އަލްފާޟިލާ ޖޫދީ ޚާލިދު
ހ. ވަޅުފެހި

ކޭކުއެޅުމާއި ކޭކު ޒީނަތްތެރިކުރުމުގެ މަސައްކަތް، ޖޫދީ ޚާލިދު ފެށްޓެވީ 2001 ވަނަ އަހަރުގެ ތެރޭގައެވެ. މި ފަންނުގެ ތެރެއަށް ވެދެވަޑައިގަތީ، ޢާއިލީ ޒިންމާތައް ހުރި ގޮތުން ވަޒީފާއަށް ވަޑައިގަތުން ހުއްޓަވައިލައްވަން ޖެހިވަޑައިގަތުމުން، އާމްދަނީ ލިބޭ އަދި ޝައުޤުވެރި އަމިއްލަ މަސައްކަތެއް ފެށްޓެވުމުގެ ގޮތުންނެވެ. "ޖޫދީސް ކޭކް" ގެ ނަމުގައި ކުރައްވާ މި މަސައްކަތުގައި ޖޫދީ ވަނީ، ރާއްޖެ އާއި ރާއްޖެއިން ބޭރުން ތަމްރީނުތައް ފުރިހަމަކުރައްވައި، މި ފަންނުން މަތީ ހަރުފަތްތަކެއް ގިރާކުރައްވައި، ރާއްޖޭގެ ފެންވަރުގައްޔާއި، ބައިނަލްއަޤުވާމީ ފެންވަރުގައި ކާމިޔާބީތައް ހާސިލު ކުރައްވައިފައެވެ. އަދި ޖޫދީގެ މި ފަންނުން ދިވެހި ޤައުމަށް މުހިންމު ޚިދުމަތްތަކެއް ކުރައްވައިފައެވެ.

ޖޫދީ ޚާލިދު، ކޭކުއެޅުމާއި ކޭކު ޒީނަތްތެރިކުރުމުގެ މަސައްކަތުގައި އެންމެ އިސްކަން ދެއްވަނީ، ކޭކުގެ މީރު ރަހަ ހިފެހެއްޓެވުމަށާއި، ކޭކުގެ ފެންވަރާއި ޒީނަތްތެރިކަމުގެ މަތީ މިންގަނޑުތައް ހިފެހެއްޓެވުމަށެވެ. އެހީތެރިން ގެންގުޅުއްވިޔަސް އެންމެ މުހިންމު މަސައްކަތްތައް އަމިއްލަފުޅަށް ކުރެއްވުމަކީ، ވަރަށް އިސްކަން ދެއްވާ ކަންތައްތަކެވެ. ޖޫދީ ޚާލިދަކީ، ކޭކު ޒީނަތްތެރިކުރުމަށް ބޭނުންކުރާނެ ފޮންޑަންޓް ކަޓަރ ހައްދަވައިގެން ބޭނުންފުޅު ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.

ޖޫދީ ޚާލިދުގެ މި މަސައްކަތުގެ ފެންވަރު މަތިކުރައްވައި، އެކަން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދައްކަވައިދެއްވުމަށް ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ބައިނަލްއަޤްވާމީ މަތީ ފެންވަރުގެ އެވޯޑުތައް ލިބިވަޑައިގެންފައި ވެއެވެ. އަދި މި ދާއިރާއިން މިހާރު ގެންދަވަނީ މުބާރާތްތަކުގެ ޖަޖުންގެ ޕެނަލްތަކުގައި މަސައްކަތް ކުރައްވަމުންނެވެ. ބައިނަލްއަޤުވާމީ މުބާރާތްތަކުގެ ޖަޖުންގެ ފެންވަރަށް ވަޑައިގަތުމުގެ މަރުޙަލާތައް ޖޫދީ ވަނީ، ފަށްޓަވައިފައެވެ. މިގޮތުން، އެންމެ ފަހުން ބޭއްވި ފުޑް އެންޑް ހޮސްޕިޓޭލިޓީ އޭޝިއާ އެގްޒިބިޝަނާއި، ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ރުކީ ޖަޖެއްގެ ގޮތުން މަސައްކަތްކުރެއްވިއެވެ. ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ އެކްޓިވް މެންބަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޖޫދީ ޚާލިދު ވަނީ، މި އަހަރު އަބޫދާބީގައި ބޭއްވި ވާރލްޑް ޝެފްސް ކޮންގްރެސްގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ޖޫދީ، މި ދާއިރާއިން ހޯއްދަވައިފައިވާ ބައިނަލްއަޤުވާމީ ކާމިޔާބީތަކުގެ ތެރޭގައި، 2015 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ "ޑްރެސް ދަ ކޭކު" އާއި "ނޮވެލްޓީ ކޭކްސް" މި ދެ ކެޓަގަރީން 1 ވަނަ ހޯއްދެވުމާއި، ގޯލްޑް މެޑަލް ހާސިލު ކުރެއްވުން ހިމެނެއެވެ. ހަމަ އެ އަހަރު ސީޝެލްސްގައި ބޭއްވި ފުޑް އެންޑް ހޮސްޕިޓޭލިޓީ ސީޝެލްސް 2015 އިން، ޑިސްޓިންކްޝަނާއެކު 1ވަނަ ހޯއްދަވައި، ރަންމެޑަލް ހާސިލު ކުރެއްވިއެވެ. އަދި ސިންގަޕޫރުގައި ބޭއްވި ކަލިނަރީ ޗެލެންޖްގައި ބައިވެރިވެވަޑައިގެން، ދެ އަހަރެއްގެ މަތީން ބްރޯންޒް މެޑެލް ހާސިލުކުރައްވައިފައި ވެއެވެ.

ޖޫދީ ޚާލިދު ދިވެހިރާއްޖެއަށް މި ދާއިރާއިން ހޯއްދަވައިދެއްވި އެންމެ ރީތި ނަމަކީ 2020 ވަނަ އަހަރު ޖަރުމަނުވިލާތުގައި ބޭއްވި، އިކާ ކަލިނަރީ އޮލިމްޕިކްސްގައި ރާއްޖެއަށް ހޯއްދަވައިދެއްވި ރަންމެޑެއްޔެވެ. މިއީ، ބައިނަލްއަޤުވާމީ ފެންވަރުގައި ކަލިނަރީ ދާއިރާއިން ބޭއްވޭ އެންމެ މަތީ އެއް މުބާރާތެވެ. ޖޫދީ ޚާލިދަށް މިހާތަނަށް ޖުމުލަ 14 މެޑެލް ލިބިވަޑައިގެންފައިވެއެވެ. އެއީ، 5 ބްރޯންޒް މެޑެއްޔާއި 5 ރިހިމެޑެއްޔާއި 4 ރަން މެޑެއްޔެވެ.

ޖޫދީ ޚާލިދު މި ފަންނުގައި ހޯއްދަވަމުން ގެންދަވާ ކާމިޔާބީތަކާއެކު، މި ދާއިރާއިން ދިވެހިންނަށް ތަމްރީނު ދެއްވައި، ރާއްޖޭގައި ކޭކު އެޅުމާއި، ކޭކު ޑެކަރޭޓްކުރުމާއި، ޕޭސްޓްރީގެ މަސައްކަތް ވެސް ގެންދަވަނީ ދަސްކޮށްދެއްވަމުންނެވެ. އޭގެތެރޭގައި، އެކި ރަށްރަށުގެ ކައުންސިލްތަކާ ގުޅިވަޑައިގެން ތަމްރީން ޕުރޮގްރާމުތައް ހިންގަވަމުން ގެންދަވައެވެ. މިހާތަނަށް 100 އަށްވުރެ ގިނަ މީހުންނަށް ވަނީ މި މަސައްކަތް ދަސްކޮށްދެއްވައިފައެވެ. މި މަސައްކަތުގެ ގާތްގަނޑަކަށް 90 އިންސައްތައަކީ، ހިލޭ ސާބަހަށް ކޮށްދެއްވައިފައިވާ މަސައްކަތްތައްކަން ފާހަގަކޮށްލަން ޖެހެއެވެ.