އަލްފާޟިލް ޢަބްދުއްރަޝީދު ހުސައިން
މއ. އުރަހަ

         ޢަބްދުއްރަޝީދަކީ، ކިޔަވާވިދާޅުވާން އުޅުއްވިއިރު ދިވެހި އަދަބީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން މަތީވަނަތައް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ވާހަކަދެއްކުމުގެ މުބާރާތެއްގައި ފުރަތަމަ ބައިވެރިވެވަޑައިގެންނެވީ، މަޖީދިއްޔާގެ ހަތަރުބައިގެ މެދުގައި ބޭއްވުނު މުބާރާތެއްގައި "ކާނިބައި"ގެ ފަރާތުންނެވެ. އޭރު މަޖީދިއްޔާގައި އުފެދުނު ދިވެހި އަދަބީ ޖަމްޢިއްޔާ "އެކުވެރިންގެ ގުޅުން" އުފެއްދެވުމުގައިވެސް ޢަބްދުއްރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެޖަމްޢިއްޔާގެ ނައިބު ރައީސްކަންވެސް ޢަބްދުއްރަޝީދު ކުރެއްވިއެވެ.

       ވަރަށް ގިނަ ޤައުމީ ޖަލްސާތަކުގަޔާއި، ޢާންމު ޖަލްސާތަކުގައި ތަފާތު މައުޟޫޢުތަކުގެ މައްޗަށް ޢަބްދުއްރަޝީދު ވަނީ، ވާހަކަ ދައްކަވާފައެވެ. އެކިއެކި ސްކޫލްތަކުގައި ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތްތަކުގައި، ވަރަށް ގިނަ ދަރިވަރުންނަށް އަމިއްލަފުޅުގޮތުން އިރުޝާދު ދެއްވަމުން ގެންދަވާފައިވެއެވެ. އަދި "ދިވެހިރާއްޖޭގެ އަޑު"ގެ އަދަބީ އެކިއެކި  ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން، އަދަބީ އެކިއެކި ކަންކަމުގެ މައްޗަށް ވާހަކަ ދައްކަވާފައިވެއެވެ. 1996 ން ފެށިގެން، ދިވެހި ސިފައިންނަށް މަހަކު އެއްފަހަރު ބާއްވަވަމުން ގެންދަވާ ތަޤްރީރު ކުރުމުގެ ޕްރޮގްރާމްގައި ޢަބްދުއްރަޝީދު މިހާރުވެސް ތަޤްރީރު ކުރައްވަމުން ގެންދަވައެވެ.