ޑޮކްޓަރ އާމިނަތު ޝިޔާމާ
ގ. ބްލޫވިންގ

މި އިނާމު މި އެރުވެނީ، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބްރިސްޓަލްއިން 2020ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ އިން އެޑިޔުކޭޝަން ހާސިލު ކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި އާޓިކަލް، ބައިނަލްއަޤުވާމީ ޖަރނަލެއްގައި ޝާއިޢު ކޮށްފައިވާތީއެވެ.

ޑޮކްޓަރ އާމިނަތު ޝިޔާމާގެ ޕީ.އެޗް.ޑީ. ތީސިސް ބިނާކުރައްވައިފައިވަނީ، ދިވެހިރާއްޖޭގެ ޕްރައިމަރީ ސްކޫލް ޓީޗަރުންނަށް ފޯރުކޮށްދޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގައި ޓީޗަރުންނަށް މަންފާކުރުވަނިވި ގޮތްތަކެއް ހޯދުމުގެ މައްޗަށެވެ. މި ދިރާސާގެ ފަލްސަފާއަކީ، ޓީޗަރުންނަކީ ދިރާސާގެ ނާރެސް ކަމަށް ބަލައި، ދިރާސާގެ ހުރިހާ މަރުހަލާއެއްގައި ޓީޗަރުން ޝާމިލުކުރުމެވެ. މިގޮތުން، ޖެނެރަލިސްޓް ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރާ ޓީޗަރުންނަށް، ސައިންސް އުނގަންނައިދިނުމުގައި ބޭނުންހިފޭނޭ ގޮތްތައް ދަސްކޮށް، އެކަންކަން ޢަމަލީގޮތުން ކުރުމަށް ބޭނުންވާ ހުނަރުތަކާއި މަޢުލޫމާތު ފޯރުކޮށްދިނުމުން، ޓީޗަރުންގެ ޕެޑަގޮޖިކަލް ޕްރެކްސިސްެއަށް ލިބިދޭ ތަރައްޤީއާއި، އަމިއްލަ ނަފްސަށް ލިބޭ ޔަޤީންކަމުން، ޓީޗަރ ޕްރޮފެޝަނަލިޒަމް ސިފަކުރެވޭ ގޮތްތައް ދެނެގަނެ، ރާއްޖޭގެ ސްކޫލް މާޙައުލުގައި "ކޮމިއުނިޓީސް އޮފް ޕްރެކްޓިސް" ޤާއިމުވާ ގޮތްގޮތް ހޯދައި އޮޅުންފިލުވުނެވެ.

މިކަމަށް އެއްކުރެވުނު މަޢުލޫމާތު ދިރާސާކޮށް، ތީސިސްގައި ގެނެސްދީފައި ވަނީ، ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދަތުރުތައް ސިފަވާ ވާހަކަތަކެއްގެ ގޮތުގައެވެ. މި ވާހަކަތަކުން ހާމަވެގެންދިޔަ ކަމަކީ، ޓީޗަރުންގެ ޕްރޮފެޝަނަލް ލަރނިންގއަކީ ފަރުދީކަމެއް ކަމާއި، މިފަދަ ހަރަކާތްތައް ރާވައި އިންތިޒާމު ކުރުމުގައި "ވަން-ސައިޒް-ފިޓް-އޯލް"ގެ އުސޫލުތައް ގެންގުޅުމަކީ، ޓީޗަރުންނަށް ދެވޭ ދެރައެއްކަމެެވެ. އަދި ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތައް ރާވައި ހިންގުމުގައި އެހެން ކޮންޓެކްސްޓްތަކުގައި ކަންކުރާ ގޮތްތައް ކޮޕީ ކުރުމުގެ ބަދަލުގައި، ރާއްޖޭގެ ސަގާފަތާއި، ވަކިވަކި ޓީޗަރުންގެ އަޑުއަހައި، ސްކޫލަށާއި، މަންހަޖަށް އަދި ޓީޗަރުންގެ ކްލާސްރޫމް ވެށީގެ ޙަޤީޤަތްތަކަށް ރިޢާޔަތް ކުރުމަކީ ޓީޗަރުންނަށާއި، ދަރިވަރުންނަށް އަދި ސްކޫލަށް ފައިދާ ގޮތެއް ކަމާއި، މިއީ ޓީޗަރުންގެ ޕްރޮފެޝަނަަލިޒަމް ޤާއިމުކުރުމަށް ޢަމަލުކުރުމުގެ ހަރުދަނާ އުސޫލު ތަކެއް ކަމުގައެވެ.

ޑޮކްޓަރ އާމިނަތު ޝިޔާމާ ވަނީ މި ދިރާސާއަށް ބިނާކޮށް ލިޔުއްވި އާޓިކަލް، ބައިނަލްއަޤުވާމީ ޖަރނަލެއް ކަމުގައިވާ "ޕްރެކްޓިސް: ކޮންޓެމްޕޮރަރީ އިޝޫސްއިން ޕްރެކްޓީޝަނަރ އެޑިޔުކޭޝަން" ގަައި 2021 ވަނަ އަހަރު ޝާއިޢުކޮށްފައެވެ. އަދި މި ދިރާސާގެ ހޯދުންތަކުގެ އަލީގައި ސްކޫލްތަކަށާއި ޓީޗަރުންނަށް، ތަފާތު އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވައެވެ. ޑޮކްޓަރ އާމިނަތު ޝިޔާމާ މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޮލިޓީ އެޝުއަރަންސް ކޮންޓްރޯލަރގެ މަގާމުގައެވެ.