އަލްޤާރީ އަޙުމަދު ރަޝީދު އިބްރާހީމް
ހ.ރަދުވާނިއާ

         އަޙްމަދު ރަޝީދު އިބްރާހީމަކީ، 1985 ވަނަ އަހަރުން ފެށިގެން، ވަޒީފާގެ ހައިސިއްޔަތުންނާއި، އަމިއްލަގޮތުން ޤުރްއާން ކިޔަވައިދެއްވަމުން ގެންދަވާ ބޭފުޅެކެވެ. 1988 ވަނަ އަހަރު "ޤުރްއާން ތަޖުވީދު ކްލާސް"ގެ ނަމުގައި ކްލާހެއް ރަޖިސްޓަރީ ކުރައްވައިގެން ހިންގަވަން ފެށްޓެވިއެވެ. މި ކްލާހުގެ ނަން މިހާރުވަނީ "ދާރުލްޤުރްއާން" މި ނަމަށް ބަަދަލުކުރައްވާފައެވެ. މާލޭގެ ތިން އަވަށުގައި މި ކްލާހުގެ ތިންގޮފި ހިންގަވަމުން ގެންދަވައެވެ. މި ކްލާސްތަކުގައި، ތުއްތުކުދިން ފެށިގެން ބޮޑެތިމީހުންނަށް ތަޖުވީދުމަގުން ޤުރްއާން ކިޔަވަން ދަސްކޮށްދެއްވައެވެ. މީގެއިތުރުން، މަޢްހަދުއް ދިރާސާތިލް އިސްލާމިއްޔާގެ ނިޒާމީ ކްލާސްތަކާއި، ޤާރީ ކޯހާއި، މުދިމުން ތަމްރީނުކުރާ ކޯހާއި، އިމާމުންގެ ޑިޕްލޯމާ ކޯހާއި، ޤާޟީ ކޯހާއި، ޤުރްއާން މުދައްރިސުންގެ ޑިޕްލޯމާ ކޯހުގައި އަޙްމަދު ރަޝީދު ކިޔަވައިދެއްވާފައިވެއެވެ. ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝާއިޢުކުރައްވާފައިވާ "ތަޖުވީދުގެ ފަންނު" ފޮތާއި، "ތަޖުވީދުގެ ފަންނަށް އެހީއެއް" މި ދެފޮތް އެކުލަވައި ލިޔުއްވުމުގައިވެސް، އަޙްމަދު ރަޝީދު ބައިވެރިވެވަޑައިގެންފައިވެއެވެ.

      1993 ވަނަ އަހަރު މެލޭޝިޔާގައި ބޭއްވުނު ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތުން ހޮވުނު އެންމެ ރަނގަޅު 10 ބައިވެރިންގެ ތެރޭގައި، އަޙްމަދު ރަޝީދު ހިމެނިވަޑައިގެންފައިވެއެވެ.