އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދު
ހ. ހުދުފިނިފެންމާގެ

ޙަސަން ޝާކިރު މުޙައްމަދަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުންނާއި، އަދަބިއްޔާތު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

އަދަބިއްޔާތުގެ ދާއިރާއިން، ޙަސަން ޝާކިރު މުޙައްމަދުގެ އެންމެ ޚާއްޞަ އެއް ރޮނގަކީ، ޅެންވެރިކަމުގެ ރޮނގެވެ. ތަފާތު ރޮނގުރޮނގުން ޅެން ހައްދަވައެވެ. ފުރަތަމަ ޅެމެއް ހެއްދެވީ 1980 ވަނަ އަހަރުއެވެ. އެންމެ ގިނައިން ހައްދަވައިފައިވަނީ ޤައުމީ ޅެމާއި މަދަޙައެވެ. ޝާކިރަކީ، އެހެން މީހުންނަށް ޅެންވެރިކަން ދަސްކޮށްދެއްވައި، އެ ރޮނގުން ގިނަ ކޯސްތައްވެސް ހިންގަވައިދެއްވައިފައިވާ ބޭފުޅެކެވެ.

ޝާކިރަކީ ފޮތް ލިޔުއްވައި، ފޮތް ޝާއިޢު ކުރުމުގައި އެހެން ބޭފުޅުންނަށް އެހީތެރިކަން ދެއްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ. އަދި ވާހަކަދެއްކުންތެރިކަން އުނގަންނަވައިދެއްވައި، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ވަރަށްގިނަ ބަޔަކު ތަމްރީނުކޮށްދެއްވައިފައިވާ ބޭފުޅެކެވެ.

ދިވެހި ނާދީއާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ފޮނުއްވައިގެން، ބައެއް ރަށްރަށުގެ ވެރިންނަށާއި، ޢާންމު ފަރާތްތަކަށް ވާހަކަދައްކަން ދަސްކޮށްދެއްވުމުގެ ކުރު ކޯސްތައް ޝާކިރު ހިންގަވައިދެއްވައިފައި ވެއެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކި ރަށްރަށުގެ ވެރިންނަށާއި ޢާންމުންނަށް ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދެއްވުމުގައި ދެމިހުންނެވިއެވެ.

ސަރުކާރާއި ޢާންމު ބައެއް ފަރާތްތަކުން ޝާއިޢު ކުރައްވާ ފޮތްތައް ބައްލަވައި ފާސްކޮށްދެއްވުމުގައި ޝާކިރު އެހީތެރިކަން ދެއްވައެވެ. އަދި ފޮތް އެކުލަވައިލައި ޝާއިޢުކުރަން ބޭނުންވާ އެކި ފަރާތްތަކުން އެދިވަޑައިގަތުމުން، ފޮތްތައް ޓައިޕްކުރުއްވައި، ލޭއައުޓް ހައްދުވައި، ޕްރޫފް ބައްލަވައި، ފާސްކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވައެވެ. މިގޮތުން، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ މުއުމިނާ ޙަލީމްގެ "އިރުންޖެހޭ ވައި - ހުޅަނގުން ޖެހޭ ވައި" ވާހަކަ، ކުރީގެ މޫންލައިޓްތަކުން އެއްކުރައްވައި ފޮތަކަށް ހައްދަވައިދެއްވައިފައި ވެއެވެ. އަދި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އަލްމަރްޙޫމް ޢަބްދުﷲ ޙަމީދު، ދުނިޔޭގެ ބައެއް ޝަޚްޞިއްޔަތުންނާ ބެހޭގޮތުން މީގެ އެތައް އަހަރެއް ކުރިން ފެށިގެން އެކިއެކި ނޫސް މަޖައްލާތަކުގައި ލިޔުއްވައިފައިވާ ތަފާތު މަޒުމޫނުތައް އެއްކުރައްވައި، މިހާރު ވަނީ 200 ސަފުހާގެ ފޮތެއް އެކުލަވައިލައްވައިފައެވެ. އަދި އެމަނިކުފާނު ލިޔުއްވައިފައިވާ ވާހަކަތަކާއި ޅެންތައް އެއްކުރައްވައި، ދެ ފޮތެއް އެކުލަވައިލެއްވުމުގެ މަސައްކަތްވެސް ވަނީ ނިމުމަކާ ހަމަޔަށް ގެންދަވައިފައެވެ. ޝާކިރު މަސައްކަތް ކޮށްދެއްވައިގެން ނިންމަވައި ދެއްވައިފައިވާ އަދި މިހާތަނަށް ޝާއިޢުނުކޮށް ހުރި ފޮތްތަކުގެ ތެރޭގައި، އަލްފާޟިލް ނިޔަނދުރު މުޙައްމަދު މަނިކުގެ ޅެންފޮތާއި، އަލްފާޟިލް މާޔާ މުޙައްމަދު ޔޫސުފްގެ ޅެންފޮތް ހިމެނެއެވެ.

މީގެއިތުރުން، މިހާތަނަށް އެކި ފަރާތްތަކުގެ 40 އަށްވުރެ ގިނަ ފޮތްތަކުގެ އަދަބީ ކުށްތައް ބައްލަވައި، ލަފަޔާއި އިރުޝާދު ދެއްވައި، އެ ފޮތްތައް ފާސްކޮށްދެއްވުމުގައި ޝާކިރު މަސައްކަތް ކޮށްދެއްވައިފައި ވެއެވެ. އަދި މިހާރުވެސް ބައެއް ފޮތްތައް ބެއްލެވުމުގެ މަސައްކަތް ކުރިއަށް ގެންދަވާކަން ފާހަގަކޮށްލަމެވެ.

ބައެއް ސްކޫލްތަކާއި ބައެއް މުއައްސަސާތަކުން އިންތިޒާމުކޮށްގެން ބާއްވާ ވާހަކަދެއްކުމާއި، ބަޙުޘް ކުރުމާއި، މަޒުމޫނު ލިޔުމާއި، ޅެން މުބާރާތްތަކުގެ ފަނޑިޔާރުކަންވެސް ޝާކިރު ކޮށްދެއްވައެވެ. އެކި ފަރާތްތަކަށް ދިވެހިބަހުގެ ހަމަތައް ދަސްކޮށްދިނުމުގެ ފިލާވަޅުތައް ނަންގަވައިދެއްވައި، ބައެއް ސްކޫލްތަކުގެ ލަވަ ހައްދަވައިދެއްވައިފައި ވެއެވެ. އޭގެ ތެރޭގައި، ޣާޒީ ސްކޫލާއި، މ.އަތޮޅު ތަޢުލީމީ މަރުކަޒާއި، ކ.އަތޮޅު ތަޢުލީމީ މަރުކަޒާއި، ފަލާޙް ޕްރީސްކޫލްގެ ލަވަ ހިމެނެއެވެ.

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށާއި، މި ދާއިރާގެ މަސައްކަތްތައް ގިނަ ބަޔަކަށް ލިބޭނެގޮތް ހެއްދެވުމަށް 2010 ވަނަ އަހަރު "ލިޔުންތެރިންގެ ގުޅުން" މި ނަމުގައި ޖަމުޢިއްޔާއެއް އުފެއްދެވުމުގެ މަސައްކަތުން ފެށިގެން މިހާތަނަށް އެ ޖަމުޢިއްޔާގެ ޙަރަކާތްތައް ހިންގެވުމުގައި އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީވެސް ޝާކިރެވެ. މިގޮތުން، އެ ޖަމުޢިއްޔާގެ ވެބްސައިޓް (www.liyuntherin.org) ހިންގަވައި ބެލެހެއްޓެވުމުގައި އިސްކޮށް އުޅުއްވަމުން، އެ ޖަމުޢިއްޔާއިން ހިންގާ ޅެންވެރިޔާ (www.lhenveriyaa.com) ވެބްސައިޓް ހިންގަވައި ބެލެހެއްޓުމުގައިވެސް ޝާކިރު އެހީތެރިކަން ދެއްވައެވެ.

ޙަސަން ޝާކިރު މުޙައްމަދަކީ، މަޢުހަދުގެ އިސް ދަރިވަރުންގެ ޖަމުޢިއްޔާއިން އިންތިޒާމު ކޮށްގެން ބޭއްވި "ޢާލިމުންގެ ޒިކުރާ" ޖަލްސާތައް ރާއްވަވައި އިންތިޒާމު ކުރެއްވުމުގައްޔާއި، މަޢުހަދުގެ އިސް ދަރިވަރުންގެ ޖަމުޢިއްޔާގެ އަހަރީ ދުވަހާ ގުޅުވައިގެން ރާއްޖޭގެ ސްކޫލްތަކުގެ އިސް ދަރިވަރުންގެ ޖަމުޢިއްޔާތަކުގެ މެދުގައި ބޭއްވި ބަޙުޘް މުބާރާތްތައް ރާވައި އިންތިޒާމު ކުރުމުގައި އިސް ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެކެވެ.

އަމިއްލަފުޅު އިސްނެންގެވުމުގެ މަތިން މިހާތަނަށް ފަސް ފޮތެއް ލިޔުއްވައި ޝާއިޢު ކުރައްވައިފައި ވެއެވެ. އޭގެތެރޭގައި، "ވީގޮތް" ނަމުގައި ސަމާސާ އަދަބުގެ ފޮތަކާއި، "އަޅުގަނޑު ދުށް ބައެއް ޝަޚްޞިއްޔަތުން" ގެ ނަމުގައި ލިޔުއްވައިފައިވާ ފޮތަކާއި، 3 ޅެންފޮތް ހިމެނެއެވެ. އޭގެ އިތުރުން، ޝާކިރުގެ އެޑިޓަރު ކަމުގެ ދަށުގައްޔާއި، ޝާކިރު އެހީތެރިވެދެއްވައިގެން ބައެއް ނޫސް މަޖައްލާ ނެރުއްވައިފައި ވެއެވެ. ސަރުކާރުގެ ބައެއް މުއައްސަސާތަކާއި، ޢާންމު ބައެއް ފަރާތްތަކަށާއި ދަރިވަރުންނަށް އެކި މުނާސަބަތުތަކާ ގުޅޭގޮތުންނާއި، މުބާރާތްތަކަށް ލަވައާއި، ޅެމާއި، މަދަޙަ ހައްދަވައިދެއްވަމުން ގެންދަވާ ޝާކިރަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގެ ފޮތްތައް ޢާންމުންނަށް ފޯރުކޮށްދެއްވުމުގައިވެސް މިސާލެކެވެ.

ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު އަރުވާފައެވެ.