މުނި އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް

ދިރިއުޅުމަށް ބޭނުންވާ ޢާންމު މުދާ ވިއްކާ ފިހާރައެއްގެ ގޮތުގައި 1983 ވަނަ އަހަރު އުފެއްދެވި "މުނި އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް" (މުނި ގުރޫޕު) އަކީ މިހާރު ރާއްޖޭގައި، ގޭތެރެއަށް ބޭނުންވާ އެކިއެކި ފަރުނީޗަރާއި، ފާޚާނާއަށް ބޭނުންވާ އެކި ބާވަތުގެ ތަކެތި ވިއްކާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މަޝްހޫރު އެއް ކުންފުންޏެވެ. މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މުނި ގުރޫޕުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއާއި، ރިއަލް އެސްޓޭޓް ވިޔަފާރިީގެ ދާއިރާގައިވެސް ތަފާތު ވިޔަފާރިތަކެއް ޤާއިމުކޮށްފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް މުނި ގުރޫޕުން ވަދެފައިވަނީ، ޑައިވިންގ ދޯނިފަހަރާއި، ސަފާރީ ދޯނިފަހަރު ހޯދުމަށް އިންވެސްޓް ކޮށްގެން 1997 ވަނަ އަހަރުގެ ތެރޭގައި، "މުނި ޓްރެވަލްސް އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ވަކި ކުންފުންޏެއް ރަޖިސްޓަރީ ކޮށްގެންނެވެ. މިހާރު އެ ކުންފުނީގެ ދަށުން ދެ ސަފާރީ ޔޮޓާއި، ޔޮޓުތަކަށް ބޭނުންވާ ޑައިވިންގ ދޯނިތަކުން ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ.

2000 ވަނަ އަހަރު މުނި އެންޓަރފްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުނި އިތުރަށް ތަރައްޤީ ކުރެވުނީ، ގެދޮރު ޒީނަތްތެރިކުރުމަށް ބޭނުންވާ އެންމެ ޒަމާނީ މުދަލާއި ފަރުނީޗަރާއި، ބަދިގެ ސެޓްފަދަ ތަކެތި، ކުރިން ކުރަމުން ގެންދިޔަ ވިޔަފާރިއަށް އިތުރުކޮށްގެން "މުނި ހޯމްކެއަރ" ގެ ނަމުގައި ފިހާރަތަކެއް ޤާއިމުކޮށް ވިޔަފާރި ހިންގަން ފެށުމާ އެކުގައެވެ.

2002 ވަނަ އަހަރުގެ ތެރޭގައި "މުނި ތިލަފުށި ޕްރޮޑަކްޝަން ފެސިލިޓީ"ގެ ނަމުގައި ކުންފުނިން ޤާއިމުކުރި ފެސިލިޓީއަކީ ރާއްޖޭގައި އުފެއްދުނު މިފަދަ ފުރަތަމަ ފެސިލިޓީއެވެ. އެތަނުން، ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ގޮތަށް، އެންމެ ފަހުގެ އާލާތްތަކާއި ތަކެތި ބޭނުންކޮށްގެން ބަދިގެތައް ފަރުމާކޮށް ގޭގޭގައި ހަދައިދިނުމާއި، ބޭނުންވާ ގޮތަށް ފަރުނީޗަރު އުފައްދަން ފެށިއެވެ.

ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި، 2014 ވަނަ އަހަރުގެ ތެރޭގައި، ކ.މާފުށީގައި 20 ކޮޓަރީގެ ހޮޓަލެއް ޤާއިމުކޮށް، "ބީޗްވުޑް ހޮޓެލްސް" ގެ ނަމުގައި ހިންގަން ފެށިއެވެ. އަދި 2018 ވަނަ އަހަރުގެ ތެރޭގައި، ބުޓީކް ރިޒޯޓެއްގެ ގޮތުގައި އެ ކުންފުނިން ޅ.ފުށިފަރު ތަރައްޤީކޮށް "ފުށިފަރު މޯލްޑިވްސް" ގެ ނަމުގައި ޓޫރިސްޓް ރިޒޯޓެއް ހުޅުވައިގެން ހިންގަމުން އެބަގެންދެއެވެ.

ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާއަށް ކުންފުނިން ވަނުމަށްޓަކައި 2016 ވަނަ އަހަރުގެ ތެރޭގައި، "ފިޓްރަން ރެޒިޑެންސަސް" ޤާއިމު ކުރިއެވެ. ހުޅުމާލޭގައި، ފިޓްރަން ރެޒިޑެންސަސް އިމާރާތް ކޮށްފައިވަނީ، ޤުދްރަތީ މާޙައުލަށް ގެއްލުންނުވާނޭ ގޮތަށް، ހިތްހަމަޖެހޭ، ދިރިއުޅުމަކަށް ރައްކާތެރި އަދި ފަސޭހަ މާޙައުލެއް ޤާއިމުކުރެވޭ ގޮތަށެވެ.

މުނި އެންޓަރޕްރައިޒަސް ލިމިޓެޑުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ކަނޑައަޅާ މުވައްޒަފުންނަށް ވިޔަފާރިއާ ގުޅޭ އެކި ދާއިރާތަކުން މަތީ ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތުވެސް ކުންފުނިން ފަހިކޮށްދެމުން ގެންދެއެވެ.

ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޮތުގައި، މުނި ގްރޫޕުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، ވިޔަފާރި ކުރުމުގައި ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ފޮތި ކޮތަޅު ތަޢާރުފު ކުރުމާއި، މަސްތުވާތަކެތީގެ ވަބައިގައި ޖެހިފައިވާ މީހުންގެ ތެރެއިން ފަރުވާހޯދަމުން ގެންދާ ބައެއް މީހުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުންފަދަ ކަންކަން ހިމެނެއެވެ. އަދި މިހާރުވަނީ "މުނި ފައުންޑޭޝަން" ގެ ނަމުގައި ފައުންޑޭޝަނެއް އުފެއްދެވުމުގެ މަސައްކަތްވެސް ފަށްޓަވައިފައެވެ.

މުނި އެންޓަރޕްރައިޒަސް ލިމިޓެޑްގެ ހިއްސާދާރުންނަކީ، މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް މުޚްތާރު ޙަސަނާއި، ޑިރެކްޓަރ އަލްފާޟިލް ނިޒާރު ޙަސަނާއި، ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޝިހާމެވެ.