އަލްފާޟިލާ ޢާއިޝަތު އިބްރާހީމް
ހ. ކުއްޅަވަށްގަސްދޮށުގެއާގެ

ޢާއިޝަތު އިބްރާހީމަކީ، ރާއްޖޭގައި، ހެއަރ ޑްރެސިންގ އެންޑް ބިއުޓީގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ ފަންނުވެރި، ތަޖުރިބާކާރު ބޭކަނބަލެކެވެ. ޢާއިޝަތު އިބްރާހީމް ވަނީ، ހެއަރ އެންޑް ބިއުޓީގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ 750 އަށްވުރެ ގިނަ މީހުންނަށް ތަމްރީނާއި އިރުޝާދު ދެއްވައި، އެ ދާއިރާއިން ކުރިއަށް ދިޔުމަށް މަގުފަހިކޮށްދެއްވައިފައެވެ. މި ދާއިރާގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 24 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިހާރު މި ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބައެއް ބޭފުޅުންނަކީ، ޢާއިޝަތު އިބްރާހީމްގެ އަރިހުން ދަސްވެނިވި ބޭފުޅުންނެވެ.

ހެއަރ އެންޑް ބިއުޓީގެ ދާއިރާގައި، ޢާއިޝަތު އިބްރާހީމް މިހާރު ގެންދަވަނީ، ކުދިފަންތިއާއި މެދު ފަންތީގެ އަމިއްލަ ވިޔަފާރިއެއް ހިންގަވަމުންނެވެ. "އައިޝް ސެލޫން" ގެ ނަމުގައެވެ. އޭގެ ކުރިން، "ޝެރީ ސެލޫން" ގައިވެސް، ޢާއިޝަތު އިބްރާހީމް މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން، ޢާއިޝަތު އިބްރާހީމްގެ ހިއްސާ އޮންނަ "ސްޓައިލް އެންޑް ޕްރޮފައިލް"ގެ ނަމުގައި ސެލޫނެއް ހިންގަވައި، އެތަނުގައި އަންހެނުންނަށާއި އަންހެންކުދީންނަށް ތަމްރީނު ދެއްވައި، މި ދާއިރާއިން ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދެއްވުމުގައިވެސް ޢާއިޝަތު އިބްރާހީމް ވަނީ ޚާއްޞަ އުސޫލުތަކެއް ތަޢާރުފު ކޮށްދެއްވައިފައެވެ. ގޭތެރޭގެ މަސައްކަތާއި ދަރިންގެ ތަރުބިއްޔަތަށް ވަގުތު ދެއްވުމަށްފަހު ލިބިވަޑައިގަންނަވާ އިތުރު ވަގުތުގައި މަސައްކަތް ކުރެވޭގޮތަށް މުވައްޒަފުންނަށް މަގުފަހިކޮށްދެއްވައެވެ. ހުނަރު ދަސްކުރަން ބޭނުންވާ ކުދިންނަށް ޢާއިޝަތު އިބްރާހީމްގެ އެހީތެރިކަން ދެއްވަމުން ގެންދަވަނީ، ހިލޭސާބަހަށެވެ. އޭގެ އިތުރުން، އޭރުގެ ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތް ކުރައްވައި، ބޯކޮށުމުގެ ޚިދުމަތް އެ ކުދިންނަށް ހިލޭ ފޯރުކޮށްދެއްވައެވެ. ހިޔާއިން ނުކުންނަ ޒުވާނުން މި ދާއިރާއިން ކުރިއަށްދިޔުމަށް މަގުފަހިކޮށްދެއްވައެވެ.

1998 ވަނަ އަހަރު ޒުވާނުންގެ މަރުކަޒުގައި ހިންގި ހެއަރ އެންޑް ބިއުޓީ ކޯހުގައި ބައިވެރިވެވަޑައިގެން، އެ ކޯހުން އެއްވަނަ ހާސިލުކުރެއްވުމަށްފަހު، ދާއިރާއިން ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރައްވައި، ރާއްޖެއިން ބޭރުންވެސް ގިނަ ތަމްރީނުތަކެއް ފުރިހަމަކުރެއްވުމަށްފަހު، ޢާއިޝަތު އިބްރާހީމް ވަނީ، ޓްރޭނަރެއްގެ ހައިސިއްޔަތުން، މާލެއާއި އަތޮޅުތެރޭގައި ގިނަ ކޯސްތަކެއް ހިންގަވައިފައެވެ.

ޢާއިޝަތު އިބްރާހީމަކީ، ރާއްޖޭގައި ހިލޭސާބަހަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އެން.ޖީ.އޯ.ތައް ކަމުގައިވާ ވިމެން އިން މެނޭޖްމަންޓާއި، ވިމެން އޮންޓަރޕްރިނިއަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި، ވިމެން އޮން ބޯޑުގައި މެންބަރެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެކެވެ.

ޢާއިޝަތު އިބްރާހީމް ވަނީ، މި ދާއިރާއިން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ތަފާތު އެވޯޑުތައްވެސް ހޯއްދަވައިފައެވެ. އަދި މި އަހަރު ރެހެންދި އެވޯޑްވެސް ވަނީ ހާސިލު ކުރައްވައިފައެވެ.