އަލްފާޟިލް އަދީލް އިސްމާޢީލް
މ. ސަންބީމް

ފަރުމާކުރުމާއި އިޝްތިހާރު ކުރުމުގެ ދާއިރާއަށް 1994 ވަނަ އަހަރުގެ ތެރޭގައި ޢަދީލް އިސްމާޢީލް ވެދެވަޑައިގެންނެވިއިރު، އެ ދާއިރާއަކީ، ވަރަށް ޅަފަތުގައިވާ ދާއިރާއެކެވެ. ޓީ.ވީ.އާއި ނޫސް މަޖައްލާތަކުގައި ކުރާ އިޝްތިހާރުތައް ފިޔަވައި އިޝްތިހާރު ކުރަމުން ގެންދިޔައީ، ޒަމާނުއްސުރެ އެކަން ކުރަމުންއައި ގޮތަށެވެ.

މާކެޓިންގގެ ދާއިރާއިން، އިނގިރޭސިވިލާތުގެ މިޑްލްސެކްސް ޔުނިވަރސިޓީން ޑިގްރީ ފުރިހަމަކުރެއްވުމަށްފަހު މި ދާއިރާއަށް ވެދެވަޑައިގެންނެވީ، ޢަދީލާއި، އެ މަސައްކަތުގެ އެހެން ބައިވެރިންގެ މަސައްކަތާއެކު، މި ދާއިރާ ކުރިއަރުވައި ތަރައްޤީ ކުރެވޭނެ ކަމުގެ އުންމީދާ އެކުގައެވެ. ޢަދީލްގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް މަސައްކަތަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަމްޒު ކަމުގައިވާ މޯލްޑިވްސް ލޯގޯއެވެ. މި ލޯގޯ ބޭނުންކުރާތާ މިހާރު 20 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

2005 ވަނަ އަހަރުގެ ތެރޭގައި، ފައުންޑަރ މެންބަރެއްގެ ހައިސިއްޔަތުން ޢަދީލްވެސް ހިއްސާވެގެން "ތިންކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފެއްދެވިއެވެ. އެ އަހަރުން ފެށިގެން އިޝްތިހާރު ކުރުމުގެ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް އައުމުގެ މައިގަނޑު ސަބަބަކީ ޢަދީލާއި، ޢަދީލާއެކުގައި އެ މަސައްކަތުގައި ބައިވެރިވާ ތިންކް އެސޯސިއޭޓްސްގެ އެހެން މެންބަރުންގެ މަސައްކަތާއި، އައު ވިސްނުމެވެ.

ކުންފުނި އުފެދުނު އަހަރު، ވަޠަނިއްޔާ ޓެލެކޮމްސްގެ އެކްސްކްލޫސިވް އެޑްވަރޓައިޒިންގ އޭޖެންސީއެއްގެ ގޮތުގައި ތިންކް އެޑްވަޓައިޒިންގ ޚިޔާރުކުރިއެވެ. އަދި އެ ކުންފުންޏާ އެކުގައި، ރިޓެއިނަރ އެގްރީމަންޓެއްގައި ސޮއިކުރައްވައި، މުޅިން އައު ވިޔަފާރިއެއް ރާއްޖެއަށް ތަޢާރުފު ކުރެއްވިއެވެ. އިންޓަރނޭޝަނަލް ކުންފުނިތައް އިޝްތިހާރު ކުރުމާއި، އިވެންޓްތައް ބޭއްވުމަށް ބޭނުންވާފަދަ ޚިދުމަތްތައް ރީޓެއިނަރ މޮޑެލްގެ ދަށުން ތިންކް އެސޯސިއޭޝަންގެ ފަރާތުން ވަނީ ތަޢާރުފު ކޮށްފައެވެ.

މި އިންޤިލާބީ ބަދަލާއެކު، ރާއްޖޭގެ ވިޔަފާރި ކުންފުނިތަކުންވެސް އެގޮތަށް މަސައްކަތް ކުރަން ބޭނުންވެ، އެޑްވަރޓައިޒިންގ އޭޖެންސީއެއް އޮތުމުގެ ބޭނުންތެރިކަން ފާހަގަކުރިއެވެ. ކުރިން އެމީހުންގެ އަމިއްލަ މުވައްޒަފުންނާއެކު ކުރަމުންގެންދިޔަ މަސައްކަތް މާ ފުރިހަމަކަމަށް ކުންފުނިތަކުން ގަބޫލުކުރިއެވެ. އަދި އޭގެފަހުން އައި އަހަރުތަކުގެ ތެރޭގައި މިގޮތަށް މަސައްކަތް ކުރުމަށް އެހެން އޭޖެންސީތައްވެސް ރާއްޖޭގައި އުފެދިގެންދިޔައެވެ.

ތިންކް އެސޯސިއޭޓްސް އުފެދުނު ފަހުން 17 އަހަރު ވެފައިވާއިރު، ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި، ކުންފުނި ހިންގުމުގެ ޒިންމާ އަދާކުރައްވައިފައިވަނީ ޢަދީލް އިސްމާޢީލެވެ. އަދި ޢަދީލްގެ މޭސްތިރިކަމުގެ ދަށުގައި އިޝްތިހާރު ކުރުމުގެ ދާއިރާއަށް ވޭތުވެދިޔަ އަހަރުތަކުގައި އައިސްފައިވާ ބަދަލުތަކާއެކު، އެ ޚިދުމަތް ވަރަށްގިނަ ކުންފުނިތަކަށާއި، ވަކިވަކި ފަރުދުންނަށް ދީފައިވާ ކުންފުންޏަކަށް ތިންކް އެސޯސިއޭޓްސް ވެފައިވަނީ މި ދާއިރާގައި ޢަދީލް ކުރައްވައިފައިވާ މިންނެތް މަސައްކަތްތަކުންނެވެ. މީގެ ތެރޭގައި، ދިރާގު، އެމް.ޓީ.ސީ.ސީ.، އެމް.އެމް.އޭ.، ޓްރާންސް މޯލްޑިވިއަން އެއަރވޭޒް، އަދި ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ އެކިއެކި މަސައްކަތްތައްވެސް ހިމެނެއެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރު.ޓީ.އެލް.)ގެ ލޯގޯ، ޢަދީލް ފަރުމާ ކުރައްވައި އޭގެ މާކެޓިންގ އާބެހޭ އެންމެހައި މަސައްކަތްތައް ކުރިއަށް ދިޔައީވެސް ޢަދީލްގެ ބެއްލެވުމުގެ ދަށުންނެވެ.

އެންމެ ދުވަސްވީ، އެންމެ ގިނަ ބަޔަކަށް އިޝްތިހާރު ކުރުމާއި އެކިއެކި އިވެންޓްތައް ބާއްވައިދޭ އަދި މެނޭޖްކޮށްދޭ ކުންފުނީގެ މަގާމުގައި ތިންކް އެސޯސިއޭޓްސްއަށް ހިފެހެއްޓިފައި ވަނީ އިޝްތިހާރު ކުރުމުގައި ޢަދީލް ގެންގުޅުއްވާ ވިސްނުންފުޅާއި، އުފެއްދުންތެރި، ކްރިއޭޓިވް މުވައްޒަފުންނާ ގުޅިގެން އެމީހުންގެ އެހީތެރިކަމާއެކު ކުރައްވާ މަސައްކަތުންނެވެ. އަދި ޢަދީލްގެ ޚިޔާލާއި މަޝްވަރާ ހިއްސާކުރައްވަމުން ގެންދަވާތީއާވެސް އެކުގައެވެ.

ޢަދީލަކީ، މިހާރު ރާއްޖޭގައި މި ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅެއް ކަމުގައި، ވިޔަފާރިއާއި އިޖުތިމާޢީ ދާއިރާގެ ގިނަ ބަޔަކު ބަލައިގެންފައިވާ ބޭފުޅެކެވެ. މިގޮތުން، ޤައުމީ އަދި އިޖުތިމާޢީ ކަންކަމުގައި ޢަދީލްގެ މަޝްވަރާއާއި ޚިޔާލު ގިނަ ބަޔަކު ހޯދަމުން ގެންދެއެވެ. ތަފާތު އިވެންޓްތަކާއި އިޖުތިމާޢީ ކެމްޕެއިންތަކުގައި ޢަދީލް އަމިއްލަފުޅު ހައިސިއްޔަތުން މުހިންމު ހިއްސާއެއް އަދާކުރައްވަމުން ގެންދަވައެވެ.