އަލްފާޟިލް އަޙްމަދު ނަސީމް
ހ. ހިކިފިނިފެންމާގެ

އަޙްމަދު ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވީ، އަޙްމަދު ނަސީމަކީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އެއް ބާނީ ކަމަށްވާތީއާއި، ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީވެ ކުރިއަރާނެ ކަމުގެ އެއްވެސް އަލިމަގެއް ފެންނާން ނެތް ދުވަސްވަރެއްގައި އިސްނަންގަވައިގެން އެކަމުގައި ކުރެއްވި މަސައްކަތްޕުޅުތަކާއި، ވެވަޑައިގެންނެވި ޤުރްބާނީގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނާއި، ތަފާތު އެކި މަގާމުތަކުގައި ހުންނަވައިގެން ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް، ވަރަށް ދިގު މުއްދަތެއްގައި ކޮށްދެއްވައިފައިވާ އަގުހުރި ޚިދުމަތްތަކާއި، ރާއްޖޭގެ ޚާރިޖީ ދާއިރާގެ ކުރިއެރުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ރީތި ނަން ދެމެހެއްޓެވުމަށާއި، ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެންނެވުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅުތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

ރާއްޖޭގައި ފަތުރުވެރިކަން ކުރިއަށް ގެންދެވިދާނެތޯ އެއީ، އޭރު އުފެދުނު ބޮޑު ސުވާލެކެވެ. އެހެންނަމަވެސް، އޭރު ސްރީލަންކާގައި ވަރަށް އާދައިގެ ފެންވަރެއްގައި ފަތުރުވެރިކަން ފެށިގެން އައިގޮތް ނަސީމަށް ވަރަށް ގާތުން ފެނިވަޑައިގަތެވެ. ފަތުރުވެރިކަމަކީ، ރާއްޖޭގައިވެސް ފަށައިގެން ކުރިއަށް ގެންދެވިދާނެ އަދި މުސްތަޤްބަލެއް އޮތް މަސައްކަތެއް ކަމަށް ނަސީމަށް ގަބޫލުފުޅުކުރެއްވުނެވެ. އޭރު ސްރީލަންކާއަށް މަދުމަދުން ފަތުރުވެރިން ޒިޔާރަތްކޮށް، ސްރީލަންކާގެ ގޮނޑުދޮށްތަކުގެ ހިތްފަސޭހަކަން ތަޖުރިބާކޮށް، ސްރީލަންކާގެ ސަގާފީ ކަންކަން ބަލައިލުމުގެ ޝައުޤުވެރިކަން، އެ ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ހިތްތަކުގައި އުފެދުނު ކަމުގެ އިޙްސާސް ނަސީމަށް ކުރެއްވުމުން، ރާއްޖޭގެ ރީތި މޫދާއި، ޤުދުރަތީ ރީތި މަންޒަރުތަކަކީވެސް، ފަތުރުވެރިން މާބޮޑަށް ޝައުޤުވެރިވާނެ މަންޒަރުތަކެއް ކަމަށް ނަސީމަށް ތަޞައްވުރު ކުރެއްވުނެވެ.

އަޙްމަދު ނަސީމް، ސްރީލަންކާއިން ތަޢުލީމު ހާސިލު ކުރައްވައިގެން، 1968 ވަނަ އަހަރު ރާއްޖެއަށް ވަޑައިގެންނެވިއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤްބަލާ ގުޅޭގޮތުން ބޭރުގެ ބޭފުޅަކު ރާއްޖޭގައި ދިރާސާތަކެއް ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. އޭނާ އެ ދިރާސާތައް ކުރެއްވުމަށްފަހު، ދިވެހި ސަރުކާރަށް ހުށަހެޅުއްވި ރިޕޯޓުގައި އޮތީ، ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ރާއްޖޭގައި އިންޖީނުލީ ކަނޑު އުޅަނދުފަހަރު ވަރަށް މަދުކަމާއި، ރާއްޖެއަކީ ވައިގެ ތެތްކަން ބޮޑު ޤައުމަކަށްވެފައި، ފެނާއި، ކަރަންޓުގެ ޚިދުމަތްވެސް ފުޅާ ދާއިރާއެއްގައި ދެވޭ ޤައުމަކަށް ނުވާތީއާއި، ރާއްޖެއަކީ ފަތުރުވެރިކަން ތަރައްޤީ ކުރުމަށް އެއްވެސް ގޮތަކުން ރަނގަޅު ތަނެއް ނޫންކަންވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، އެ ރިޕޯޓުގައި ހުރި ކަންކަމަކީ ނަސީމަށް އެއްގޮތަކަށްވެސް ގަބޫލުފުޅު ކުރެއްވުނު ކަންކަމަކަށް ނުވިއެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ ފުރުޞަތު ވަރަށްފުޅާކަމާއި، އެކަން އެންމެ ބޮޑަށް ތަޞައްވުރު ކުރެވޭނީވެސް ދިވެހީންނަށް ކަމާއި، ރާއްޖެއާ ބެހޭ މަޢުލޫމާތު އެއްގޮތަކަށްވެސް ނެތް މީހަކު ކުރާ ދިރާސާއެއް އެހާބޮޑަށް ގަބޫލުފުޅުކުރައްވަން ނަސީމަށްވީ ދަތިފުޅުކަމަކަށެވެ.

1969 ވަނަ އަހަރުން ފެށިގެން އަޙްމަދު ނަސީމް، ޔޫ.އެން.ގައި ހުންނަ ރާއްޖޭގެ މިޝަންގައި ޚިދުމަތް ކުރެއްވުމަށްފަހު 1970 ވަނަ އަހަރު ރާއްޖެއަށް އެނބުރި ވަޑައިގަތެވެ. ރާއްޖެއަށް ވަޑައިގެންނެވުމުގެ ދަތުރުފުޅުގައި ނަސީމް، ސްރީލަންކާގައި މަޑުކޮށްލެއްވިއެވެ. އެ މަޑުކުރެއްވި ކުރެއްވުމުގައި، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވި އެއް ބާނީ ކަމަށްވާ އިޓަލީގެ މިސްޓަރ ޖޯޖް ކޯބިންއާ ނަސީމް ބައްދަލުވެވަޑައިގަތެވެ. ޖޯޖް ކޯބިން ބޭނުންފުޅުވީ ރާއްޖެއަށް ދަތުރެއް ކުރެއްވުމަށެވެ. އެއީ، ރާއްޖެއަކީ ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮތް ތަނަކަށްވެފައި، ރާއްޖޭގައި ފަތުރުވެރިކަން ކުރިއަށް ގެންދެވިދާނެ ކަމުގެ އުންމީދު އޮތްލެއް ބޮޑުކަމުންނެވެ. ޖޯޖް ކޯބިންއާ ނަސީމް ބައްދަލުކުރެއްވި ކުރެއްވުން ވެގެންދިޔައީ ވަރަށް ކާމިޔާބު ބައްދަލުކުރެއްވުމަކަށެވެ. އެހެންކަމުން، ޖޯޖް ކޯބިންގެ ހިތުގައިވެސް ރާއްޖޭގައި ފަތުރުވެރިކަން ފަށައިގެން ކުރިއަށް ގެންދެވިދާނެ ކަމުގެ އުންމީދު އޮތްލެއް ބޮޑުކަމުންނާއި، ރާއްޖޭގައި ފަތުރުވެރިކަން ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން ނަސީމް ދެކެވަޑައިގަންނަވަމުން ގެންދެވި ހުވަފެން ޙަޤީޤަތަކަށް ހެއްދެވުމުގައި ވަރަށްބޮޑު އިތުބާރެއް ލިބިވަޑައިގެންނެވިއެވެ. އަދި ނަސީމުގެ އެކުވެރި ރަޙްމަތްތެރި ބޭފުޅެއް ކަމަށްވާ ކޮލި މުޙައްމަދު ޢުމަރު މަނިކާ ވާހަކަ ދައްކަވައިގެން، ޖޯޖް ކޯބިންގެ މަދަދާ އެކީގައި ރާއްޖެއަށް ފަތުރުވެރިންގެ ގުރޫޕެއް ގެންނެވުމަށް ނިންމެވިއެވެ.

މިގޮތުން، ފަތުރުވެރިންގެ ފުރަތަމަ ގުރޫޕު ރާއްޖެއަށް އައީ 1972 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ގުރޫޕުގައި ޖަރނަލިސްޓުންނާއި ފޮޓޯގްރާފަރުންވެސް ހިމެނުނެވެ. އޭގެ ސަބަބުން، ބޭރު ދުނިޔޭގައި ރާއްޖެއަށް ވަރަށް ރަނގަޅު ޕަބްލިސިޓީއެއްވެސް ލިބުނެވެ. އޭރު ކަންދިމާކުރި ގޮތުން ހިތާމަޔަކަށްވީ، ނަސީމަށް ރާއްޖޭގައި ހުންނެވޭގޮތް ނުވުމެވެ. އޭރު ނަސީމް ހުންނެވީ ކިޔަވައި ވިދާޅުވާން އޮސްޓްރޭލިޔާގައެވެ.

ރާއްޖޭގައި ފަތުރުވެރިކަމަށް ވަކި މަންޒިލްތަކެއް ކަނޑައެޅުމުގެ މުހިންމުކަން އޭރުވެސް ނަސީމަށް ތަޞައްވުރު ކުރެއްވުނެވެ. އެހެންކަމުން، މިފަދަ މަސައްކަތެއް ފަށާއިރު، ރަނގަޅު އޮނިގަނޑެއް އޮތުމަކީ، ވަރަށް ބޭނުންތެރި ކަމެއް ކަމަށް ދެކެވަޑައިގެން، އެކަމަށް އަމިއްލަފުޅަށް އިސްނަންގަވައިގެން އެ މަސައްކަތް ފެށްޓެވިއެވެ. އެކަމުގައި ކުރިމަތިވެވަޑައިގެންނެވި އެންމެބޮޑު އެއް މައްސަލައަކަށްވީ، ރާއްޖެއަށް ދަތުރުކުރާނެ މާގިނަ ފްލައިޓްތަކެއް ނެތުމެވެ. އޭރު ދަތުރުކުރަމުން އައި، އެއަރ ސިލޯނުގެ މާގިނަ ދަތުރުތަކެއް ރާއްޖެއަކަށް ނޯވެއެވެ. އެހެންކަމުން، ސްރީލަންކާ އެއަރފޯސްގެ އެއަރވައިސް މާރޝަލް ޕެޑީ މެންޑިސްއާ މަޝްވަރާ ކުރައްވައިގެން، ސްރީލަންކަން އެއަރފޯސްގެ ވަރަށްބޮޑު އެއްބާރުލުމަކާއެކު، ދެ ފްލައިޓެއް ޗާޓަރު ކުރައްވައިގެން ރާއްޖެއަށް ފަތުރުވެރިން ގެންނަވަން ފެށްޓެވިއެވެ. މިކަމުގައި ނަސީމް އަދާކުރެއްވި ދައުރު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.

ރާއްޖޭގައި ޓޫރިސްޓް ރިޒޯޓެއް ފުރަތަމަ ހުޅުވުނީ މީގެ 50 އަހަރު ކުރިން 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުއެވެ. ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައިއިރު، އެއީ ކާމިޔާބުކަމާއެކު ކުރެވިދާނެ މަސައްކަތެއްކަން ރާއްޖޭގެ މީހުންނަށް ވިސްނައިދެއްވުން ވީ ނަސީމަށާއި، ނަސީމާ އެކީގައި މި މަސައްކަތް ފެށްޓެވި ނަސީމުގެ އެކުވެރިންނަށް އެންމެދަތިވި އެއް މައްސަލައަށެވެ. ނަމަވެސް، ފަތުރުވެރިކަން މަޑުމަޑުން ފެށިގެން އައިސް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސް އިތުރުވަމުންދިޔުމުން، މިކަމުގެ އުންމީދު އާވަމުންދިޔައެވެ. އަދި، ޚުދު ނަސީމުވެސް ފަތުރުވެރިކަމުގެ ދާއިރާއަށް ވެދެވަޑައިގެން، ބައެއް ރިޒޯޓުތައް ހިންގަވަން ފެށްޓެވިއެވެ. އޭރުވެސް ނަސީމް ވިސްނެވީ، ވަރަށް އާދައިގެ ގޮތަކަށް މިކަން ފަށްޓަވައިގެން، އޭގެފަހުން އިތުރަށް ތަރައްޤީ ކުރެއްވުމަށެވެ. ހަމައެއާއެކު، ޚިދުމަތުގެ ފެންވަރު ހިފެހެއްޓެވުމަށްވެސް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތުގައި ނަސީމް މިހާރު ނޫޅުއްވި ކަމުގައިވިޔަސް، ނަސީމުގެ ހިތްޕުޅުގައި މި ދާއިރާއަށް އޮތް ލޯތްބަކަށް ބަދަލެއް ނާދެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ އިތުރު ހަރުފަތްތަކަކަށް މިއަދު ކުރިއަށް ގެންދިޔުމަށްޓަކައި ކުރަންވީ އެންމެ މުހިންމު އެއްކަމަކީ، ފަތުރުވެރިކަމުގައި ޢާންމުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ބޮޑެތި ކުންފުނިތަކުން އާންމުންނަށް ހިއްސާ ވިއްކުންކަމަށް ނަސީމް ދެކެވަޑައިގަންނަވައެވެ. އެއީ، ރާއްޖޭގެ ރައްޔިތުންގެ ގިނަ ބަޔަކު އިޤްތިޞާދީގޮތުން ފުދުންތެރިބަޔަކަށް ވާނެތީއެވެ. ހަމައެއާއެކު، ރާއްޖެއަކީވެސް ދިރުން އެކުލެވިގެންވާ ޖަޒީރާ ޤައުމަކަށް ވުމާއެކު، ޤުދުރަތީ ގޮތުން އަޅުގަނޑުމެންނަށް ލިބިފައިވާ ނިޢުމަތްތަކުގެ ބޭނުން އެންމެ ރަނގަޅު އަދި ފައިދާހުރި ގޮތުގައި ހިފުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށްވެސް ނަސީމް ދެކެވަޑައިގަންނަވައެވެ.

ރާއްޖޭގައި ތިބި ތަޢުލީމީ ގިނަ ޒުވާނުން ޚާއްޞަކޮށް، ފަތުރުވެރިކަމާ ގުޅޭ އެކި ދާއިރާތަކުން، މަތީ ތަޢުލީމު ހާސިލުކޮށްފައިވާ ޒުވާނުން، މި ދާއިރާއިން ފެނުމަކީ ނަސީމް މިހާރު ކުރައްވާ އެންމެބޮޑު އެއް އުންމީދެވެ. މި މަސައްކަތަށް ނުކުންނަ ޒުވާނުންވެސް އަދި އެހެންމީހުންވެސް ގަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ، މި ދާއިރާގައި ކާމިޔާބު ހޯދުމަކީ ފަސޭހަކަމެއް ނޫންކަމާއި، އެއީ ވަރަށްދިގު ދަތުރެއްކަމެވެ. މިއަދު، ޓްރެވަލް އޭޖެންސީއެއް ހުޅުވައިގެން، މާދަމާ މިލިއަނަރަކަށް ވުމުގެ ހުވަފެން ދުށުން އެއީ އެއްވެސް ޙަޤީޤަތެއް އޮތް ކަމެއް ނޫންކަމާއި، މިކަމުގައިވެސް ކުރިއަށްދެވޭނީ ކެތްތެރިކަމާއި ހިތްތިރިކަމާއި، ހިތްވަރާއެކު މަސައްކަތްކޮށްގެން ކަމަށް ނަސީމް ދެކެވަޑައިގަންނަވައެވެ.

އަޙްމަދު ނަސީމަކީ، އެކިފަހަރު މަތިން ދިވެހި ސަރުކާރަށް 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ.

ވަޒީރުލްއަޢުޡަމްގެ އޮފީހުގެ ޑަބްލިޔޫ.އެޗް.އޯ.އާ ބެހޭ ބައިގެ ވަގުތީ ސެކްރެޓެރީއެއްގެ ގޮތުގައި އަޙްމަދު ނަސީމް، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 22 އޮކްޓޫބަރު 1966 ގައެވެ. އެމަނިކުފާނަކީ މީގެކުރިން ރާއްޖޭގެ ޚާރިޖީ ދާއިރާގެ އެކި މަގާމުތައްވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ. އެގޮތުން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ. އަދި މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ސެކްރެޓެރީ ކަމާއި، ޔުނައިޓެޑް ނޭޝަންސްގައި ހުންނަ ރާއްޖޭގެ ދާއިމީ ވަކީލުގެ އޮފީހުގެ 1 ވަނަ ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓެރީ ކަމާއި، ޕްރޮޓޮކޯލް އޮފިސަރު ކަމުގެ މަގާމާއި، ޚާއްޞަ ވަކީލު ކަމުގެ މަގާމާއި، ވަކީލު ކަމުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ.

ރާއްޖޭގެ ޚާރިޖީ ދާއިރާގައި އެމަނިކުފާނު ޚިދުމަތް ކުރެއްވިއިރު، ރާއްޖެއާއި ބޭރު ޤައުމުތަކާ ދެމެދު ގުޅުން ބަދަހި ކުރައްވައި، ބޭރު ދުނިޔޭގައި ރާއްޖޭގެ ތަޞައްވުރު ރަނގަޅު ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.

އަޙްމަދު ނަސީމް ފުރުއްވި އެހެން ބައެއް މަގާމުތަކުގެ ތެރޭގައި، ޝިޕިންގ ޑިޕާޓްމަންޓްގެ މެނޭޖަރު ކަމުގެ މަގާމާއި، ގަވަރންމަންޓް ހޮސްޕިޓަލްގެ މެނޭޖަރު ކަމުގެ މަގާމާއި، ޕޯސްޓް އޮފީހުގެ ޕޯސްޓް މާސްޓަރު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ފިޝަރީޒްގެ ވަކީލު ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ފިޝަރީޒްގެ ނައިބު ކަމުގެ މަގާމު ހިމެނެއެވެ.

ފިޝަރީޒްގައި ނަސީމް ޚިދުމަތް ކުރެއްވިއިރު ލިބިވަޑައިގެންނެވި އެންމެބޮޑު އުފާފުޅަކަށްވީ، ރާއްޖޭގައި މަސްދޯނީގައި އިންޖީނު އެޅުމުގެ މަޝްރޫޢު ހިންގެވުމުގައި އެންމެ އިސްކޮށް ހުންނަވައި، އެ މަސައްކަތްޕުޅު ކުރެއްވުމުގެ ޝަރަފު ލިބިވަޑައިގަތުމެވެ. މިގޮތުން، 1974 ވަނަ އަހަރު ޖަޕާނު ސަރުކާރުން ހަދިޔާ ކުރެއްވި އިންޖީނުލީ ފުރަތަމަ ދޯނި ބޭލުމާއި، އެކަމާ ގުޅޭ އެންމެހައި ކަންކަމުގައި އިސްކޮށް ހުންނެވީވެސް ނަސީމެވެ.

އަޙްމަދު ނަސީމް އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އެއް ދާއިރާއަކީ، ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓާ ބެހޭ ދާއިރާއެވެ. މިގޮތުން، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގައި އެމަނިކުފާނު ޚިދުމަތް ކުރެއްވިއިރު ބެލެހެއްޓެވީ، އެ މިނިސްޓްރީގެ ދަށުން އުފައްދަވައިފައިވާ ފޮރިން އިންވެސްޓްމަންޓް ސަރވިސަސް ބިއުރޯގެ މަސައްކަތްތަކެވެ. އެތާނގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ އޮފް އިންވެސްޓްމަންޓްސް ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް އޮފް އިންވެސްޓްމަންޓްސް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ، އިންވެސްޓްމަންޓްސް ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ.

އެ މަގާމުތަކުގައި ހުންނަވައިގެން، ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެންނެވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައްވެސް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.

މިހާރު ހިނގަމުން މިދާ ރިޔާސީ އާ ދައުރު ފެށުމާއެކު، އަޙްމަދު ނަސީމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ކަމުގެ މަގާމަށެވެ. އަދި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވަން އޭރު ޖެހިވަޑައިގެންފައި ވުމާއެކު، އެ ހޮސްޕިޓަލަށް ކަނޑައެޅުއްވި މަންދޫބެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ އަޙްމަދު ނަސީމެވެ. އެވަގުތު ހޮސްޕިޓަލްގެ ކަންކަމަށް ގެންނަން ޖެހިފައިވާ ބަދަލުތަކަކީ ކޮބައިތޯ ބައްލަވައި، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާގެ މަތިން އެ ބަދަލުތައް ގެންނަވައި، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރައްވައި، ފަސޭހައިން ޚިދުމަތްތައް ލިބޭނޭ ގޮތަށް އެތަނުގެ ކަންތައްތައް އިންތިޒާމު ކުރެއްވިއެވެ.

މީގެއިތުރުން، މިހާރު މާލޭގައި ހުޅުވައިފައިވާ ލޮނުޒިޔާރަތް ޕާކުގެ މަސައްކަތްތައް ނިންމެވުމަށްވެސް އަޙްމަދު ނަސީމާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވިއެވެ. ކުޑަކުދިންނާއި އެކި އުމުރުފުރައިގެ މީހުން ހިތް އުފާކޮށްލައި ހިތްހަމަޖައްސައިލުމަށް އެ ޕާކް ރަނގަޅު ފެންވަރެއްގައި، ވަރަށްކުރު މުއްދަތެއްގެ ތެރޭގައި ހައްދަވައި ނިންމެވުމުގެ ހުރިހާ މަސައްކަތެއްގައި އެންމެ އިސްކޮށް ހުންނެވީ، ނަސީމެވެ.

ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ހެލްތުގެ މަގާމަށް އަޙްމަދު ނަސީމް ޢައްޔަން ކުރެއްވީ 22 އޮކްޓޫބަރު 2020 ގައެވެ. އެ މަގާމުގައި ހުންނަވައިގެން މިވީ މުއްދަތުގެ ތެރޭގައި،ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިއެރުމަށާއި، ތަރައްޤީއަށް އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދެވޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރައްވަމަށާއި ވަސީލަތްތައް އިތުރު ކުރެއްވުމަށް ގެންދަވާ މަސައްކަތްޕުޅުތަކަކީވެސް އެމަނިކުފާނުގެ ޚިދުމަތުން ފާހަގަކޮށްލަންޖެހޭ މަސައްކަތްޕުޅުތަކެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުނު ޖަލްސާގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިއެރުމަށާއި ތަރައްޤީއަށް އަޙްމަދު ނަސީމް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، އެމަނިކުފާނަށް އޭރުގެ މިނިސްޓަރ އޮފް ޓޫރިޒަމް ޢަބްދުﷲ ޖަމީލް ވަނީ ހަނދާނީ ލިޔުމެއް އަރުވާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ރިހި ޔޫބީލް މުނާސަބަތުގައި، 1997 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ބޭއްވެވި ޚާއްޞަ ޙަފްލާގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، އަޙްމަދު ނަސީމަށްވަނީ ޝަރަފުގެ ޕްލާކެއް އަރުވާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ ރަންޔޫބީލް މުނާސަބަތުގައި، މި އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ ބޭއްވި ޚާއްޞަ އިޙުތިފާލުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަޙްމަދު ނަސީމަށް ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑު އަރުވައިފައެވެ. މިއީ، އަޙްމަދު ނަސީމަކީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުކުރެއްވި އެއް ބާނީ ކަމަށްވާތީއާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކޮށްދެއްވައިފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި އެރުވި ޝަރަފުވެރި އެވޯޑެކެވެ.

އަޙްމަދު ނަސީމަކީ، ރާއްޖޭގެ ސިޔާސީ މައިދާނުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. އެމަނިކުފާނަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރެކެވެ. ޕާޓީން ބޭރު ޤައުމުތަކާ ގުޅުންތައް ޤާއިމުކޮށް، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ބޭރު ޤައުމުތަކުގެ ތާއީދާއި ބައިނަލްއަޤްވާމީ ބައެއް ޖަމާޢަތްތަކުގެ ތާއީދު ހޯދުމަށް ޝެޑޯ ކެބިނެޓުގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެހެންކަމުން، ރާއްޖެއަށް ޑިމޮކްރަސީ ގެންނެވުމުގައި އެމަނިކުފާނު އަދާކުރެއްވި ދައުރަކީވެސް މިފަދަ ވަގުތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެކެވެ.

އަޙްމަދު ނަސީމަށް ލިބިވަޑައިގެންނެވި އެންމެބޮޑު ހިތްވަރަކީ، ނަސީމުގެ ލޮބުވެތި ބައްޕަ އަލްމަރްޙޫމް ކެރަފާ މުޙައްމަދު ކަލޭފާނު ދެއްވި ނަސޭހަތްޕުޅާއި، ރާއްޖޭގައި ފަތުރުވެރިކަން ތަޢާރުފު ކުރުމަށް މާލީގޮތުންނާއި އަދި އެނޫންވެސް އެހެން ގޮތްގޮތުން ވެދެއްވި އަގުނުކުރެވޭފަދަ ބޮޑު އެހީތެރިކަމެވެ. މީގެއިތުރުން، ނަސީމަށް އެންމެ ބޮޑަށް އެހީތެރިވެދެއްވި އަނެއް ބޭފުޅަކީ، ނަސީމުގެ އެއްބަނޑުއެއްބަފާ ދައްތަ ސަލީމާ މުޙައްމަދު ކަލޭފާނެވެ.

އަޙްމަދު ނަސީމް ޒަވާޖީ ޙަޔާތެއް ފެށްޓެވީ 1972 ވަނަ އަހަރުއެވެ. އަނބިކަނބަލުންނަކީ ގަލޮޅު ނޫރާނީވިލާ މައުމޫނާ ޙަލީމެވެ. މައުމޫނާ ޙަލީމަކީ، އައްސައްޔިދު އިބްރާހީމް ޙަލީމް (މެދުސީދީ) އާއި، ގަލޮޅު ނޫރާނީވިލާ އަމީނާ ޙުސައިންގެ ދަރިކަނބަލެކެވެ. ނަސީމަށް ލިބިވަޑައިގަތީ ފިރިހެން ބޭފުޅަކާއި، ތިން އަންހެން ބޭފުޅުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށާއި، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި އަޙްމަދު ނަސީމަށް ޝަރަފުގެ ޢިއްޒަތެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ، އަޙްމަދު ނަސީމަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފާފުޅެވެ.