ކެޕްޓަން އަޙްމަދު ޒުބައިރު
މ.މޯނިންގވިލެޖް

 

ކެޕްޓަން އަޙްމަދު ޒުބައިރަކީ، މެރިޓައިމްގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލު ކުރައްވައި، ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. މި ދާއިރާއަށް އޭނާގެ ހިތްޕުޅުގައި ޝައުޤުވެރިކަން އުފެދުނީ ސްކޫލްގައި އުޅުއްވި ދުވަސްވަރުއެވެ.  އޮސްޓްރޭލިޔާއާއި، އިނގިރޭސިވިލާތުން މިރޮނގުން ތަފާތު އެތައް ކޯސްތަކެއް ޒުބައިރު ފުރިހަމަކުރައްވާފައިވެއެވެ. މިރޮނގުން ރާއްޖެއަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 27 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. ކަނޑުދަތުރުކުރުމާއި، އެދާއިރާއިން މީހުން ބިނާކުރެއްވުމުގެ އިތުރަށް، ކަނޑުދަތުރުފަތުރާ ގުޅޭ ކަންކަން ހިންގުމާއި، ޝިޕް މެނޭޖްމަންޓުގެ ރޮނގުންވެސް ފާހަގަކުރެވޭފަދަ ޚިދުމަތްތަކެއް އޭނާ ގެންދަވަނީ ކުރައްވަމުންނެވެ.
 
ކެޕްޓަން ޒުބައިރު ފާހަގަކުރެވިފައިވަނީ، ތަޢުލީމު ހާސިލުކުރެއްވި ދާއިރާއިން، ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅެއްގެ ގޮތުގައެވެ. އިނގިރޭސިވިލާތުގެ ދަ ނޯޓިކަލް އިންސްޓިޓިއުޓުން ޝިޕް މާސްޓަރ އޮފް ދަ އިޔަރ ކަމުގެ މަގާމަށް 2003ވަނަ  އަހަރު ހޮވިވަޑައިގެންފައިވާތީ، ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކަށް ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، އެއަހަރު ޒުބައިރަށް ލިބިވަޑައިގެންފައިވެއެވެ. އަދި އިނގިރޭސިވިލާތުގެ ދަ ނޯޓިކަލް އިންސްޓިޓިއުޓުގެ ފެލޯއެއްގެ މަގާމުވެސް ޒުބައިރަށް ލިބިވަޑައިގެންފައިވެއެވެ.  
 
1995 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގެ ރޯޔަލް ނޭޝަނަލް ލައިފް ބޯޓު އިންސްޓިޓިއުޝަންގެ ގަވަރުނަރުކަމާއި، އިނގިރޭސިވިލާތުގެ ރޯޔަލް އިންސްޓިޓިއުޓް އޮފް ނެވިގޭޝަނާއި، ދަ މެރިން ސޮސައިޓީއާއި، ދަ ނޯޓިކަލް އިންސްޓިޓިއުޓުގެ މެންބަރުކަން ޒުބައިރު ކުރައްވާފައިވެއެވެ. އަދި 2001 ވަނަ އަހަރު އިންޓަރނޭޝަނަލް މެރިޓައިމް ލެކްޗަރަރސް އެސޯސިއޭޝަންގެ މެންބަރަކަށްވެސް ވެވަޑައިގެންފައިވެއެވެ.  
 
މެރިޓައިމްގެ ދާއިރާއިން މީހުން ބިނާކުރެއްވުމުގައިވެސް ކެޕްޓަން ޒުބައިރު ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި މިހާރުވެސް އެމަސައްކަތުގައި ދެމިހުންނެވިއެވެ. މިގޮތުން، ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒުން ހިންގަވާ ތަފާތު ކޯސްތަކުގައި އޭނާވަނީ ކިޔަވައިދެއްވާފައެވެ. އަދި ނެވިގޭޝަން ދާއިރާއިން އެކި ފެންވަރުގެ އޮފިސަރުން ތަމްރީނު ކުރުމާއި، އެކި ފެންވަރުގެ އޮފިސަރުންނާއި ކެޕްޓަނުން ހަދަންޖެހޭ އިމްތިޙާނުތަކަށް އެމީހުން ތައްޔާރުކޮށްދެއްވަމުންވެސް ގެންދަވައެވެ. ކެޕްޓަން ޒުބައިރަކީ، މިހާރުވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ ނޯޓިކަލް އެގްޒަމިނަރެއްވެސްމެއެވެ.
 
ކެޕްޓަން ޒުބައިރަކީ، ޒުބައިރު ޚާއްޞަ ވެފައިވާ ރޮނގުން އެކިފަރާތްތަކަށް ލަފައާއި މަޝްވަރާވެސް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، ރާއްޖޭގައި ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމެއް ބެހެއްޓުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރެއްވުމުގައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް އެހީތެރިވެދެއްވާފައިވެއެވެ. އަދި އެމް.އެން.ޑީ.އެފް.ގެ ކޯސްޓްގާޑުން މިމަސައްކަތް ދިރާސާ ކުރައްވަމުން ގެންދެވި އޮފިސަރުންނަށް މަޢުލޫމާތު ދެއްވައި، މަސައްކަތުގައި އެހީތެރިވެދެއްވާފައިވެއެވެ. މީގެއިތުރުން، ބޭރުން ރާއްޖެއަށް ގެންނަ ބޯޓުފަހަރު ސަރވޭ ކޮށްދެއްވުމާއި، ރާއްޖޭގެ ބައެއް ކުންފުނިތަކަށް މުދާ ހިފައިގެން އަންނަ ބޮޑެތި ބޯޓުފަހަރު ރާއްޖޭގެ ބަނދަރުތަކަށް ކައިރިކޮށްދިނުމާއި ދުރުކުރުމުގެ (ޕައިލެޓޭޖް) ޚިދްމަތްވެސް ޒުބައިރު ދެއްވައެވެ.
 
މެރިޓައިމްގެ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްޕުޅުތަކާއި ހޯއްދަވާފައިވާ ކާމިޔާބީތަކަށްޓަކައި، ކެޕްޓަން ޒުބައިރަށް 2002 ވަނަ އަހަރުވަނީ، ޒުވާނުންގެ ޤައުމީ އިނާމުވެސް  ލިބިވަޑައިގެންފައެވެ.