ސާރޖަންޓް މޭޖަރ އިސްމާޢީލް މާދީ
މއ. ބެލްޖިއަމްގެ

ސާރޖަންޓް މޭޖަރ އިސްމާޢީލް މާދީ، ސިފައިންގެ ވަޒީފާއާ ގުޅިވަޑައިގަތީ 29 މޭ 1989 ގައެވެ. 1992 ވަނަ އަހަރު ބޭއްވި ސިފައިންގެ އަހަރީ ބަޑި މުބާރާތުގައި އިސްމާޢީލް މާދީ ބައިވެރިވެވަޑައިގެން، މުޅި މުބާރާތުން ދެވަނަ ހާސިލު ކުރެއްވިއެވެ. އެ ދުވަސްވަރަކީ، ސިފައިންގެ ލީޑަރޝިޕްގެ އިޒުނައާއެކު، ސިފައިންގެ ސީނިއަރ ބޭކަލުންތަކެއް އިސްނަންގަވައިގެން، ޝޫޓިންގ ޖަމުޢިއްޔާއެއް އުފެއްދުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން، އޮލިމްޕިކް ކޮމިޓީގެ އޭރުގެ ރައީސް އަލްމަރުޙޫމް މުޙައްމަދު ޒާހިރު ނަޞީރު (ނ.ޢ.ޢ.ވ)ގެ އިރުޝާދާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އައި ދުވަސްވަރެވެ. މި މަސައްކަތުގެ ތެރެއިން، 1992 ވަނަ އަހަރުގެ ފަހުކޮޅު، ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމުގައި ޖަމުޢިއްޔާއެއް ރަޖިސްޓަރީ ކުރެވުނެވެ. ބައިނަލްއަޤްވާމީ ބަޑިޖެހުމުގެ މުބާރާތްތަކުގައި ބައިވެރިވުމުގެ ގޮތުން، އިންޓަރނޭޝަނަލް ޝޫޓިންގ ސްޕޯޓް ފެޑެރޭޝަނާއި، ކޮމަންވެލްތު ޝޫޓިންގެ ފެޑެރޭޝަނާއި، އޭޝިއަން ޝޫޓިންގ ފެޑެރޭޝަންގައި، ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ ބައިވެރިވެފައެވެ.

ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އޭރު އެކުލަވައިލި ޝޫޓިންގ ޓީމުގައި، އިސްމާޢީލް މާދީ ހިމެނިވަޑައިގަތެވެ. 1992 ވަނަ އަހަރުގެ ތެރޭގައި ޝޫޓިންގ ފަރިތަކުރުމަށް މެޑްރާސްއަށް ޓީމު ކުރި ދަތުރުގައި އިސްމާޢީލް މާދީވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ދަތުރުގައި އިންޑިއާގެ ނެޝަނަލް ރައިފަލް އެސޯސިއޭޝަންގެ ފަރާތުން ލިބުނު މަޢުލޫމާތުގެ އަލީގައާއި، ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ކުރެއްވި 4 ވަރަކަށް މަސްދުވަހުގެ ފަރިތަކުރުމަކަށްފަހު، 1993 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވުނު 6 ވަނަ ސާފް ގޭމްސްގައި، ރައިފަލް އަދި ޕިސްޓަލް އިވެންޓްގައި ބައިވެރިވި 3 މީހުންގެ ޓީމުގައި، އިސްމާޢީލު މާދީ ހިމެނިވަޑައިގެންނެވިއެވެ. އެ މުބާރާތަކީ، އިސްމާޢީލް މާދީގެ ޝޫޓިންގ ކެރިއަރުގައި ބައިނަލްއަޤްވާމީ މުބާރާތެއްގައި ބައިވެރިވެވަޑައިގެން ކުރެއްވުނު ފުރަތަމަ ތަޖުރިބާއެވެ.

ޝޫޓިންގ އިން ދިވެހިރާއްޖެއަށް ރަންމެޑެއްޔެއް ހޯއްދަވައިދެއްވުމުގެ ޢަޒުމުގައި 1993 އިން 2010 ވަނަ އަހަރާ ހަމަޔަށް ޝޫޓިންގ ޓީމުގައި އެތުލީޓެއްގެ ގޮތުގައި އިސްމާޢީލް މާދީ ވަނީ މަސައްކަތް ކުރައްވައިފައެވެ. މިގޮތުން އިސްމާޢީލް މާދީ ހޯއްދަވައިފައިވާ ކާމިޔާބީތަކުގެ ތެރޭގައި، 1997 ވަނަ އަހަރު ރާއްޖެއަށް ފުރަތަމަ ފަހަރަށް ސިލްވަރ މެޑެއްޔާއި، ބްރޯންޒް މެޑެލް ހޯދައިދިން ޓީމުގައި ހިމެނިވަޑައިގެންފައި ވުމާއި، 1999 ވަނަ އަހަރު ދެ ބްރޯންޒް މެޑެލް ހާސިލްކުރި ޓީމުގައިވެސް އިސްމާޢީލް މާދީ ހިމެނިވަޑައިގެންފައިވުން ހިމެނެއެވެ.

2010 ވަނަ އަހަރުން ފެށިގެން އަމިއްލަފުޅަށް އެދިވަޑައިގެން، އެތުލީޓެއްގެ މަގާމުން ރިޓަޔަރ ކުރެއްވުމަށްފަހުގައި، ޒުވާން އެތުލީޓުން ބިނާކުރެއްވުމުގެ ގޮތުން ތަފާތު އެކިއެކި މަސައްކަތްތައް އިސްމާޢީލް މާދީ ކުރައްވައިފައި ވެއެވެ. މިގޮތުން، ޝޫޓިންގ އެސޯސިއޭޝަންގެ ކޯޗުގެ ގޮތުގައާއި، އެސިސްޓެންޓް ކޯޗުގެ ގޮތުގައި ހިލޭސާބަހަށް ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް އިސްމާޢީލް މާދީ ކޮށްދެއްވައިފައި ވެއެވެ. މީގެ އިތުރުން، ޓީމުގެ އޮފިޝަލެއްގެ ގޮތުގައްޔާއި، އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެންވެސް މިއަދާ ހަމަޔަށް އަގުހުރި ޚިދުމަތްތަކެއް ހިލޭސާބަހަށް ގެންދަވަނީ ކޮށްދެއްވަމުންނެވެ.