޔާބީތައް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން ޢަބްދުއްސައްތާރު އެންމެގިނަ ކާމިޔާބީތައް ހޯއްދަވާފައިވަނީ، ޓެނިހުގައެވެ. ޓެނިހުގައި 1963 ން 1975ގެ ނިޔަލަށް ބޭއްވި 8 މުބާރާތުގެ ޗެމްޕިއަންކަން ހޯއްދަވައި، މެދުނުކެނޑި 13 އަހަރު ޗެމްޕިއަންކަން ދިފާޢު ކުރައްވާފައިވެއެވެ. އަދި ޑަބަލްސް ޗެމްޕިއަންކަން 5 އަހަރު، މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން 3 އަހަރު ހޯއްދަވާފައިވެއެވެ. ޓޭބަލް ޓެނިސް ސިންގަލްސް ޗެމްޕިއަންކަމާއި، ޑަބަލްސް ޗެމްޕިއަންކަމާއި، މިކްސްޑް ޑަބަލްސް  ޗެމްޕިއަންކަމާއި، ފުޓްބޯޅައިގައި އެންމެ މޮޅު ގޯލްކީޕަރުކަމާއި، ބައިސްކަލް ރޭހުގެ ޗެމްޕިއަންކަންވެސް 2 އަހަރު، ޢަބްދުއްސައްތާރު ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ހިމެނެއެވެ.

        ޢަބްދުއްސައްތާރުގެ މަސްއޫލުވެރިކަމުގެ ދަށުން، މާލޭ ޓެނިސް ކްލަބުގެ ނަމުގައި ކުޅިވަރު ކްލަބެއް އުފައްދަވައި، ކުޅުންތެރިއެއްގެ ގޮތުންނާއި، މަސްއޫލުވެރިއެއްގެ ގޮތުން ތަފާތު ކުޅިވަރުތަކުގައި ކްލަބަށްވެސް މަތީ ކާމިޔާބީތައް ހޯއްދަވައި ދެއްވާފައިވެއެވެ.

      މީގެ އިތުރުން، 1973 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ބައިވެރިވި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތް ކަމަށްވާ، ޗައިނާގައި ބޭއްވުނު "އޭޝިއަން އެފްރިކަން އެންޑް ލެޓިން އެމެރިކަން ފްރެންޑްޝިޕް އިންވިޓޭޝަނަލް ޓޭބަލް ޓެނިސް ޓޯނަމަންޓް"ގައި ބައިވެރިވި ޓީމުގެ ޕްލޭއިން ކެޕްޓަނެއްގެ ގޮތުން ބައިވެރިވެވަޑައިގެން، އެމުބާރާތުގައި، ދިވެހިރާއްޖެއާއި، ކުވޭތާ ބައްދަލުކޮށް ކުޅުނު މެޗު 5 ސެޓު 0 ސެޓުން ރާއްޖޭގެ ޓީމު ކާމިޔާބުކޮށްފައިވެއެވެ. އަދި ފުރަތަމަ "އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް" އަށް ދިޔަ ޤައުމީ ޓޭބަލް ޓެނިސް ޓީމުގެ މެނޭޖަރެއްގެ ގޮތުންނާއި، 9 ވަނަ އޭޝިއަން ގޭމްސްގައި ބައިވެރިވި ޤައުމީ ބެޑްމިންޓަން ޓީމުގެ މެނޭޖަރެއްގެ ގޮތުންނާއި، އެސިސްޓެންޓް ޗެފް ޑި މިޝަނެއްގެ ގޮތުން ޢަބްދުއްސައްތާރު ޚިދްމަތް ކުރައްވާފައިވެއެވެ.