އަލްއުސްތާޛާ މަރްޔަމް ޝުނާނާ
ހ. ވެލަސްފަރުގެ

އަލްއުސްތާޛާ މަރްޔަމް ޝުނާނާއަކީ، ރާއްޖޭގެ އާންމުންގެ ގިނަ ބައެއްގެ އިތުބާރާއި ތަޢުރީފާއި އިޙްތިރާމް ލިބިވަޑައިގެންފައިވާ ޒުވާން ޤާނޫނީ ވަކީލެކެވެ. އެއީ، ޤާނޫނީ ދާއިރާއިން އާދަޔާ ޚިލާފު ބުރަ އަދި ބޮޑެތި މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅަކަށް ވާތީއެވެ. އަދި އާންމުން ނުހަނު ބޮޑަށް ބޭނުންވެފައިވާ މަސައްކަތެއް އިސްނަންގަވައިގެން ކުރައްވަން ފަށްޓަވައި، ގިނަ ކާމިޔާބީތަކެއް ހޯއްދަވައި، ގިނަ ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވައިފައިވާ ބޭފުޅަކަށް ވާތީއެވެ.

މަރްޔަމް ޝުނާނާއަކީ، 2011 ވަނަ އަހަރު، ޤާނޫނީ ވަކީލުކަމުގެ ހުވައި ކުރެއްވީސުރެން ފެށިގެން، މެދުކެނޑުމެއްނެތި ޤާނޫނީ ދާއިރާއަށް ގިނަ ޚިދުމަތްތައް ކޮށްދެއްވައިފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ދަތިވެފައިވާ ރާއްޖޭގެ ވަރަށް ގިނަ ފަރާތްތަކަށް ހިލޭ ސާބަހަށް، ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެއްވައިފައިވެއެވެ. އެގޮތުން، މިހާތަނަށް 2,235 އަށްވުރެ ގިނަ މީހުންނަށް، ހިލޭ ސާބަހަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެއްވައި، އޭގެ ތެރެއިން ވަރަށް ގިނަ ރައްޔިތުންނަށް ޝަރީޢަތް މެދުވެރިކުރައްވައި އިންސާފު ހޯއްދަވައިދެއްވައިފައިވެއެވެ. ޝުނާނާއަކީ، އާންމު މަޞްލަޙަތަށް ގެއްލުންވާ ކަންކަމާއި، އިންސާނީ ޙައްޤުތަކަށް އުނިކަން އަންނަ ކަންކަން ދެނެގަނެ، އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވައި، ޤާނޫނުތަކަށް މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރެއްވުމުގައި ދެމިހުންނެވި ބޭފުޅެކެވެ. ޝުނާނާ ކުރައްވަމުން ގެންދެވި މަސައްކަތް އިތުރަށް ފުޅާކުރެއްވުމަށްޓަކައި ޝުނާނާ އިސްކޮށް ހުންނަވައިގެން "ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރ"ގެ ނަމުގައި ޖަމުޢިއްޔާއެއް އުފައްދަވައި، އެ ޚިދުމަތް ފުޅާ ކުރައްވައިފައިވެއެވެ.

ޤާނޫނީ ދާއިރާއިން ޝުނާނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯއްދަވައިފައެވެ. އެގޮތުން، ގިނަ އަދަދެއްގެ މީހުން ހިމެނޭ ކްލާސް-އެކްޝަން ގިނަ މައްސަލަތަކެއް ހުށަހަޅުއްވައި ވަރަށް ގިނަ މީހުންނަށް ޢަދުލު އިންސާފު ހޯއްދަވައި ދެއްވައިފައިވެއެވެ. އޭގެތެރޭގައި، ރާއްޖޭގެ ތާރީޚުގައި، ޝަރުޢީ ކޯޓަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި އެންމެ ބޮޑު ތިން ކްލާސް-އެކްޝަން މައްސަލަ ހުށަހަޅުއްވައި، އޭގެ ތެރެއިން 2 މައްސަލައިގައި ހިމެނޭ ޖުމުލަ 400 މީހުންނަށް އިންސާފު ހޯއްދަވައިދެއްވައިފައިވެއެވެ. ހަމައެހެންމެ، ޝުނާނާ އިސްކޮށް ހުންނަވައިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް މޯބައިލް ލީގަލް އެއިޑް ކުލިނިކުތަކެއް ހިންގަވަން ފެށްޓެވިއެވެ. މޯބައިލް ލީގަލް އެއިޑް ކުލިނިކުތަކަކީ، އަތޮޅުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް ދަތިވެފައިވާ ފަރާތަކަށް ޤާނޫނީ ޚިދުމަތް ދެއްވުމަށާއި، އަތޮޅުތަކުގައި ދިރިއުޅުއްވާ ރައްޔިތުން ޤާނޫނުތަކަށް އަހުލުވެރިކުރެއްވުމަށްޓަކައި އެކި ރަށްތަކަށް ދަތުރުކުރައްވައިގެން އެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ހިންގަވަމުން ގެންދަވާ ޕުރޮގްރާމެކެވެ. މި ޕުރޮގްރާމް ރާއްޖޭގެ 19 ރަށެއްގައި ހިންގަވައިފައިވެއެވެ.

ޤާނޫނީ ދާއިރާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް ޤާނޫނީ ދިރާސާތައް ފަސޭހައިން ކުރެވޭނެ ގޮތް ހެއްދެވުމަށްޓަކައި، އޮންލައިން ކޭސް ޑޭޓާބޭސްއެއް އެކުލަވައިލައްވައި، "ވަޒީފާއާބެހޭ ޤާނޫނީ އުސޫލުތައް" މި ނަމުގައި 2021 ވަނަ އަހަރުގެ ނޮވެންބަރު މަހު ފޮތެއް ނެރުއްވިއެވެ.

ޤާނޫނީ ދާއިރާ ހަރުދަނާ ކުރެއްވުމުގެ ގޮތުން، ޤާނޫނީ ރޮނގުން ކިޔަވާ ދަރިވަރުންނާއި، ޤާނޫނީ ދާއިރާއަށް އަލަށް ނުކުންނަ ވަކީލުންނަކީ ނަޒާހަތްތެރި، ޤާބިލުކަން ހުރި، އިންސާނިއްޔަތު ކަމަށް ލޯބިކުރާ އަދި ކޮރަޕްޝަން ފަދަ ނޭދެވޭ ޢަމަލުތަކުން އެއްކިބާވެގެން ތިބޭ ވަކީލުންގެ ގޮތުގައި ބިނާކުރެއްވުމަށްޓަކައި، ޤާނޫނު ކިޔަވާ ދަރިވަރުންނަށާއި، ޤާނޫނީ ދާއިރާއަށް އަލަށް ނުކުންނަ ވަކީލުންނަށް، ޝުނާނާ އެކިއެކި ތަމްރީނާއި އިރުޝާދު ދެއްވުމުގެ ޓްރޭނިންގ ޕުރޮގުރާމުތައް ހިންގަވައިފައިވެއެވެ.

ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކުރައްވާ އެންމެ މުހިންމު އެއްކަމަކީ، ޤާނޫނާ ޚިލާފު އަދި ޢަދުލު އިންސާފު ގެއްލޭ ހާލަތުގައި އެކަންކަމާ ދެކޮޅަށް ޖެހިލުންވުމެއްނެތި އަޑު އުފުލައި، އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން ކަމަށްވާއިރު، މަރްޔަމް ޝުނާނާ ވަރަށް ފުރިހަމަޔަށް މި ދައުރު އަދާކުރައްވަމުން ގެންދަވައެވެ. މަރްޔަމް ޝުނާނާއަކީ، ޤާނޫނާ ޚިލާފު އަދި ޢާންމު މަޞްލަޙަތަށް ގެއްލުންވާ އެކިއެކި ކަންކަމާ ދެކޮޅަށް ޖެހިލުންވެވަޑައިގަތުމެއްނެތި އަޑު އުފުއްލަވައި، ރައްޔިތުންނާ ގުޅިގެން ޞުލްޙަވެރި މަދަނީ ހަރަކާތްތައް ހިންގަވައި، އޭގެ ބައެއް ޙަރަކާތްތަކުގެ ސަބަބުން ހެޔޮ ބަދަލުތައް ގެނެސްދެއްވައިފައިވާ ބޭފުޅެއްވެސް މެއެވެ.

މަރްޔަމް ޝުނާނާއަށް 2020 ވަނަ އަހަރު ވަނީ "ރެހެންދި އެވޯޑު" ލިބިވަޑައިގެންފައެވެ. ބައިނަލްއަޤުވާމީ ފޯރަމެއް ކަމަށްވާ، އޭޝިޔާ ލޯ ޕޯޓަލްއިން އޭޝިޔާ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ލީޑިންގ "ލީގަލް އިނޮވޮޓޭރ" އެއްގެ ގޮތުގައި މަރްޔަމް ޝުނާނާ ވަނީ، ކަނޑައަޅުއްވައިފައެވެ.