އަލްފާޟިލް ކަނޑި އަޙްމަދު އިސްމާޢީލް
ހ.ރޯނުގެ

ކަނޑި އަޙްމަދު އިސްމާޢީލަކީ، 1972 ވަނަ އަހަރު، ރާއްޖޭގައި ފަތުރުވެރިކަން ފެށުނީއްސުރެ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، ކަނޑި އަޙްމަދު އިސްމާޢީލްގެ ޗެއަރމަންކަމުގެ ދަށުގައި "ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލްސް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައިވެއެވެ. އެކުންފުނިން ހިންގާ އެނބޫދޫ ވިލެޖާއި، ސަމަރ އައިލެންޑް ވިލެޖާއި، އީކުއޭޓަރ ވިލެޖާއި، ކާމް ހޮޓަލާއި، މޫކައި ހޮޓަލާއި، ކައިލޮޖުގައި 726 އެނދު އެބަހުއްޓެވެ. ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެކަން ފާހަގަކުރައްވައި، މިނިސްޓްރީ އޮފް ޓޫރިޒަމުން ދެއްވި އެވޯޑް 1997 ގައި ކަނޑި އަޙްމަދު އިސްމާޢީލަށް ލިބިވަޑައިގެންފައިވެއެވެ. އަދި މިރޮނގުން ޢާންމު ޚިދްމަތަށް ހިތްވަރުދިނުމުގެ އިނާމުވެސް 1997 ގައި ލިބިވަޑައިގެންފައިވެއެވެ.