އަލްފާޟިލް ރޯނުގޭ ޙަސަންމަނިކު
ވ.ކަންދު

 

ފިލްމާއި ތަމްސީލު ކުޅުމުގެ ރޮނގުން މިދާއިރާގައި ޚިދްމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ތެރެއިން އެންމެ ގިނަދުވަސްވީ އެއްބޭފުޅަކީ، ޙަސަން މަނިކެވެ. ސީ.ޑީ.އެސް. އުފެދުމާއެކު، ފެށުނު ތަމްސީލު ޝޯތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ތަމްސީލު ކުޅުމުގެ މަސައްކަތްވެސް ފެށްޓެވިއެވެ.
 
ދިވެހި ތަމްސީލު ދިރުވައި އާލާކުރުމުގެ ގޮތުން، 1979 ވަނަ އަހަރު އެލްޕާސޯ ކްލާހުގައި، ތަމްސީލު ކުޅުމުގެ ހުނަރު، ކުދިންނަށް ދަސްކޮށްދެއްވުމުގެ ޕްރޮގްރާމްތަކެއް ޙަސަންމަނިކު ހިންގެވިއެވެ. އެކްލާހުގެ ކުދިންގެ ހުނަރުތައް ދައްކާލުމުގެ ގޮތުން، އެދުވަސްވަރު ބެލެނިވެރިންނަށް ޚާއްޞަ ކުރައްވައިގެން، ތަމްސީލު ޝޯއެއްވެސް ބޭއްވެވިއެވެ. އެ ޝޯގެ ތަމްސީލުތައް ލިޔުއްވައި ފަރިތަކޮށްދެއްވީ ޙަސަން މަނިކެވެ. މީގެއިތުރުން، 1997 ވަނަ އަހަރާއި، 1998 ވަނަ އަހަރާ ދެމެދު އޮލިމްޕަހުގައި ބޭއްވުނު ތިން ތަމްސީލު ޝޯ ކަމަށްވާ [ފެހި ވިދުވަރު] އާއި،  [ރިހި ހަނދުވަރު] ބ.ތުޅާދޫ ސްޕޯޓްސް ކްލަބްގެ، [ބޮމަކަނދު] މި ތިން ތަމްސީލު ޑައިރެކްޓް ކޮށްދެއްވީވެސް ޙަސަން މަނިކެވެ. މީގެތެރެއިން [ފެހި ވިދުވަރު] ޝޯގެ ހުރިހާ ތަމްސީލުތަކެއް ލިޔުއްވައިދެއްވީ، ޙަސަން މަނިކެވެ. އަދި [ރިހި ހަނދުވަރު] އާއި [ބޮމަކަނދު]ގެ ބައެއް ތަމްސީލުތައްވެސް އޭނާ ލިޔުއްވައިދެއްވިއެވެ.  
 
ޙަސަން މަނިކު މިހާތަނަށް އެކިއެކި ޤައުމީ މުނާސަބަތުތަކަށްވެސް ބައެއް ތަމްސީލުތައް ތައްޔާރުކޮށްދެއްވާފައިވެއެވެ. މުނިފޫހިފިލުވުމުގެ ތެރެއިން [ސަމާސާ އަދަބު]ގެ ލަވަ ތަމްސީލު، ޙަސަންމަނިކު ހުށަހަޅުއްވައި ދެއްވާފައިވެއެވެ. "ޖުމްހޫރީ 30" ފާހަގަކުރުމަށް ބޭއްވުނު ޝޯގަޔާއި އަދި އެންމެފަހުން ފާހަގަކުރި ޅެންވެރިންގެ ދުވަހާ ގުޅޭ ޙަރަކާތްތަކުގައިވެސް ޙަސަން މަނިކު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
 
ފިލްމީ ދާއިރާއަށް ޙަސަންމަނިކަށް ވެދެވަޑައިގެންނެވުނީ، ރާއްޖޭގައި ފުރަތަމަ އުފެއްދި ދިވެހި ފިލްމު [ގެއްލުނު ފުރާވަރު]ންނެވެ. އެ ފިލްމުގައި އޭނާ އަދާކުރެއްވީ، ބަޠަލެއްގެ ބައެވެ. އޭގެފަހުން، ފިލްމީ ދާއިރާއިން ޙަސަންމަނިކު ބޮޑަށް ފެނިގެންދިޔައީ، ސަޕޯޓިންގ އެކްޓަރެއްގެ ގޮތުގައެވެ. ޙަސަންމަނިކު މިހާތަނަށް ކުޅުއްވާފައިވާ ފިލްމުތަކުގެ ތެރޭގައި، [ދޮންހިޔަލައާއި ޢަލިފުޅު] [ޙައްޤު] [ނިބޫ] [ފުން އަސަރު] [ޔޫސުފް] [ވީރާނާ] [މާފެއްނެތް] [ދިންވޭނުގެ ހިތާމައިގައި] [ޒަހަރު] [އެ ބައްޕަ] [ސާދަވިލޭރޭ] [ލައިލާ] [ލޯބިނުވިޔަސް] މި ފިލްމުތައް ހިމެނެއެވެ. އަދި މިއަހަރު ނުކުތް ފިލްމުތަކުގެ ތެރެއިން [ލަވް ސްޓޯރީ] [މިހަށިން ފުރާނަ ދަންދެން] އަދި [ދެކެދެކެވެސް 6] ގައިވެސް ޙަސަންމަނިކުވަނީ މުހިންމު ބައިތައް ކުޅުއްވާފައެވެ. ޙަސަންމަނިކު އަދާކުރެއްވި ބައިތަކުގެ ތެރެއިން މިހާތަނަށް އެންމެ ހިތްޕުޅު ހަމަޖެހިވަޑައިގެންނެވި ބަޔަކީ "މިހަށިން ފުރާނަ ދަންދެން" މި ފިލްމުގައި އޭނާ އަދާކުރެއްވި ބައެވެ. ފިލްމު ކުޅުއްވުމުގައިވެސް ޙަސަންމަނިކު އެންމެ ބޮޑަށް ބައްލަވަނީ، މުޖްތަމަޢަށް ރަނގަޅު މެސެޖެއް ދެއްވޭ ބައެއް ކުޅުއްވުމަށެވެ.
 
ހަސަންމަނިކު ކުޅުއްވި ޑްރާމާތަކުގެ ތެރެއިން، 52 އެޕިސޯޑްގެ [ވަގުތު ފާއިތުނުވަނީސް] މި ޑްރާމާއާއި، 14 އެޕިސޯޑްގެ ޑްރާމާއެއް ކަމަށްވާ [ރޭފަނާ] އާއި، 13 އެޕިސޯޑްގެ ދެ ޑްރާމާ ކަމަށްވާ [އިންތިހާ] އާއި [އިންތިޒާރު] މި ޑްރާމާތަކުގައިވެސް ޙަސަންމަނިކު އަދާކުރައްވާފައިވާ ބައި ފާހަގަކޮށްލެވެއެވެ. ޓެލެޑްރާމާ މުބާރާތުން ފާހަގަކޮށްލެވުނު [މާމުއި ހަނދު] މިޑްރާމާއަކީ، އެ މުބާރާތަށް ބޮޑު އިންޤިލާބެއް ގެނުވި ޑްރާމާއެއް ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. ޙަސަން މަނިކުގެ ޑްރާމާތަކުގެ ތެރެއިން ދިވެހި ނާދީން ތައްޔާރުކުރި [ކާޅިވައް] ޝޯއާއި، [ދޮން ޙަސަން މަނިކުފާނު] ޝޯއަކީވެސް، ތާރީޚީގޮތުން ފާހަގަކޮށްލެވޭ ދެ ޑްރާމާއެވެ.
 
މުނިފޫހިފިލުވުމުގެ ދާއިރާއިން ޙަސަން މަނިކަށް ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރޭގައި، [މިއަދު ކްރިސްޓަލް އެވޯޑް] 2008ގެ [އެންމެމޮޅު ބައްޕަ]ގެ އިނާމާއި، މިދިޔައަހަރު ލިބިވަޑައިގަތް [އެންޝޯންޓަރ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް] ހިމެނެއެވެ.
 
ޙަސަންމަނިކަކީ، ފިލްމީ ދާއިރާގައި އަދި ތަމްސީލު ކުޅުމުގެ ދާއިރާގައިވިޔަސް، ކުރައްވާ ކޮންމެ ކަމެއްވެސް ފަރުވާތެރިކަމާއެކު ކުރައްވާ ބޭފުޅެކެވެ. ތަމްސީލުތައް ދަސްކޮށްދެއްވާއިރުވެސް، ތަމްސީލުގެ ބައިވެރިންގެ ޝައުޤުވެރިކަން ހޯއްދަވައިގެން، ކާމިޔާބު ޝޯތަކެއް ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އަދި ފިލްމުތަކުގައި އަދަބީގޮތުން ހުންނަ ފައިކައްސާލުންތައް ރަނގަޅުކުރެއްވުމަށްވެސް މަސައްކަތްޕުޅު ކުރައްވާ ބޭފުޅެކެވެ. ޙަސަންމަނިކަކީ، ޅެން ހެއްދެވުމުގެ ރޮނގުންވެސް އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރު ބޭފުޅެކެވެ.
 
ދިވެހި އަދަބިއްޔާތަށް ޚިދްމަތް ކުރުމުގެ ދާއިރާއިން، ޅެން ހެދުމުގެ ރޮނގުން އާންމު ޚިދްމަތަށް ހިތްވަރުދިނުމުގެ އިނާމު، 2005 ވަނަ އަހަރު، ޙަސަންމަނިކަށް ލިބިވަޑައިގެންފައިވެއެވެ.