އަލްފާޟިލް މަސްޢޫދު ޢަލީ
ހެޕީކޯނަރ/ސ.ހުޅުދޫ (މއ.ދޫނިތުނޑި)

 

ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، މަޢުލޫމާތު ފެތުރުމާއި ހުށަހެޅުމުގެ ހުނަރުވެރިކަމުގެ ރޮނގުން ޤައުމީ އިނާމެއް ދެވޭ މިއީ ފުރަތަމަފަހަރެވެ. މިރޮނގުން ހިތްވަރު ދިނުމުގެ އިނާމު މި އެރުވޭ ބޭފުޅަކީ، 1994 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ތަފާތު އެތައް ޕްރޮގްރާމްތަކެއް ހުށަހަޅުއްވައިދެއްވައި އަދި ޢާންމުންގެ މަޤްބޫލުކަން މިރޮނގުން ހޯއްދަވާފައިވާ ބޭފުޅެއް ކަމަށްވާ މަސްޢޫދު ޢަލީއެވެ. 
 
އަމިއްލަފުޅު ޝައުޤުވެރިކަމާއެކު މަސްޢޫދު ޢަލީ މި ދާއިރާގައި ޚިދްމަތް ކުރައްވަން ފެށްޓެވީއްސުރެ އެންމެ ބޮޑަށް ފާހަގަކުރެއްވޭ ކަމަކީ، އޭނާ ވަޒީފާ އަދާކުރައްވަނީ މީޑިއާގައި ނޫންކަމާއި، ޕްރޮގްރާމް ހުށަހަޅުއްވަނީ އަގަކަށް ނޫންކަމެވެ.
 
ރައްޔިތުންނަށް ބޭނުންވާ ތަފާތު އެކިއެކި މަޢުލޫމާތުތަކުގެ އިތުރުން، ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުންވެސް މަސްޢޫދު ހުށަހަޅުއްވާފައިވާ ޕްރޮގްރާމްތަކުގެ އަދަދު ވަރަށްގިނައެވެ. މިގޮތުން، ޤައުމަށް ދިމާވާ ތަފާތު ކާރިސާތަކާ ގުޅިގެން، ރައްޔިތުންނަށް މަޢްލޫމާތު ފޯރުއްވައިދެއްވުމަށް ހުށަހަޅުއްވައިދެއްވާ ޕްރޮގްރާމްތައް ފާހަގަކުރެވެއެވެ. އަދި ރާއްޖޭގައި މިހާތަނަށް ޤައުމީ ސިފައެއްގައި ހިންގާފައިވާ ގިނަ ޓެލެތޯން ޝޯތައް ހުށަހަޅުއްވައިދެއްވުމުގައި، އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައިވެސް މަސްޢޫދު ހިމެނެއެވެ. ޤައުމީ ދުވަހާއި، މިނިވަންދުވަހާއި، ޖުމްހޫރީ ދުވަހާއި، ނަޞްރުގެ ދުވަސްފަދަ ޤައުމީ އެކިއެކި މުނާސަބަތުތަކާ ގުޅިގެން، މަސްޢޫދު ވަގުތުން ހުށަހަޅުއްވާ ޕްރޮގްރާމްތައްވެސް ހަނދާންކޮށްލަން ޖެހެއެވެ.
 
މަސްޢޫދު ޢަލީގެ ޚިދްމަތް މިހާތަނަށް އެންމެ ގިނައިން ފެނިގެން ގޮސްފައިވަނީ، ޓެލެވިޜަން މޯލްޑިވްސްއިންނެވެ. އެގޮތުން، އެތާނގެ ގިނަ ޕްރޮގްރާމްތަކެއްގައި ބައިވެރިވެވަޑައިގެން، ހުށަހަޅުއްވައިދެއްވުމުގެ އިތުރުން، [ދަންމަރު] [އެ ހަނދާން] [ކުރިމަގު] [ވާރލްޑްކަޕް ލައިވް ކަވަރޭޖް] [ޔޫރޯ ލައިވް ކަވަރޭޖް]  [ދަރުބާރު] [ހާރުދަން] [ހޭޔަންބޯ]ގެ ޕްރޮގްރާމްތަކާއި، ސިޔާސީ އަދި އިޖްތިމާޢީ ބަހުސްތައްވެސް މަސްޢޫދުވަނީ ހުށަހަޅުއްވައިދެއްވާފައެވެ.
 
ދި ޓީ.ވީ.އިން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ [ހުކުރު ދުވަސް މަސްޢޫދާއެކު] މި ޕްރޮގްރާމަކީ، މަސްޢޫދުގެ ކޮންސެޕްޓަކަށް ތައްޔާރުކޮށްގެން ވަގުތުން ހުށަހަޅުއްވައި ދެއްވަމުން ގެންދަވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ތައްޔާރުވެވަޑައިގަތުމަށް މަސްޢޫދު ކުރައްވާ މަސައްކަތްތައްވެސް ފާހަގަކޮށްލަންޖެހެއެވެ. އެހަފްތާއަކަށް ގެންނަ މެހުމާނަކު އިޚްތިޔާރު ކުރެއްވުމުގައި، އެކިގޮތްގޮތަށް ބައްލަވައި، ޤައުމަށް އެންމެ ޚިދްމަތްތެރި އަދި އާކަންތައްތައް ތަޢާރުފުކޮށްދެއްވާ، ނުވަތަ ތަޢުލީމީ ބޭފުޅުންނަކީ ކޮބައިތޯ ބައްލަވަމުން ގެންދަވައެވެ. ޕްރޮގްރާމުގެ ކުރިން އެއިން ކޮންމެ ބޭފުޅަކާ މަސްޢޫދު ބައްދަލުކުރައްވައެވެ. ބޭފުޅުން ހޮއްވަވަނީ، ވަކި އުމުރަކަށް ވަކި ފިކުރަކަށް ބެއްލެވުމެއްނެތިއެވެ.
 
މަސްޢޫދު ޢަލީއަކީ، މިދާއިރާއަށް ޒުވާނުން ނެރެދެއްވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޓެލެވިޜަން ޕްރޮގްރާމްތައް ހުށަހަޅައިދޭ އެނައުންސަރުންނަށް އެކިފަހަރުމަތިން އެހީތެރިކަމާއި އިރުޝާދު ދެއްވާފައިވެއެވެ. އަދި ޓީ.ވީ.އަށް އަލަށް ކުރިމަތިލާ ޕްރެޒެންޓަރުން ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން، މަސްޢޫދަށް މިދާއިރާއިން ލިބިވަޑައިގެންފައިވާ ހުނަރާއި ތަޖުރިބާގެ އަލީގައި މުހިންމު ފިލާވަޅުތައް ނަންގަވައި ދެއްވައެވެ.
 
މަސްޢޫދު ޢަލީ ފާހަގަކުރެވިފައިވަނީ، އަބަދުވެސް ވަރަށް ހިތްޕުޅުހެޔޮ، ހިނިތުން މޫނަކާއިގެން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ކަންކަމުގައި އަބަދުވެސް ވަރަށް އިތުބާރާއި ޔަގީންކަމާއެކު، ނިންމުންތައް ނިންމަވާ ބޭފުޅެއްގެ ގޮތުގައެވެ. މަސައްކަތުގެ މާޙައުލުގައި، ހިތްނުތަނަވަސްވެގެންދިޔަ ކިތަންމެ ދަނޑިވަޅެއްގައި، މަސްޢޫދުގެ ކޮންމެވެސް ސަމާސާއަކުން މީހުންގެ ހިތްތަކަށް ހަމަޖެހުން ލިބިގެންދިޔަ ހާދިސާތައްވެސް މަދެއްނޫނެވެ.
 
މަސްޢޫދު ޢަލީއަކީ، ޓީ.ވީ.ގެ އަހުލުވެރިންގެ ގާތުގައި ވަރަށް މަޤްބޫލު ބޭފުޅަކަށްވާއިރު، އޭނާއަކީ 2002 ވަނަ އަހަރުން ފެށިގެން ދިރާގުގެ ކަސްޓަމަރ ސަރވިސަސް މެނޭޖަރު ކަމުގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެއްކަން ހަނދާންކޮށްލަންޖެހެއެވެ.