ޑޮކްޓަރ އަޙްމަދު އަންވަރު
ހަސަންކާރިގެ ސ. މީދޫ

އަމިއްލަފުޅު މަސައްކަތުން ދިރިއުޅުއްވުން ހަމަޖައްސަވައި، ޒިންމާދާރު ބޭފުޅަކަށްވެވަޑައިގަތުމަކީ ޑޮކްޓަރ އަޙްމަދު އަންވަރު، މަދްރަސީ ދައުރުގައި ކަނޑައެޅުއްވި ޢަޒުމެކެވެ. މަޖީދިއްޔާ ސްކޫލުން ތަޢުލީމު ހާސިލު ކުރައްވަމުން ގެންދެވިއިރު، ޢުލޫމިއްޔާ ސްކޫލްގައި، އަންވަރު ކިޔަވައިދެއްވަން ފެށްޓެވިއެވެ. އަދި ތަޢުލީމާއި ތަރުބިއްޔަތާއި މަސައްކަތުގެ ހުނަރުތައް އެކުއެކީގައި ލިބުމުގެ ބޭނުންތެރިކަން އޭރު ވިސްނިވަޑައިގަތެވެ. އެހެންކަމުން، ވަޒީފާގެ ފުރުޞަތު ފަހިވާނެ އަދި އެ ވަގުތަށް މުހިންމު ސަނަދުތައް މަދަރުސީ ދައުރުގައި ހާސިލު ކުރެއްވިއެވެ. ސަރުކާރުގެ ވަޒީފާގައި ދެ އަހަރު އުޅުއްވުމަށްފަހު، މަތީ ތަޢުލީމު ހާސިލު ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެން، އިންޑިއާގެ މައިސޫރުގެ ރީޖަނަލް ކޮލެޖް އޮފް އެޑިޔުކޭޝަންގައި ޓީޗަރ ޓްރޭނިންގ ކޯސް ފުރިހަމަ ކުރައްވައި ރާއްޖެއަށް ވަޑައިގެން، ޓީޗަރެއްގެ ގޮތުގައި ކިޔަވައިދެއްވަން ފެށްޓެވިއެވެ.

1977 ވަނަ އަހަރު، އުމުރުފުޅުން 24 އަހަރުގައި، ށ.އަތޮޅުގެ އަތޮޅުވެރިކަމަށް އަޙްމަދު އަންވަރު، އިސްކުރެއްވިއެވެ. ށ. އަތޮޅުގެ 15 ރަށުގެ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގެ މަސައްކަތް ވެގެންދިޔައީ، ހިންގުމުގެ ދާއިރާއިން ޑޮކްޓަރ އަޙްމަދު އަންވަރު ތަޞައްރުފު ފުދެން މެދުވެރިވި ފުރުޞަތަކަށެވެ.

ތަފާތު ދާއިރާތަކުން ޑޮކްޓަރ އަންވަރު ކުރެއްވި މަސައްކަތުގެ ތެރެއިން ކޮންމެހެންވެސް ކުރަން ޖެހިފައިވާ ޤައުމީ ބޮޑު މަސައްކަތެއް ފާހަގަކުރެއްވުނެވެ. އެއީ، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ އެކި ފަންނުތަކުގެ މީހުން އުފެއްދުމެވެ. މައިސޫރުން ލިބިވަޑައިގެންނެވި ތަޢުލީމާއި ތަޖުރިބާގެ އަލީގައި، މި ދެންނެވި ޤައުމީ މަސައްކަތަށް، ދުރު ރާސްތާގެ ޕްލޭނެއް ޑޮކްޓަރ އަންވަރުގެ ވިސްނުންފުޅަށް އައެވެ.

ޑޮކްޓަރ އަންވަރުގެ ނިންމެވުމަކަށްވީ، ތަޢުލީމީ ދާއިރާއިން ޚާއްޞަވެ ވަޑައިގަތުމެވެ. އެޑިޔުކޭޝަނިސްޓަކަށް ވެވަޑައިގަތުމެވެ. ތަޢުލީމީ ދާއިރާއިން ބަސް ވިދާޅުވެވޭވަރުގެ ފަންނީ ބޭފުޅަކަށް ވެވަޑައިގަތުމެވެ. އެހެންކަމުން، ޤައުމީ މި ބޮޑު މައްސަލައަށް ޙައްލެއް ހޯއްދެވުމަށް ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް މަސައްކަތް ކުރެއްވުމަށް ޢަޒުމް ކަނޑައެޅުއްވިއެވެ. އެ ޢަޒުމުގައި ދެމިހުންނަވައި، އިނގިރޭސިވިލާތުން މަތީ ތަޢުލީމު ހާސިލު ކުރެއްވިއެވެ. ލިބިވަޑައިގެންނެވި ޢިލްމާއި ތަޖުރިބާގެ އަލީގައި، ހެޑްމާސްޓަރެއްގެ މަގާމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތުން ށ.އަތޮޅު ތަޢުލީމީ މަރުކަޒާއި، ބ.އަތޮޅު ތަޢުލީމީ މަރުކަޒު، ނަމޫނާ ދެ ސްކޫލެއްގެ ގޮތުގައި ތަރައްޤީ ކުރެއްވިއެވެ. އުނގެނެން ފަހި، ފެހި މާޙައުލަކަށް އެ މަރުކަޒުތައް ހެއްދެވިއެވެ. މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ، ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވާނޭ، ތިމާވެށްޓަށް އަޅައިލާ، މަސައްކަތްތެރި ދަރިވަރުންތަކެއް އުފެއްދެވިއެވެ. މުޤައްރަރު އެކުލަވައިލެއްވިއެވެ. ޓެކްސްޓް ފޮތް ލިޔުއްވިއެވެ. މުދައްރިސުންނަށް ތަމްރީނު ދެއްވިއެވެ. ބެލެނިވެރިންނަށް ތަރުބިއްޔަތުގެ ހަމަތައް ދަސްކޮށްދެއްވިއެވެ.

ޑޮކްޓަރ އަންވަރު، މަޖީދިއްޔާ ސްކޫލްގެ ނާޒިރުގެ އެހީތެރިޔާގެ މަގާމުގައި ހުންނަވައިގެން، އެ ސްކޫލަށް އެވަގުތަށް މުހިންމު ހެޔޮ ބަދަލުތަކެއް ގެންނެވުމުގައި ޕްރިންސިޕަލްގެ އަރިހުގައި އިސް ދައުރެއް އަދާކުރައްވައިފައިވެސް ވެއެވެ.

ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޑޮކްޓަރ އަންވަރު ކުރެއްވި ޚިދުމަތް ގިނަގުނައެވެ. އެއީ ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް ގެނުވި، ކާމިޔާބު މަސައްކަތްޕުޅުތަކެކެވެ. ޚާއްޞަކޮށް، ޑިރެކްޓަރުގެ މަގާމުގައާއި، ޑިރެކްޓަރ ޖެނެރަލް، ސްކޫލް ސިސްޓަމްގެ މަގާމުގައި ހުންނަވައިގެން، އަތޮޅުތެރޭގެ ސްކޫލްތަކާއި، މާލޭގެ ސްކޫލްތަކުގެ ފަރަޤު ކުޑަކޮށް، ތަޢުލީމުގެ ހަމަހަމަ ފުރުޞަތު، މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ ސިޔާސަތެއް ބައްޓަންކޮށް ތަންފީޒު ކުރެއްވުމުގައި، އެންމެ އިސް ދައުރެއް އަދާކުރެއްވީ ޑޮކްޓަރ އަންވަރެވެ. ރާއްޖެއިން ބޭރަށް ދިވެހިން ފޮނުއްވައިގެން ސްކޫލްތަކަށް ބޭނުންވާ ހެޑްމާސްޓަރުން ތަމްރީނު ކުރެއްވިއެވެ. ސްކޫލްތައް ހިންގުމުގައި ބަޖެޓާއި، އިންސާނީ ވަސީލަތް އިތުރުކޮށް، ޖީ.ސީ.އީ. އޯ. ލެވެލްއަށް، އަތޮޅުތެރޭގެ ސްކޫލްތަކުގައި ކިޔެވޭނެ އިންތިޒާމުތައް ޤާއިމުކުރައްވައި، އިހުގައި އޯ. ލެވެލް އިމްތިޙާނުން މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލުން ހޯދަމުންގެންދިޔަ އެއްވަނަ ސްކޫލްގެ މަގާމު، އަތޮޅުތެރޭގެ ސްކޫލްތަކަށް ހޯއްދަވައިދެއްވައި ތާރީޚު ބަދަލުކުރެއްވިއެވެ. މިދެންނެވި ބަދަލުތަކާއެކު، އަތޮޅުތެރޭގެ ސްކޫލްތަކުގައި އޭ. ލެވެލްއަށް ކިޔަވައިދެއްވަން ފެށްޓެވިއެވެ. ނަތީޖާއަކަށްވީ، މަތީ ސާނަވީ ތަޢުލީމު އުނގެނުމަށާއި، މަތީ ތަޢުލީމު ހާސިލު ކުރުމަށް ބޭނުންވި ދިވެހިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިޔުމެވެ.

މަތީ ތަޢުލީމުގެ ދާއިރާގައި، އަލްފާޟިލް ޤާސިމް އިބްރާހީމްގެ ވިސްނުންފުޅާ އެއްގޮތަށް، ޑޮކްޓަރ އަންވަރު އިސްވެ ހުންނަވައި، ދިވެހިރާއްޖޭގެ ފުރަތަމަ އަމިއްލަ ކޮލެޖް، "ވިލާ ކޮލެޖް" އުފެއްދެވިއެވެ. ޑޮކްޓަރ އަންވަރު މިހާރު ހުންނެވީ ވިލާ ކޮލެޖުގެ ރެކްޓަރ ކަމުގެ މަގާމުގައެވެ. ބައިނަލްއަޤްވާމީ ޔުނިވަރސިޓީތަކުގެ ޑިގްރީއަށް މާލެއާއި އަތޮޅުތެރޭގައި ތިބެގެން ދިވެހިންނަށް ކިޔެވޭނޭ ފުރުޞަތު، ތަނަވަސްކޮށްދެއްވައި ފުޅާކުރެއްވިއެވެ. މިހާތަނަށް ވިލާ ކޮލެޖުން، ޑިގްރީ އަދި މާސްޓަރޒް ހާސިލުކޮށް، 15,132 ދަރިވަރުން ގްރެޖުއޭޓްވެފައި ވެއެވެ. ވިލާ ކޮލެޖުން ހިންގާ މަތީ ތަޢުލީމުގެ 130 ޕުރޮގުރާމެއްގައި 4000 އަށްވުރެ ގިނަ ދަރިވަރުން މިހާރުވެސް ކިޔަވަމުންގެންދެއެވެ.

މިއީ، ބައި ޤަރުނަށްވުރެ އިތުރަށް ގުނެމުން މިދާ، ޑޮކްޓަރ އަޙްމަދު އަންވަރުގެ ޚިދުމަތުގެ މުއްދަތުގެ ތެރެއިން، ތަޢުލީމީ ދާއިރާގެ ތަރައްޤީއަށްޓަކައި ކުރައްވައިފައިވާ މަސައްކަތްޕުޅު ހާމަވެގެންދާ ބައެއް ޙަޤީޤަތްތަކެވެ. މިހާރު ވިލާ ކޮލެޖަކީ، ބައިނަލްއަޤްވާމީ ކޮންފަރެންސްތައް ބާއްވައި، ޖާނަލްތައް ޝާއިޢުކުރާ، ބައިނަލްއަޤްވާމީ އިދާރާތަކަށްވެސް ބޭނުންވާ ދިރާސާތައް ކުރާ ރިސަރޗް ސެންޓަރެކެވެ. މި ވޭތުވެދިޔަ ދިގު މުއްދަތުގައި ރާއްޖޭގައި މަތީ ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން އުފެއްދެވުމަށް އަންވަރު ކުރައްވައިފައިވާ މަސައްކަތްޕުޅުތަކަކީވެސް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ މަސައްކަތްޕުޅުތަކެކެވެ.

ތަޢުލީމީ ދާއިރާއިން، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 2011 ވަނަ އަހަރު، ޑޮކްޓަރ އަޙްމަދު އަންވަރަށްވަނީ އަރުވައިފައެވެ.