އަލްފާޟިލް މުޙައްމަދު ޙަމްދޫން
އަތިރީގެ ސ. ހުޅުދޫ

މުޙައްމަދު ޙަމްދޫން، ނޫސްވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 2008 ވަނަ އަހަރު "ރާއްޖެ" ނޫހުން ކުޅިވަރު ރިޕޯޓަރެއްގެ ގޮތުގައެވެ. އޭގެ ފަހުން 2009 ވަނަ އަހަރު "ހަވީރު" ނޫހާ ގުޅިވަޑައިގަތެވެ. އެ ނޫހުގައިވެސް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ކުޅިވަރު ރިޕޯޓަރެއްގެ ގޮތުންނެވެ. ފަހުން އެސިސްޓެންޓް އެޑިޓަރ، ސްޕޯޓްސްއަށް ބަދަލުވެވަޑައިގެންނެވިއެވެ. ޙަމްދޫން، ވަނީ "ހަވީރު ސްޕޯޓްސް އެވޯޑްސް" އިންތިޒާމު ކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. އެ ނޫހުން، ވާރލްޑް ކަޕް އަދި ޔޫރޯއަށް ނެރުނު ގައިޑުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. ހަމައެހެންމެ، ޒުވާނުންގެ ސަފުހާވެސް ތައްޔާރު ކުރެއްވިއެވެ.

އެ ނޫސް 2016 ވަނަ އަހަރު ހުއްޓާލުމުން، "މިހާރު" ނޫހާ ޙަމްދޫން ގުޅިވަޑައިގަތެވެ. އެ ނޫހުގައި ވެސް މަސައްކަތް ކުރެއްވީ، އެސިސްޓެންޓް އެޑިޓަރ، ސްޕޯޓްސްގެ ގޮތުގައެވެ. އެ ނޫހުގެ "މިހާރު އެވޯޑްސް" އިންތިޒާމު ކުރުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. އޭގެފަހުން، ޙަމްދޫން 2021 ވަނަ އަހަރު ގުޅިވަޑައިގަތީ "އަދަދު" ނޫހާއެވެ. އެ ނޫސް އުފެއްދުމުގައްޔާއި، މެނޭޖިންގ އެޑިޓަރުގެ ގޮތުން ނޫސް ހިންގެވުމުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އޭގެ ފަހުން، ޙަމްދޫން ވަނީ "ދައުރު" ނޫހުގައި ސީނިއަރ އެސޯސިއޭޓް އެޑިޓަރެއްގެ ގޮތުންވެސް މަސައްކަތް ކުރައްވައިފައެވެ.

ޙަމްދޫން މިހާރު މަސައްކަތްކުރައްވަނީ "މިހާރު" ނޫހުގައެވެ. އެ ނޫހުގެ ކުޅިވަރު ޑިޕާޓްމަންޓް ހިންގެވުމުގެ އިތުރުން، ފީޗަރ ރިޕޯޓްތައް ލިޔުއްވުމާއި، ރާއްޖޭގެ ޚަބަރުތައް އެޑިޓް ކުރެއްވުމުގެ މަސައްކަތް ކުރައްވައެވެ. ޙަމްދޫންގެ 15 އަހަރުވީ ނޫސްވެރިކަމުގެ ކެރިއަރގައި ޙަމްދޫން ވަނީ، ރާއްޖޭގައި ކުޅޭ ގާތްގަނޑަކަށް ހުރިހާ ކުޅިވަރެއް، ކުޅިވަރު ރިޕޯޓަރެއްގެ ހައިސިއްޔަތުން މެދުކެނޑުމެއްނެތި 13 އަހަރުވަންދެން ކަވަރ ކުރައްވައިފައެވެ. އަދި ކުޅިވަރުގެ މައްސަލަތަކާ ގުޅޭ ރިޕޯޓްތަކާއި، ފީޗަރތައް ލިއުއްވިއެވެ. 2015 އިން ފެށިގެން އެ މަސައްކަތް ކުރެއްވީ، ސްޕޯޓްސް އެޑިޓަރެއްގެ ޒިންމާވެސް އަދާކުރައްވަމުންނެވެ.

ޙަމްދޫން ވަނީ ރާއްޖޭގެ ވަރަށްގިނަ ކުޅިވަރު ކުޅުންތެރިންނާއި، ކޯޗުންނާއި، ކުޅިވަރުގެ ޝަޚްޞިއްޔަތުތަކާ އިންޓަރވިޔު ކުރައްވައިފައެވެ. އަދި ބޭރުގެ ކުޅިވަރު ޝަޚްޞިއްޔަތުންނާވެސް އިންޓަރވިޔު ކުރެއްވިއެވެ. މީގެތެރޭގައި، ފްރާންސްގެ މާސެލް ޑެސައިލީ، އިޓަލީގެ ރޮބާޓޯ ބާޖިއޯ އަދި ބްރެޒީލްގެ ކާލޯސް އަލްބާޓޯ ހިމެނެއެވެ. ޙަމްދޫން ނެންގެވި ޑެސައިލީގެ އިންޓަރވިޔުގެ ޚަބަރުތައް، ބޭރުގެ ބައެއް ނޫސްތަކުގައި ޝާއިޢު ކުރިއެވެ.

ޙަމްދޫން ވަނީ 2008، 2011، 2013 އަދި 2015ގެ ސާފް ޗެމްޕިއަންޝިޕް، 2010ގެ ސައުތު އޭޝިއަން ގޭމްސް އަދި 2015 އާއި 2019ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ކަވަރު ކުރެއްވުމަށް އެ މުބާރާތްތައް ބޭއްވި ޤައުމުތަކަށް ވަޑައިގެންފައެވެ. މީގެތެރެއިން 2019 ވަނަ އަހަރު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ވަޑައިގަތީ، ރާއްޖޭގެ މީޑިއާ ޓީމުގެ އިސްވެރިޔާގެ ގޮތުގައެވެ. ޙަމްދޫން ވަނީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވާރލްޑް ފުޓްބޯޅަ މުބާރާތަށް ވަޑައިގެން މެޗު އިވެންޓެއް ކަވަރު ކުރައްވައިފައެވެ. ޙަމްދޫން ވަނީ ބައިނަލްއަޤްވާމީ މީޑިއާއެއް ކަމަށްވާ ގޯލް ޑޮޓް ކޮމްއަށް ކޮންޓްރިބިއުޓަރެއްގެ ގޮތުން މަސައްކަތްކުރައްވައިފައެވެ.

ޙަމްދޫން ގެންދަވަނީ، ރާއްޖޭގެ ފަހުގެ ތާރީޚު ދިރާސާކުރައްވައި، ތާރީޚާއި އަދަބިއްޔާތާއި، އިހުގެ ޝަޚްޞިއްޔަތުންނާ ގުޅޭ ދިރާސީ ލިޔުންތައް ލިޔުއްވަމުންނެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ދެއްވާ ނޫސްވެރިކަމުގެ އިނާމު، ޙަމްދޫނަށް ވަނީ 6 ފަހަރު ލިބިވަޑައިގެންފައެވެ. އެންމެ މޮޅު ނޫސްވެރިޔާގެ މަގާމު އެއް ފަހަރު، އެންމެ މޮޅު ފީޗަރ ލިޔުންތެރިޔާގެ މަގާމު ދެ ފަހަރު، އަދި އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ މަގާމު ތިން ފަހަރު ލިބިވަޑައިގެންފައި ވެއެވެ. މިހާތަނަށް އެ އަދަދަށް އެހެން ނޫސްވެރިޔަކަށް މި އިނާމު ހޯއްދެވިފައެއް ނުވެއެވެ.

ޙަމްދޫން ވަނީ، ޖާނަލިސްޓް އެސޯސިއޭޝަނުގެ ރައީސްކަމާއި، މޯލްޑިވެސް އޮލިމްޕިކް ކޮމިޓީގެ މީޑިއާ ކޮމިޝަނުގެ މެންބަރުކަމާއި، މީޑިއާ ކައުންސިލްގެ މެންބަރުކަންވެސް ކުރައްވައިފައެވެ. ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެ ކައުންސިލުން ނެރުނު "އަލިމަސް" ފޮތް އެކުލަވައިލުމުގައިވެސް ޙަމްދޫންގެ ހިއްސާ ވެއެވެ.

ޙަމްދޫނަކީ، އެމް.އެން.ޔޫ. އިން، ނޫސްވެރިކަމުން ބެޗްލަރސް ޑިގްރީއާއި، އައި.ޔޫ.އެމް. އިން، ނޫސްވެރިކަމާއި މީޑިއާ ކޮމިއުނިކޭޝަންސް އިން މާސްޓަރޒް ޑިގްރީ ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުގައި، ނޫސްވެރިކަން ކިޔަވައިދެއްވައިފައިވާ ބޭފުޅެއްވެސް މެއެވެ.