އަލްފާޟިލް ޢަލީ ނަޞީރު
ހ. ވުޑްލޭންޑް

ޢަލީ ނަޞީރަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޚާއްޞަކޮށް، "މެތްސް" މި މާއްދާ ކިޔަވައިދެއްވުމުގައި ވަރަށް ޤާބިލް ތަޖުރިބާކާރެކެވެ. ޢަލީ ނަޞީރު މެތްސް ކިޔަވައިދެއްވަން ފެށްޓެވީ، މަޖީދިއްޔާ ސްކޫލްގައި ކިޔަވައި ވިދާޅުވަމުން ގެންދެވިއިރު، "ރޯޝަނީ ޓިއުޝަން ކްލާސް" ގައެވެ.

ޢަލީ ނަޞީރު 1988 ވަނަ އަހަރު، މުދައްރިސްކަމުގެ ތަމްރީނު ފުރިހަމަ ކުރެއްވުމަށްފަހު، ޓީޗަރެއްގެގޮތުން ކިޔަވައިދެއްވަން ފެށްޓެވީ، ތާޖުއްދީން ސްކޫލްގައެވެ. އެ ސްކޫލުގައި ތިންއަހަރު ޚިދުމަތްކުރެއްވުމަށްފަހު ބަދަލުވެވަޑައިގަތީ، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ކަރިކިއުލަމްގެ މަސައްކަތަށެވެ. އެ މަރުކަޒުގައި، ރާއްޖޭގެ ހިސާބު މުޤައްރަރު، ގްރޭޑް 1 ން 7 އަށް ތައްޔާރު ކުރެއްވުމުގައި މަސައްކަތް ކުރެއްވި ތިން ބޭފުޅުންގެ ތެރެއިން އިސްކޮށް މަސައްކަތް ކުރެއްވީ، ޢަލީ ނަޞީރެވެ. ރާއްޖޭގައި މިހާރު ތަންފީޒު ކުރެވެމުންދާ ހިސާބު މުޤައްރަރު އެކުލަވައިލުމާއި، އެހެން މާއްދާތައް "އައުޓްކަމް ބޭސްޑް" މުޤައްރަރުތަކަށް ބަދަލުކުރަން ފެށުނު މަރުޙަލާގައި، އެ މަސައްކަތުގައި އިސް ދައުރެއް، ޢަލީ ނަޞީރު އަދާކުރައްވައިފައި ވެއެވެ.

ޢަލީ ނަޞީރުގެ ހިތްޕުޅުގައި "މެތްސް" މި މާއްދާ ކިޔަވައިދެއްވުމުގެ ޝައުޤުވެރިކަން ބޮޑުކަމާއެކު، މި މާއްދާ ކިޔަވައިދެއްވުމަށްޓަކައި "ޢަލީސް މެތްސް ކުލާސް"ގެ ނަމުގައި 2006 ވަނަ އަހަރު ކްލާހެއް ރަޖިސްޓަރީ ކުރައްވައިގެން ހިންގަވަން ފެށްޓެވިއެވެ. މިހާރު ފުލްޓައިމްކޮށް ކުރައްވާ މަސައްކަތަކީ، "ޢަލީ މެތްސް ކުލާސް" ހިންގެވުމާއި، ކިޔަވައިދެއްވުމެވެ. ލޯވަރ ސެކަންޑަރީ މެތްސް ކިޔަވައިދިނުމަށް 4 ފޮތެއްވެސް ޢަލީ ނަޞީރު ވަނީ ތައްޔާރު ކުރައްވައިފައެވެ.

ދިވެހިރާއްޖޭގެ ހުރިހާ ސްކޫލެއްގައި، 1995ން 2016 ވަނަ އަހަރުގެ ނިޔަލަށް ގްރޭޑް 1 ން 7 އަށް މެތްސް ކިޔަވައިދީފައިވަނީ، އިސް މުޞައްނިފެއްގެ ގޮތުގައި ޢަލީ ނަޞީރު ހުންނަވައިގެން ލިޔުއްވި ފޮތްތަކުންނެވެ. މިގޮތުން، 35 ފޮތެއް ލިޔުއްވައިފައި ވެއެވެ. ފޮތްތަކާއި މުޤައްރަރަށް ޓީޗަރުން އަހުލުވެރި ކުރުވުމަށް މަސައްކަތު ބައްދަލުވުންތައްވެސް މުޅި ރާއްޖޭގައި ބާއްވަވައިފައި ވެއެވެ.

ޢަލީ ނަޞީރަކީ މުޤައްރަރު އެކުލަވައިލުމާއި، ފޮތް ލިޔުމާއި، ކިޔަވައިދިނުމުގެ އާ ގޮތްތަކާ ގުޅޭގޮތުން ރާއްޖެއިން ބޭރުން ތަފާތު ތަމްރީނު ޕުރޮގްރާމުތަކުގައްޔާއި، މަސައްކަތު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއްވެސް މެއެވެ.

ކިޔަވައިދެއްވުމުގައި 35 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޢަލީ ނަޞީރު ވަނީ ގްރޭޑް 1 ން 10 އާ ދޭތެރޭ ހުރިހާ ގްރޭޑަކަށް ހިސާބު ކިޔަވައި ދެއްވައިފައެވެ. އަދި ގްރޭޑް 1 ން 10 އާ ދޭތެރޭ ހުރިހާ ގްރޭޑަކަށް ކިޔަވައިދޭނެ ހިސާބު ފޮތްތައް ތައްޔާރުކޮށްދެއްވައިފައި ވެއެވެ. މި ފޮތްތައް ލިޔުއްވުމުގެ އިތުރުން، ފޮތުގެ ލޭއައުޓާއި، ޓައިޕްސެޓިންގއާއި، ގްރެފިކްސްގެ ހުރިހާ މަސައްކަތެއް ކުރައްވައިފައި ވަނީވެސް ޢަލީ ނަޞީރު އަމިއްލަފުޅަށެވެ.

2002 ން 2013 އަށް، މެދު މަދަރުސީ އަދި ސާނަވީ ސްކޫލް، ހިސާބު ޓީޗަރުން ތަމްރީނު ކުރުމުގެ ކޯސްތަކުގައި ދަރިވަރުންގެ ޓީޗިންގ ޕްރެކްޓިސް އޮބްޒަރވް ކުރައްވައި، ދަސްކުރާ ޓީޗަރުންގެ ތެރެއިން، ކަމަށް ޤާބިލު ޓީޗަރުން ކަނޑައެޅުއްވުމުގައިވެސް ޢަލީ ނަޞީރު މުހިންމު ދައުރެއް އަދާކުރެއްވިއެވެ. މުދައްރިސުން ތަމްރީނުކުރުމުގެ ކޯސްތަކުގައި ބައިވެރިވާ މީހުންގެ ތެރެއިން ކޯހުގައި ބައިވެރިވެވޭ ފެންވަރު ނެތް މީހުން ކޯހުގައި ބައިވެރިވެވޭ ފެންވަރަށް ގެންނެވުމަށް ހިންގެވި ތިން ކޯހެއްގައި ޢަލީ ނަޞީރު ހިސާބު މާއްދާ ކިޔަވައިދެއްވިއެވެ. ޢަލީ ނަޞީރު ވަނީ، 22 އަހަރަށްވުރެ ގިނަދުވަހު ތަޢުލީމީ ދާއިރާގައި ސަރުކާރަށް ޚިދުމަތް ކުރައްވައިފައެވެ.

1996 ން 2004 އަށް، މަދްރަސަތުލް އަޙްމަދިއްޔާގެ މެންދުރުފަހު، ސެޝަންގައި، ސުޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑް އޮފް ޑިޕާޓްމަންޓް، މެތަމެޓިކްސްގެ މަގާމު، ޢަލީ ނަޞީރު އަދާކުރައްވައިފައި ވެއެވެ.

ޢަލީ ނަޞީރަށް ތަޢުލީމީ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމެވީ، އަމިއްލަފުޅަށް ކްލާހެއް ހިންގަވާތާ މިހާރު 16 އަހަރަށްވުރެ ގިނަދުވަސްވެފައި ވުމާއި، އެކަށީގެންވާ ރަނގަޅު ފެންވަރަކަށް އެ ކްލާސް ހިންގަވައި، ވަރަށް ގިނަ އަދަދެއްގެ ކުދިންނަށް މެތްސް ކިޔަވައިދެއްވައި އެހީތެރިކަން ފޯރުއްވައިދެއްވުމަށް ކުރައްވާ ބުރަ މަސައްކަތްޕުޅުތަކަކީ، ޝުކުރުވެރިކަމާއެކު ބަލައިގަނެ، އެކަމުގެ އަގުވަޒަންކުރަންޖެހޭ މަސައްކަތްޕުޅުތަކެއް ކަމަށް ފެނިވަޑައިގަންނަވާތީއެވެ.