އަލްޤާރީ މުޙައްމަދު ވަޙީދު
އޯކިޑްވިލާ ރ. ހުޅުދުއްފާރު

އަލްޤާރީ މުޙައްމަދު ވަޙީދު، ކީރިތި ޤުރްއާން ކިޔަވައިދެއްވުމުގެ މަސައްކަތް ފެށްޓެވީ 1997 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ކިޔަވައިދެއްވީ، ނޫރުލްޤުރްއާނުގައެވެ. އަދި ނޫރުލްޤުރްއާނުގެ 21 ވަނަ ގޮފި މާލޭގައި ހުޅުވުމާއެކު، އެތަން ހިންގުމުގެ އިސްވެރިއެއްގެ ގޮތުގައި މުޙައްމަދު ވަޙީދު މަސައްކަތް ކުރައްވައި، ވަރަށް ގިނަ އަދަދެއްގެ ކުދިންނަށް ރީތިކޮށް ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރްއާން ކިޔަވަން ދަސްކޮށްދެއްވިއެވެ. އަދި އޭގެފަހުން ރަޙްމަތްތެރިއަކާއެކު ތަދްރީބުލްޤުރްއާނުގެ ނަމުގައި ޤުރްއާން ކުލާހެއް ހިންގަވައި، އެ ކުލާހުގައިވެސް ގިނަ އަދަދެއްގެ ކުދިންނަށް ޤުރްއާން ކިޔަވަން ދަސްކޮށްދެއްވިއެވެ. އަދި ކާފަގެ ނަމުގައި ހުޅުދުއްފާރުގައި "ޢަބްދުﷲ ޢަލީ ޕްރީސްކޫލް"ގެ ނަމުގައި ޕްރީސްކޫލެއްވެސް ހުޅުއްވިއެވެ. މި މުއްދަތުގެ ތެރޭގައިވެސް ޤުރްއާން ކިޔަވައިދެއްވައި، ތަފާތު މުބާރާތްތައް ރާއްވަވައި ހިންގަވައިފައި ވެއެވެ.

2006 ވަނަ އަހަރު މުޙައްމަދު ވަޙީދުގެ ރަށުގައި "ހުޅުދުއްފާރު ޔޫތު ކުލަބު"ގެ ނަމުގައި ކުލަބެއް އުފެއްދެވިއެވެ. ވަޙީދަކީ އެ ކުލަބުގެ އެއް މުއައްސިސެވެ. އެ ކުލަބުގެ ފަރާތުން އަތޮޅު ފެންވަރުގައި ޤުރްއާން މުބާރާތްތައް ރާއްވަވައި ހިންގެވިއެވެ. އަދި މިނޫން އެހެން މުބާރާތްތައްވެސް ހިންގެވިއެވެ. ޤައުމީ ފެންވަރުގައި ކުލަބު ތަމްސީލުކޮށްދެއްވުމުގައި ވަޙީދު ވަނީ ތަފާތު މަސައްކަތްތައް ކޮށްދެއްވައިފައެވެ.

މުޙައްމަދު ވަޙީދު ވަނީ، މަޢްހަދުއްދިރާސާތިލް އިސްލާމިއްޔާއިން ހިންގެވި ޤާރީ ކޯސް ފުރިހަމަކުރައްވައި، އޭގެފަހުން ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާއިން ފުރަތަމަ ހިންގެވި ޤުރްއާން މުދައްރިސް ކަމުގެ ޑިޕްލޮމާ ކޯހާއި، ފުރަތަމަ ހިންގެވި ޤުރްއާން މުދައްރިސް ކަމުގެ ޑިގްރީ ކޯސްވެސް ފުރިހަމަކުރައްވައިފައެވެ.

މުޙައްމަދު ވަޙީދު، ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފުރަތަމަ ފެށްޓެވީ ޖަމާލުއްދީން ސްކޫލްގައެވެ. އެއީ 2006 ވަނަ އަހަރުއެވެ. އޭގެފަހުން 2007 ވަނަ އަހަރުގެ މޭ މަހު، ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ ވަޒީފާއަށް ބަދަލުވެވަޑައިގަތެވެ. ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ ފެކަލްޓީ އޮފް ހޯލީ ޤުރްއާންގެ ކޯޑިނޭޓަރަކަށް 2011 ވަނަ އަހަރު މުޙައްމަދު ވަޙީދު ހަމަޖެހުނެވެ. އަދި ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، ޔުނިވަރސިޓީއަކަށް ބަދަލުވެ، މިއަދާ ހަމަޔަށްވެސް ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ކޯޑިނޭޓަރެއްގެ ގޮތުގައި ވަޙީދު ގެންދަވަނީ ޚިދުމަތް ކުރައްވަމުންނެވެ.

މުޙައްމަދު ވަޙީދުވަނީ، ޤުރްއާނުގެ ދާއިރާއިން ތަފާތު އެކި ވަރކްޝޮޕްތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި ތަފާތު ވަރކްޝޮޕްތައް ރާއްވަވައި ހިންގަވައިފައި ވެއެވެ. މިހާރުވެސް އަމިއްލައަށް އިސްނަންގަވައިގެން، މުޖުތަމަޢަށް ބޭނުންތެރި ވަރކްޝޮޕްތައް ރާއްވަވައި ހިންގަވަމުން ގެންދަވައެވެ. 2011 ވަނަ އަހަރު ޑިސެންބަރު މަހު މެލޭޝިޔާ (ކުއާލަރލަމްޕޫރު) ގައި ބޭއްވި ފަސްޓް ރީޖަނަލް ފޯރަމް އޮފް ދަ ހޯލީ ޤުރްއާން ފެކަލްޓީސްގައި މުޙައްމަދު ވަޙީދު ރާއްޖެ ތަމްސީލު ކުރައްވައި ކަރުދާހެއް ހުށަހަޅުއްވައިފައި ވެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެކުލަވައިލި ފުރަތަމަ އެކެޑަމިކް ބޯޑު މެންބަރުކަން ވިދިވިދިގެން ދެ ދައުރު މުޙައްމަދު ވަޙީދު އަދާކުރެއްވިއެވެ. އެއަށްފަހު، ޔުނިވަރސިޓީގެ ކައުންސިލް މެންބަރު ކަމަށް 2017 ވަނަ އަހަރު އިންތިޚާބުވެވަޑައިގަތެވެ.

ވޭތުވެދިޔަ ދިގު މުއްދަތުގައި ޤައުމީ ޤުރްއާން މުބާރާތްތަކުގައްޔާއި، އަތޮޅު ފެންވަރުގެ މުބާރާތްތަކުގައްޔާއި، ރަށު ފެންވަރުގެ އެކި މުބާރާތްތަކުގައްޔާއި، ސްކޫލްތަކުގެ މުބާރާތްތަކުގައި މުޙައްމަދު ވަޙީދު ވަނީ ފަނޑިޔާރުކަން ކޮށްދެއްވައިފައެވެ.