އައްޝައިޚް އިލްޔާސް ޙުސައިން
ސިޕަރ ސ. ހިތަދޫ

އައްޝައިޚް އިލްޔާސް ޙުސައިން ތަޢުލީމު ހާސިލުކުރެއްވުމަށް އިންޑިޔާއަށް ވަޑައިގަތީ އުމުރުން އެންމެ 9 އަހަރުގައެވެ. ކީރިތި ޤުރްއާން ހިތުދަސްކުރެއްވީ ގުޖުރާތުގެ ދާރުލްޢުލޫމުން ކިޔަވައި ވިދާޅުވަމުން ގެންދެވިއިރުގައެވެ. މަތީ ސާނަވީ ތަޢުލީމު ނިންމަވައި، 1987 ވަނަ އަހަރު، ބެޗްލަރ އޮފް އާރޓްސް އިން އިސްލާމިކް ސްޓަޑީޒް އެންޑް ޝަރީޢާ ހާސިލު ކުރެއްވީ ގުޖުރާތުގެ އިސްލާމިކް ޔުނިވަރސިޓީންނެވެ. މީގެ އިތުރުން 1993 ވަނަ އަހަރު، މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔަތުލް ޤުރްއާން ވަލް ދިރާސާތުލް އިސްލާމިއްޔާއިން ކީރިތި ޤުރްއާނުގެ ޢިލްމުން ބެޗްލަރ އޮފް އާރޓްސްގެ ސަނަދު ހާސިލުކުރެއްވިއެވެ. އެއަށްފަހު، ދަޢުވާގެ ރޮނގުން މާސްޓަރޒް ހާސިލު ކުރެއްވީ، އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިޔާއިންނެވެ.

އިލްޔާސް ޙުސައިން ކިޔަވައިވިދާޅުވެގެން 1993 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް ވަޑައިގެން، ހިތަދޫގެ މަދުރަސަތުލް އިސްލާމިއްޔާގެ އިސްލާމް މުދައްރިސެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. ކިޔަވައިދެއްވުމުގެ އިތުރުން، ދީނީ ދަޢުވާގެ ޕުރޮގްރާމުތައްވެސް އޭރު ކުރިއަށް ގެންދެވިއެވެ.

އިލްޔާސް ޙުސައިނަކީ ރާއްޖޭގައި ދީނީ ތަޢުލީމު އުނގަންނަވައި ދެއްވުމުގައްޔާއި ޚާއްޞަކޮށް، ދީނީ ތަޤްރީރުތައް ދެއްވުމުގައި ވަރަށް މަޤްބޫލު ބޭފުޅެކެވެ. ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތް ކުރައްވައި، ދީނީ ތަޤްރީރުތައް ދެއްވުމުގެ އެކި ޕުރޮގްރާމުތައް ކުރިއަށް ގެންދަވައިފައިވެއެވެ. އަދި ދިވެހި މުޖުތަމަޢުގައި އިސްލާމްދީނުގެ ވަޙުދަތު ދަމަހައްޓައި، އިސްލާމީ އުސޫލުތައް ނަގަހައްޓައި، އިސްލާމީ ތަޢުލީމަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެކި ފެންވަރުގައި ތަފާތު މަސައްކަތްތައް ކުރިއަށް ގެންދަވައިފައިވެއެވެ. ދަޢުވާގެ މައިދާނުގައި ކުރެއްވި މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދަވައިފައިވާ އެކި ޕުރޮގްރާމުތަކުގައި، 200 އަށްވުރެ ގިނަ މައުޟޫޢަށް ދެއްވި ދަރުސްތައް ސީޑީއަށް ރެކޯޑު ކުރައްވައި، ރާއްޖޭގެ ކަންކޮޅުތަކަށް ބެއްސެވިއެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި، އިސްލާމްދީނަށް ހޭލުންތެރި ކުރުވުމުގެ ތަފާތު ކުރު ވީޑިއޯ ޕުރޮގްރާމުތައް ހުށަހަޅުއްވަމުން ގެންދަވައެވެ. އިލްޔާސް ވަނީ، އެކިއެކި ޓީ.ވީ. ޗެނަލްތަކުން ފޮނުވާ ދީނީ ޕުރޮގްރާމުތައް ހުށަހަޅުއްވައިދެއްވުމުގައި، ހިލޭސާބަހަށް މަސައްކަތްކޮށް ދެއްވައިފައެވެ. މީގެއިތުރުން، ޢާންމު ފަރާތްތަކުން އޮންލައިންކޮށް ކުރާ ދީނީ ސުވާލުތަކަށްވެސް ޖަވާބު ދެއްވަމުން ގެންދަވައެވެ. އިލްޔާސް، ދީނީ ތަޤްރީރު ދެއްވަމުން ގެންދަވަނީވެސް ހިލޭސާބަހަށެވެ.

އިލްޔާސްގެ ދީނީ ދަޢުވާގެ ޚިދުމަތަކީ މިއަދާ ހަމައަށް މެދުކެނޑުމެއްނެތި ދިވެހި ދަރިންނަށް ލިބެމުންދާ އަގުހުރި ޚިދުމަތެކެވެ. އިލްޔާސްގެ ދީނީ ދަޢުވާގެ މަސައްކަތްޕުޅުތަކުގެ ތެރެއިން ހަރުދަނާ، އަޚްލާޤު ރަނގަޅު، އިސްލާމްދީން ދެކެ ލޯބިވާ އެތައް ދަރިންތަކެއް ދިވެހި މުޖުތަމަޢަށް ނެރެދެއްވައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

ދުނިޔެއަށާއި ރާއްޖެއަށް ކުރިމަތިވި ކޯވިޑް19-ގެ ޢާލަމީ ވަބާގެ ޙާލަތުގައިވެސް އަތޮޅުތަކުގެ ރަށްރަށަށް އިލްޔާސް ވަޑައިގެން، ދިވެހި ރައްޔިތުންނަށް ދީނީ މަޢުލޫމާތުތަކާއި ފިލާވަޅުތައް ދެއްވަމުން ގެންދެވިއެވެ. ރަށްރަށުގެ ޖަމުޢިއްޔާތަކާއި މުއައްސަސާތަކާ ގުޅިގެން، އެ ރަށްތަކަށް ޚާއްޞަ ފޭސްބުކް ޕޭޖްތަކުގައި ލައިވް ދަރުސްތައްވެސް ދެއްވައިފައި ވެއެވެ. އަދި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް، ތަފާތު ޢިލްމީ ކްލާސްތައް ކުރިއަށް ގެންދެވިއެވެ. އޭގެ ތެރެއިން އެންމެ ޚާއްޞަ ކްލާހަކީ، ޢަރަބިބަސް އުނގަންނައިދެއްވުމަށްޓަކައި 2020 ވަނަ އަހަރު އޮގަސްޓު މަހު ފެށްޓެވި ޢަރަބިކް އޮންލައިން ކްލާހެވެ. އިލްޔާސްގެ އުއްމީދަކީ، މި ކްލާސްތަކުން ދަސްވެނިވާ ދަރިވަރުންނަކީ ޢަރަބިބަހުގެ ގަވާއިދަށް ފަރިތަ، އަދި ޢަރަބިބަހުން ފަސޭހަކަމާއެކު މުޢާމަލާތު ކުރާ ދަރިވަރުން ކަމުގައި ވެގެންދިޔުމެވެ.

އިލްޔާސް ޙުސައިނަކީ، ޙައްޖާއި ޢުމްރާގެ މާތް އަޅުކަމުގައި، އެކިއެކި ޖަމާޢަތްތަކާއެކު ގިނަ ދަތުރުތަކެއްގައި ބައިވެރިވެވަޑައިގެން، ޙައްޖާއި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް އެކިއެކި ޖަމާޢަތްތަކުން ދާ މީހުން، އެ މަތިވެރި ވާޖިބު ހެޔޮގޮތުގައި އަދާކުރުމަށް މަގުފަހިކޮށްދެއްވުމުގައި، ގާތް އެކުވެރި ޝެއިޚެއްގެ ގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމަޔަށް ދިވެހިރާއްޖޭގެ ފިޤްހު އެކެޑަމީގެ މެންބަރުކަންވެސް އިލްޔާސް ޙުސައިން ކުރައްވައިފައި ވެއެވެ. އިލްޔާސަކީ، ހުކުރުނަމާދާއި ޢީދުނަމާދު ކުރައްވާ، އަދި ނުބައްލަވާ ޚުޠުބާ ވިދާޅުވުމުގެ ހުއްދަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވައިފައިވާ މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްވެސް މެއެވެ.

މިކަންކަމުގެ އިތުރަށް، އިލްޔާސް ޙުސައިނަކީ، މައްކާގެ ޙަރަމްފުޅުގައި ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ކިންގ ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގެ ފަނޑިޔާރުކަން 1441 ވަނަ އަހަރު ކުރައްވައިފައިވާ ބޭފުޅެކެވެ. އެ މުބާރާތަކީ އިސްލާމީ ޤައުމުތަކުގެ ތެރެއިން 103 ޤައުމު ތަމްސީލުކުރި މުބާރާތެކެވެ.