ޑީ ޓިއުން ބޭންޑް

 2006 ވަނަ އަހަރު އުފެއްދި، ޑީ ޓިއުން ބޭންޑަކީ، ރާއްޖޭގެ މިޔުޒިކް ބޭންޑުތަކުގެ ތެރެއިން މަޤްބޫލު ގިނަ ދިވެހި ލަވަތަކާއި މިޔުޒިކް ހުށަހަޅައިދިނުމުގައި ފާހަގަކޮށްލެވޭ މިޔުޒިކް ބޭންޑެކެވެ. ބޭންޑު ހަރަކާތްތެރިވާތާ 16 އަހަރުވެފައިވާއިރު، ބޭންޑުގެ ނަން ވިދާލާފައިވަނީ ތަފާތު ޙަފުލާތަކާއި ޕާޓީތަކުގައި ބައިވެރިވާ ފަރާތްތައް ގަޔާވާ އަދި ހިތްހަމަޖެހޭ ފަދަ މިޔުޒިކާއި ލަވަ، ދެގޮތެއް ނުވެ ގެނެސްދެމުންދާ ބޭންޑެއްގެ ގޮތުގައެވެ. ޑީ ޓިއުން ބޭންޑަކީ، މެންބަރުން ބަދަލުވުމެއްނެތި މެދުނުކެނޑި 16 އަހަރު އެކީގައި ހަރަކާތްތެރިވަމުން އަންނަ ބޭންޑެކެވެ.

ޑީ ޓިއުން ބޭންޑުގެ 5 މެންބަރުންނަކީވެސް އެ މެންބަރަކު ހަވާލުވެފައިވާ އިންސްޓްރޫމެންޓް ކުޅެން ރަނގަޅަށް ދަންނަ މެންބަރުންނެވެ. ބޭންޑުގެ ހުރިހާ މެންބަރުންވެސް ވަނީ މި ދާއިރާއިން ތަމްރީނުތައް ފުރިހަމަކޮށް، އެމެރިކާގެ ބަރކްލީ ކޮލެޖް އޮފް މިޔުޒިކުން، ކަމާ ގުޅޭ ސަނަދުތައް ހާސިލުކޮށްފައެވެ.

ޑީ ޓިއުން ބޭންޑުން ވަނީ ރާއްޖޭގައި ބާއްވާ ވަރަށް ގިނަ މުހިންމު ޙަފުލާތަކުގައި ހުށަހެޅުންތައް ހުށަހަޅައިދީފައެވެ. މިގޮތުން ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހުގެ ޙަފުލާއާއި، 2020 ވަނަ އަހަރު ބޭއްވުނު ޤައުމީ ދުވަހުގެ ޙަފުލާ އާއި، 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަރުބާރުގޭގައި ބޭއްވެވި ތަރާވީޙެއްގައި، ޑީ ޓިއުން ބޭންޑުން ވަނީ ހުށަހެޅުންތައް ހުށަހަޅައިދީފައެވެ. މީގެ އިތުރުން، 2019 ވަނަ އަހަރު ލަންޑަންގައި ބޭއްވުނު ވަރލްޑް ޓްރެވަލް މާކެޓާއި، 2007 އަދި 2014 ވަނަ އަހަރު ޖަރުމަނުގެ ބާލިންގައި ބޭއްވި އައި.ޓީ.ބީ. ފެއަރ އާއި، އިނގިރޭސިވިލާތުގެ ރޯތަމް ޕާކްގައި ބޭއްވުނު ޝޯގައްޔާއި، ބައިނަލްއަޤުވާމީ އެހެނިހެން ފޯރަމްތަކުގައި ރާއްޖެ ތަމްސީލުކުރުމުގެ ގޮތުން ޑީ ޓިއުން ބޭންޑުން ވަނީ، ޝޯތައް ހުށަހަޅައިދީފައެވެ.

ޑީ ޓިއުން ބޭންޑު އުފެދުނީއްސުރެ ރާއްޖޭގެ މަޝްހޫރު ރިޒޯޓް ތަކުގެ އެކި ޙަފުލާތަކުގައި ވަނީ މިޔުޒިކާއި ލަވަ ހުށަހަޅައިދީފައެވެ. މިގޮތުން ދިގުމުއްދަތެއްގައި ޑީ ޓިއުން ބޭންޑުން ޝޯތައް ހުށަހަޅައިދީފައިވާ ރިޒޯޓްތަކުގެ ތެރޭގައި، ވަން އެންޑް އޮންލީ ރީތިރަށް ރިޒޯޓާއި، ކުރުނބާ މޯލްޑިވްސް އާއި، ބަރޮސް މޯލްޑިވްސް ހިމެނެއެވެ.

ޑީ ޓިއުން ބޭންޑުން މިހާތަނަށް ތަފާތު ގިނަ އޮރިޖިނަލް ދިވެހި ލަވަތަކެއް އުފައްދައި މާކެޓަށް ނެރެފައި ވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި 2021 ވަނަ އަހަރު ޑަބްލިޔޫ.އެޗް.އޯ.އާ ގުޅިގެން ތައްޔާރުކުރެވުނު ވެކްސިން ލަވައާއި، މި އަހަރު ފާހަގަކުރަމުންދާ، ޓޫރިޒަމް ގޯލްޑަން ޖުބިލީ ތީމް ލަވައާއި، 2015 ވަނަ އަހަރު ބޭންޑުން ނެރުނު "ނަށާލާ" ލަވައާއި، "ވައި ސޯންގް" އެންމެ ފުރަތަމަ ފޯރ ކޭ ރިސޮލިއުޝަންގައި ނެރެވުނު "އަޗިޗީޗީ" ލަވައާއި، މެގަމޯލްޑިވްސް އާ ގުޅިގެން ތައްޔާރުކޮށްފައިވާ ލަވަ "ހީލާހަދަން" މި ލަވައާއި، އެސް.ޓީ.އޯ.ގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކުރެވިފައިވާ 2 ލަވައާއި، ސީ.އެސް.އާރު.ގެ ގޮތުގައި ތައްޔާރުކޮށްފައިވާ ލަވަތަކުގެ ތެރެއިން، ޖޭ.ސީ.އައި. މޯލްޑިވްސް ތީމް ލަވަ އާއި، ޢިމާދުއްދީން ސްކޫލާ ގުޅިގެން، އޯޓިޒަމްއާމެދު ހޭލުންތެރިކުރުވުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ލަވައާއި، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން ކެންސަރާމެދު ހޭލުންތެރިކުރުވުމުގެ ގޮތުން ތައްޔާރުކޮށްފައިވާ "އާފެށުން" އަދި އެމް.ޑަބްލިޔޫ.އެސް.ސީ.ގެ އުފެއްދުމަކާގުޅޭ ލަވަ "ވައިސަރީވާ" އާއި، އެމް.އެން.ޑީ.އެފް.އާ ގުޅިގެން ޤައުމީ ދުވަހަށް ތައްޔާރުކުރެވުނު "ރީތި ދިވެހިރާއްޖެ" ފާހަގަކޮށްލެވެއެވެ. ޑީ ޓިއުން ބޭންޑަކީ، ދިރާގުގެ ފުރަތަމަ ބްރޭންޑް އެމްބެސެޑަރ ބޭންޑްވެސް މެއެވެ. މީގެ އިތުރުންވެސް، ތަފާތު މުއައްސަސާތަކުގެ ބޭނުންތަކަށް ޑީ ޓިއުން ބޭންޑުން ވަނީ އޯޑިއޯ އާއި، ވީޑިއޯ ލަވަ އުފައްދައިދީފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މި އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ ބޭއްވުނު ޚާއްޞަ އިޙުތިފާލުގައި ޑީ ޓިއުން ބޭންޑަށް ރައީސުލްޖުމްހޫރިއްޔާވަނީ ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑު ދެއްވާފައެވެ.

ޑީ ޓިއުން ބޭންޑުގެ އަމާޒަކީ، މުޖުތަމަޢުގެ ގިނަ ފަރާތްތަކުގެ މެދުގައި މަޤްބޫލު ދިވެހި އުފެއްދުންތަކެއް ތަޢާރުފުކޮށްގެން، ފަތުރުވެރިކަމުގެ ދާއިރާއާއި މިޔުޒިކާއި ލަވައިގެ ދާއިރާއިން ރާއްޖެއަށް އިތުރު ކާމިޔާބީތައް ހޯދައިދިނުމުގައި ދެގޮތެއް ނުވެ ހަރަކާތްތެރިވަމުން ގެންދިޔުމެވެ.

ޑީ ޓިއުން ބޭންޑުގެ މަސްއޫލުވެރިޔަކީ، އެ ބޭންޑުގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި އަންހެން މެންބަރު އަލްފާޟިލާ ފާޠިމަތު ފެޒްލީނެވެ. ބޭންޑުގައި ދެން ހިމެނިވަޑައިގަންނަވަނީ، އަލްފާޟިލް އަޙްމަދު ފުރްޤާނާއި، އަލްފާޟިލް ޢަލީ ޝާފިޢުއާއި، އަލްފާޟިލް އަޙްމަދު ޢާޞިފާއި، އަލްފާޟިލް ޙަސަން ފާތިޙެވެ.