އަލްފާޟިލް ޙަސަން ފަރުޙާން މުޙައްމަދު
މ. މިޓްރީޕާރކް

ޙަސަން ފަރުޙާން މުޙައްމަދު، ޒުވާނުން ބާރުވެރިކުރުވުމުގެ މަސައްކަތް ކުރައްވަން ފެށްޓެވީ، މެޕްސް ކޮލެޖުގައި ކިޔަވާވިދާޅުވާން އުޅުއްވުމުގެ ތެރޭގައި ލިބިވަޑައިގެންނެވި ފުރުޞަތެއްގައި، ޒުވާނުން ގޮވައިގެން އިސްވެ މަސައްކަތް ކުރާނެ މީހުން ނެތްކަން ފާހަގަކުރެއްވިގެންނެވެ. 2013 ވަނަ އަހަރުގެ ތެރޭގައި މެޕްސް ކޮލެޖްގެ ދަރިވަރުންގެ ޖަމުޢިއްޔާގެ ސްޕޯޓްސް އެގްޒެކެޓިވްގެ މަގާމަށް އިންތިޚާބުވުމުގެ އިތުރުން، 2014 ވަނަ އަހަރު އެ ކޮލެޖްގެ ދަރިވަރުންގެ ޖަމުޢިއްޔާގެ ރައީސްކަމުގެ މަގާމަށް ފަރުޙާން އިންތިޚާބުވެވަޑައިގެން، އެ ޖަމުޢިއްޔާގައި ހިލޭސާބަހަށް ޚިދުމަތް ކޮށްދެއްވައިފައި ވެއެވެ.

މިހާރު ޙަސަން ފަރުޙާން މުޙައްމަދަކީ، ދިވެހިރާއްޖޭގެ ޤައުމީ ޒުވާނުންގެ ކައުންސިލްގެ ރައީސެވެ. އަދި ވެލްނެސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވައިސް ޗެއަރމަނެވެ. ފަރުޙާނަކީ، މޭ 2020 ން މޭ 2022 އަށް، ކޮމަންވެލްތު ޔޫތު ކައުންސިލްގައި ދިވެހިރާއްޖެ ތަމްސީލު ކުރެއްވި، ދިވެހިރާއްޖޭގެ ޒުވާނުންގެ މަންދޫބުވެސް މެއެވެ.

ހިލޭސާބަހަށް މަސައްކަތްކުރާ، ޔޫތު ލީޑަރޒް ނެޓްވާރކްގެ ފުރަތަމަ ދައުރުގެ ތަރުޖަމާނުގެ މަގާމަށް 2014 ވަނަ އަހަރު އިންތިޚާބުވެވަޑައިގެން ޚިދުމަތް ކުރައްވައި، 2016 އިން 2018 އަށް ދެވަނަ ދައުރުގައި، ޔޫތު ލީޑަރޒް ނެޓްވާރކްގެ ރައީސްކަމުގެ މަގާމަށްވެސް ފަރުޙާން ވަނީ އިންތިޚާބުވެވަޑައިގެންފައެވެ. އެ ދައުރުގައި އައްޑޫ ސިޓީގައާއި، ދ.ކުޑަހުވަދޫގައާއި، ޏ.ފުވައްމުލަކުގައާއި، ގއ.ވިލިނގިލީގައާއި، ހދ.ކުޅުދުއްފުށީގައާއި، ހައްދުންމަތީ ގަމުގައި ޒުވާނުން ބާރުވެރިކުރުވުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި ސަރުކާރުގެ އެެހެން އިދާރާތަކާ ގުޅިގެން ފޯރަމްތައް ހިންގެވިއެވެ. އެ ފޯރަމްތަކުގައި 411 ޒުވާނުން ތަމްރީނު ކުރައްވައިފައި ވެއެވެ. އަދި ކޯވިޑް19-ގެ ތެރޭގައިވެސް ޕުރޮގްރާމުތައް ކުރިއަށް ގެންދެވިއެވެ. ދިވެހިރާއްޖޭގެ 50 ވަނަ މިނިވަންދުވަހާއި، 51 ވަނަ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި، ޙަސަން ފަރުޙާން ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ.

ޙަސަން ފަރުޙާން މުޙައްމަދު ވަނީ، ދިވެހިރާއްޖޭގެ ޔޫތު ކައުންސިލްގައި ކުޅިވަރުގެ ދާއިރާ ތަމްސީލު ކުރެއްވުމަށްޓަކައި 20 މޭ 2019 ގައި ހޮވިވަޑައިގެންފައެވެ. ފަރުޙާނަކީ މިހާރު ޔޫތު ކައުންސިލްގެ ރައީސެވެ. ޔޫތު ކައުންސިލަކީ، ޒުވާނުންނާ ގުޅޭ ކަންތައްތަކުގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓަށް ލަފާއަރުވާގޮތަށް ހަމަޖެހިފައިވާ އިޖުތިމާޢީ ޚިދުމަތްކުރާ ކައުންސިލެކެވެ.

ކޯވިޑް19- ގެ ޢާލަމީ ވަބާގައި "ވެލްނަސް އެސޯސިއޭޝަން އޮފް މޯލްޑިވްސް" އާއި، "އެހީ ޖަމުޢިއްޔާ" އާއި، "އެކްސްޕަރޓް ސަޕޯޓް ބައި ރީނާ" އާ ގުޅިގެން 460 ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި، ޙަސަން ފަރުޙާން މުޙައްމަދުގެ އިސް ނެންގެވުމުގެ މަތީން، ވެލްނަސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބައިވެރިވެފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.