އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމް
މ. ޑައިމަންޑްވެލީ

މުޙައްމަދު ޝާހިދު ޙަލީމް، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 56 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މި ދާއިރާއިން ޚިދުމަތް ކުރައްވަން ފެށްޓެވީ، ތާނަ ރީތިކޮށް ލިޔަން ދަސްކޮށްދެއްވާ މުދައްރިސެއްގެ ގޮތުގައި، އުމުރުން 13 އަހަރުގައެވެ. އެއީ، މަކްތަބުލް އަޙްރާރުގައެވެ. މުޙައްމަދު ޝާހިދު، ލިޔުމުގެ މުދައްރިސްކަން ކުރެއްވީ، އޭރު ކިޔަވައިދޭ މާއްދާއިން މުދައްރިސްކަމުގެ ސަނަދު އޮންނަންޖެހޭތީ، ވުޒާރަތުލް މަޢާރިފުގެ އިމްތިޙާނުގައި ބައިވެރިވެވަޑައިގެން "މަކްތަބެއްގައި ޢަރަބި ތާނަ ލިޔަން ދަސްކޮށްދިނުމުގެ ސަނަދު" ހޯއްދަވައިގެންނެވެ. ޝާހިދަކީ، ސަރުކާރުން ހިންގެވި ޢަރަބި ތާނަ ރީތިކޮށް ލިޔަން ދަސްކޮށްދޭ ކުލާސްތަކުގައިވެސް ތާނަ ލިޔުމުގެ މުދައްރިސް ކަމާއި، އިންސްޓްރަކްޓަރުކަން 6 އަހަރަށްވުރެ ގިނަ ދުވަހު ކުރައްވައިފައިވާ ބޭފުޅެކެވެ.

ޝާހިދު ކިޔަވައިދެއްވަން ފެށްޓެވިއިރު، ޝާހިދަކީވެސް ކިޔަވާ ދަރިވަރެކެވެ. ޝާހިދަކީ ކިޔަވައިވިދާޅުވުމުގައި ތޫނު ދަރިވަރެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް، މެދުވެރިވި ބައެއް ސަބަބުތަކާހުރެ ރަސްމީ ތަޢުލީމުގެ މަރުޙަލާއެއް ނުނިންމެވުނެވެ. އުމުރުން 15 އަހަރު ނުފުރެނީސް ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. ނަމަވެސް، ފަހުން ޝާހިދު ވަނީ އުމުރުން ބައިސައްތައަށްފަހު، ދިވެހިބަހުގެ ބެޗްލަރސް ޑިގްރީ އާއި، "މާސްޓަރ އޮފް ދިވެހި ލެންގްވިޖް އެންޑް ކަލްޗަރ"ގެ ސަނަދު ހޯއްދަވައިފައެވެ. މި ދެ ކޯސްވެސް ޝާހިދު ނިންމެވީ، ކޯހުގެ ބައިވެރިންގެ ތެރެއިން އެންމެ ކުރި ހޯއްދަވައިގެންނެވެ. އަދި މާސްޓަރސް ޑިގްރީން 1 ވަނަ ހޯއްދެވުމުން، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް، ޝާހިދަށް ވަނީ ލިބިވަޑައިގެންފައެވެ.

ޝާހިދު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޚިދުމަތް ކުރައްވާ އަނެއް ރޮނގަކީ، ދިވެހިބަސް ކިޔަވައިދެއްވުމެވެ. ޝާހިދު ވަނީ ދިވެހިބަހުގެ ގަވާއިދާއި އަދަބިއްޔާތުގެ ބައިތައް، އަދި މަންޠިޤާ ވިސްނުން، މަތީ ތަޢުލީމުގެ ކޯސްތަކުގައި ކިޔަވައިދެއްވައިފައެވެ. އަދި ސަރުކާރުގެ އެކި މުއައްސަސާތަކަށް ދިވެހިބަހުގެ ކޯސްތައް ހިންގަވައިދެއްވައި، ބައެއް އޮފީސްތަކުން ހިންގެވި ބައެއް ކޯސްތަކުގައި ދިވެހިބަހުގެ ގަވާއިދުގެ ބައިތައް ކިޔަވައިދެއްވައިފައި ވެއެވެ. އަދި އެކިއެކި ސްކޫލްތަކަށާއި، އެނޫންވެސް ބައެއް ފަރާތްތަކަށް ދިވެހިބަހުގެ ގަވާއިދާއި އަދަބިއްޔާތުގެ މަޢުލޫމާތު ދިނުމުގެ ބައެއް ދަންފަޅިތައް ނަންގަވައިދެއްވައި، ބައެއް ތަޤްރީރުތައް ހިލޭސާބަހަށް ދެއްވައިފައިވެއެވެ.

ޝާހިދަކީ އެކި ފަރުމާތަކަށް ޢަރަބިންނާއި، ތާނަައިން، ލިޔުންތައް ލިޔުއްވުމާއި، ޗާޕަށް ސްޓެންސިލް ލިޔުއްވުމަށްވެސް ކުޅަދާނަ ބޭފުޅެކެވެ. ޝާހިދު، އަދަބީ ރޮނގުން ލިޔުންތައް ލިޔުއްވަން ފެށްޓެވީ، އެކި ނޫސް މަޖައްލާތަކަށް ސްޓެންސިލް ލިޔެދެއްވާން އުޅުއްވުމުގެ ތެރެއިންނެވެ.

ޅެންވެރިކަމަކީވެސް ޝާހިދުގެ ޚާއްޞަ ރޮނގެކެވެ. ފުރަތަމަ ޅެން "ބޭނުމީ" ޝާއިޢުކުރެއްވީ "ޙަރަކާތް" މަޖައްލާ ލިޔުއްވާން އުޅުއްވިއިރުގައެވެ. އެއީ، އެ މަޖައްލާގައި 1969 ވަނަ އަހަރުގެ ތެރޭގައެވެ. ޝާހިދުގެ ޅެންފޮތް "ލޯ" 2020 ގައިވަނީ ޝާއިޢު ކުރައްވައިފައެވެ. އަދި ޝާހިދު ފާހަގަކުރެވެނީ ބައެއް ޖަލްސާތަކުގައި ޅެންބަހުން ވާހަކަފުޅު ދައްކަވާ ޅެންވެރިއެއްގެ ގޮތުގައެވެ. ޅެން ހެއްދެވުމުގެ އިތުރަށް، ޅެންވެރިކަމުގެ އުސްތާޛުންގެ ޅެންތައް ދިރާސާކުރައްވައި، "ބަނޑުވައް އަކުރާއި ފިލިކޯޅި އެއްގޮތްކުރުން" މިނަމުގައިވެސް 2020 ގައި ޝާހިދު ވަނީ ފޮތެއް ޝާއިޢު ކުރައްވައިފައެވެ. އަދި ޅެންވެރިކަމުގެ ދުނިޔެއަށް މީހުން ނެރެން "ފޭސްބުކް"ގައި ހިންގި "ގުލްޝަން ކިނާރާ" ހިންގުމުގައި ބައިވެރިވެވަޑައިގެން، ޅެން ހަދާނޭ ގޮތުގެ އިރުޝާދުތައް ހިލޭސާބަހަށް ދެއްވައިފައި ވެއެވެ.

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި ޝާހިދުގެ ޚިދުމަތުގެ އެންމެ ޢާންމު އެއް ރޮނގަކީ، ދިވެހިބަހުގެ ގަވާއިދާއި ހަމަތަކާއި އިސްތިޢުމާލުގެ މައްޗަށާއި، ބަހުގެ އެކި ކަންކަމާމެދު ދިރާސީ މަޒުމޫނުތައް ލިޔުއްވުމެވެ. މީގެ ގިނަ ލިޔުންތައް ޝާހިދު ޝާއިޢު ކުރައްވައިފައިވަނީ އޮންލައިން ބައެއް ނޫހާއި، އަދަބީ ވެބްސައިޓްތަކުގައި ހިލޭސާބަހަށެވެ. އަދި މި ރޮނގުގައި ޝާހިދު އެކުލަވައިލެއްވި ފޮތެއް "ދިވެހި ގެ" 2021 ވަނަ އަހަރު ޝާއިޢުކުރައްވައިފައި ވެއެވެ.

ޝާހިދުގެ އަދަބީ ލިޔުންތަކުގެ ތެރޭގައި، ސަމާސާ އަދަބާއި، ދަތުރުނާމާއާއި، ތަމްސީލާއި، ކުރުވާހަކަ ހިމެނެއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 1985 ވަނަ އަހަރު ކުރު ވާހަކަ ލިޔުމަށް ޚާއްޞަކޮށްގެން ބޭއްވި ދިވެހިރާއްޖޭގެ 2 ވަނަ ވާހަކަ ލިޔުމުގެ މުބާރާތުން 2 ވަނަ ލިބުނީ ޝާހިދު ލިޔުއްވި "މަންމަގެ ލޯބި" މި ވާހަކައަށެވެ.

ޝާހިދު، އުރުދޫ އަދަބުން ދިވެހިބަހަށް ކުރައްވައިފައިވާ ތަރުޖަމާތަކުގެ ތެރޭގައި، ގިނަ އަދަދެއްގެ ނާވިލާއި، ކުރުވާހަކައާއި، ޅެމާއި، އިސްލާމީ ތާރީޚާއި، ޚަބަރު ރިޕޯޓުތައް ހިމެނެއެވެ.

ޝާހިދު ވަނީ އަދަބީ ގިނަ މުބާރާތްތަކެއްގެ ފަނޑިޔާރުކަން ކުރައްވައިފައެވެ. އަދި "ފަތްތޫރަ" ފަދަ އަދަބީ މަޖައްލާތަކުގެ އެޑިޓޯރިއަލް ބޯޑުގައިވެސް މަސައްކަތްޕުޅު ކުރައްވައިފައެވެ. އަދި "ޝާހިދު" މި ނަމުގައި މަޖައްލާއެއް ވަނީ ނެރުއްވައިފައެވެ. މީގެ އިތުރުން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒަށް ލަފާދޭ މަޖިލީހުގެ މެންބަރުކަމާއި، ބަސް ކޮމިޓީގެ ނައިބު ރައީސްކަމާއި، ގަވާއިދު ކޮމިޓީގެ ރައީސްކަމާއި، ބަހުގެ އެކިއެކި ގަވާއިދުތަކާ ގުޅޭ ތަފާތު ކޮމިޓީތަކުގެ މެންބަރުކަން ވަނީ ކުރައްވައިފައެވެ.

ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ ރޮނގުން 1992 ވަނަ އަހަރު ޝާހިދަށްވަނީ ޢާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު އަރުވައިފައެވެ.

މުޙައްމަދު ޝާހިދަކީ، ސަރުކާރަށްވެސް ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. ވަގުތީ ކާތިބުކަމުން ފެށިގެން ޑިރެކްޓަރ ޖެނެރަލްކަމާ ހަމައަށް ތަފާތު އެކި މަގާމުތަކުގައި، އެކި އޮފީސްތަކުގައި 39 އަހަރަށްވުރެ ގިނަ ދުވަހު ޝާހިދު ވަނީ ޚިދުމަތް ކުރައްވައިފައެވެ. ޝާހިދަކީ މިހާރު ދިވެހިބަހުގެ އެކެޑަމީއަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާފައިވާ މެންބަރެކެވެ. އަދި އެ އެކެޑަމީގެ ގަވާއިދު ކޮމިޓީގެ ނައިބު ރައީސްވެސް މެއެވެ.