ޑޮކްޓަރ އަޙްމަދު ރާޟީ
މއ.މާރލިން

         އަޙްމަދު ރާޟީ، ޞިއްޙީ ދާއިރާގައި ޚިދްމަތްކުރައްވަން ފެށްޓެވީ، ރީޖަނަލް ހޮސްޕިޓަލްތައް ހުޅުވެމުންދިޔަ ދުވަސްވަރުއެވެ. މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވަޑައިގަތުމާއެކު، އެތަންތާނގައި ދިގުމުއްދަތަކަށް އަޙްމަދު ރާޟީ ޚިދްމަތްކުރެއްވިއެވެ. ރާއްޖޭގެ މީހުންގެ ޞިއްޙީ މަޢްލޫމާތު އިތުރުކޮށް ހޭލުންތެރިކުރުވުމުގެ ގޮތުން ދިވެހިރާއްޖޭގެ އަޑާއި، ޓީ.ވީ ޕްރޮގްރާމްތައް މެދުވެރިކުރައްވައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވެއެވެ. މިގޮތުން، 500 އަށްވުރެ ގިނަ ޕްރޮގްރާމްގައި، އަޙްމަދު ރާޟީ މަޢްލޫމާތު ދެއްވާފައިވެއެވެ.

      މީގެއިތުރުން، ދިވެހި ބޭސްވެރިކަން ކުރިއެރުވުމުގެ ގޮތުން ޖަމްޢިއްޔާއެއް އުފައްދަވައި، އެ ޖަމްޢިއްޔާގެ އެއް މަސްއޫލުވެރިޔަކަށް ހުންނެވީވެސް އަޙްމަދު ރާޟީއެވެ. ހަކުރުބަލީގެ މީހުންނަށް ފަރުވާދެއްވުމުގެ މަސައްކަތް، އަމިއްލަފުޅު ޝައުޤުވެރިކަމެއްގެ ގޮތުން ކުރައްވައި، ޑައެބެޓީސް އެންޑް ކެންސަރ ސޮސައިޓީ އުފެއްދެވުމާއި ހިންގެވުމުގައި ރާޟީ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވައެވެ. އަދި މޯލްޑިވިއަން ކިޑްނީ ފައުންޑޭޝަނުން ހިންގާ ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގެވުމާއި، އާންމު ފަރާތްތަކުން ތައްޔާރުކުރާ ބޭސްވެރިކަމާބެހޭ ފަންނީ ފޮތްތައް މުރާޖަޢާކުރެއްވުމުގެ މަސައްކަތްވެސް ރާޟީ ކުރައްވައެވެ.

     ޞިއްޙީ ދާއިރާގައި މެދުނުކެނޑި އަޙްމަދު ރާޟީ ޚިދްމަތް ކުރައްވަމުން ގެންދަވާތާ 19 އަހަރުވެއްޖެއެވެ.