ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް

މި ދާއިރާއިން މި ކުންފުންޏަށް އިނާމު ލިބެނީ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް، ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަކޮށްގެން މި އަހަރު ހުޅުވައިލި ގިންތިންނެވެ. އެއީ، ފަތުރުވެރިކަމުގެ ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިފައިވާތީއެވެ. މި އިނާމު ދިނުމަށް ބެލި ކަންތައްތަކުގެ ތެރޭގައި، ފަތުރުވެރިކަމުގެ ޚިދުމަތުގައި މަދުވެގެން 60 އިންސައްތަ ދިވެހި މުވައްޒަފުން ގެންގުޅުމާއި، މެނެޖްމަންޓާއި ސުޕަވައިޒަރީ ލެވެލްގައި މަދުވެގެން 30 އިންސައްތަ މުވައްޒަފުން ތިބުމާއި، މަދުވެގެން 5 އަހަރަށްވުރެ ގިނަ ދުވަހު ތަނުގެ މުވައްޒަފުންގެ 50 އިންސައްތަ، ކުންފުންޏަށް ޚިދުމަތްކޮށްދީފައިވުމާއި، ފާއިތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި 85 އިންސައްތަ މުވައްޒަފުން ތަމްރީނުކޮށްފައިވުން ހިމެނެއެވެ. އަދި މުވައްޒަފުންނަށް ސްކޮލަރޝިޕް ނުވަތަ އިތުރަށް ތަމްރީނުވުމުގެ ފުރުސަތުތައް ފަހިކޮށްދީފައިވާ މިންވަރަށާއި، މުވައްޒަފުންގެ އަމިއްލަ ކުރިއެރުމަށާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ބޭނުންވާ އިންތިޒާމުތަކާއި، ކަންކަން ހަމަޖައްސައިދީފައިވާ މިންވަރަށާއި، މުސާރައާއި، ޢާންމުކޮށް ދޭ ޢިނާޔަތްތަކާއި، މުވައްޒަފުން ވަޒީފާއަށް ޝައުޤުވެރިކުރުވުމަށް އިތުރު އިންތިޒާމުތައް ހަމަޖައްސައިދީފައިވާ މިންވަރުގެ މައްޗަށާއި، ވަޒީފާ އަދާކުރާ އަންހެނުންގެ އަދަދު 25 އިންސައްތައަށްވުރެ އިތުރުވެފައިވާ މިންވަރުގެ މައްޗަށެވެ.