އަލްފާޟިލް ޚާލިދު އިބްރާހީމް
މ. ޕައިންއެޕަލް

ޚާލިދު އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފަށްޓަވައިފައިވަނީ، ސެންޓްރަލް ހޮސްޕިޓަލުގެ ލެބޯރެޓަރީ އޯޑަލީގެ މަގާމުގައި 25 ޑިސެންބަރު 1983 ގައެވެ. ކަވި އުނދަގޫ މަސައްކަތްތައް ހުނަރުވެރިކަމާއެކު ކުރެއްވުމަށް ލޯބިކުރައްވާ ޚާލިދު އިބްރާހީމް މި މަގާމުގައި ހުންނެވުމަށްފަހުގައި، އިތުރަށް މަސައްކަތް ދަސްކުރައްވައިގެން ކުރިޔަށް ވަޑައިގަތުމުގެ މަގުސަދުގައި، އެދުވަސްވަރު އެންމެ ފަސޭހައިން ފުރުޞަތު ލިބިވަޑައިގަންނަވަން އޮތް ދާއިރާއަކުން ތަމްރީނު ހޯއްދެވުމަށް ވެދެވަޑައިގެންނެވީ، ސަރުކާރުން ހިންގަވަމުން ގެންދެވި، ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރަށެވެ. އެތާނގައި ދެ އަހަރުދުވަހުގެ ވެލްޑިންގ ކޯހެއް ފުރިހަމަކުރެއްވުމަށްފަހު އަލުން ޚިދުމަތް ފެށްޓެވީ 12 މޭ 1986 ގައި ސިވިލްއޭވިއޭޝަން އޮތޯރިޓީގެ މެކޭނިކުގެ މަގާމުންނެވެ. އޭގެފަހުން މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ މެކޭނިކްކަމާއި، ސީނިއަރ މެކޭނިކްކަމާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އެސިސްޓެންޓް އިންޖިނިއަރ މެކޭނިކަލްކަމާއި، އެގްޒެކެޓިވް މެކޭނިކަލްކަމާއި، އެސޯސިއޭޓް އިންޖިނިއަރކަން ކުރައްވައިފައި ވެއެވެ. މިހާރު ހުންނެވީ އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރުކަމުގެ މަގާމުގައެވެ.

ޚާލިދު އިބްރާހީމް، މެކޭނިކް ކަމުގެ ވަޒީފާއަށް ވެދެވަޑައިގަތީއްސުރެ ފެށިގެން ވަރަށް ހުނަރުވެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. އެއަރޕޯޓުގައި ކުރެވުނު ވަރަށް ގިނަ ފަންނީ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ތަފާތު މަސައްކަތްތައް ހީވާގިކަމާއެކު ކުރައްވައިފައި ވެއެވެ.

ޚާލިދު އިބްރާހީމް، ކުރައްވައިފައިވާ ޚާއްޞަ ކަންކަމުގެ ތެރޭގައި، އެކިއެކި ހަފުލާތައް ޒީނަތްތެރިކުރުމުގެ ގޮތުން ކުރައްވައިފައިވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. ފުޅިމަދުންނާއި ކަރުދާހުން، ޝައުޤުވެރިކުރުވަނި އެތައް އެއްޗެއް އުފައްދަވައި، ތަންތަން ޒީނަތްތެރި ކުރައްވައިފައި ވެއެވެ. މަސައްކަތް ތަރައްޤީކުރެއްވުމުގެ ގޮތުން މަސައްކަތް ކުރުމަށްޓަކައި އަމިއްލައަށް މެޝިނެއް ހައްދަވައިފައި ވެއެވެ. އަދި މިނިވަންދުވަސްފަދަ ދުވަސްތައް ފާހަގަކުރުމަށް ކުންފުނީގެ ފަރާތުން ނެރޭ ފުޅަނދުތައް އުފެއްދުމުގައި ޢަމަލީގޮތުން މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ.

ޚާލިދު އިބްރާހީމަކީ، އެއަރޕޯޓުގައާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގައި ބޭނުންކުރާ އުޅަނދުތަކާއި އާލާތްތަކަށް ބޭނުންވާ ސްޕެއަރތައް މަރާމާތުކޮށް ބެލެހެއްޓެވުމުގައި ހުނަރުވެރި ކުޅަދާނަ މަސައްކަތްތެރިއެކެވެ. އަދި އެ ކުންފުނީގައި ބޭނުންކުރާ އުޅަނދުތައް މަރާމާތުކޮށް ބެލެހެއްޓެވުމުގެ މަސައްކަތާއި، ސްޕެއަރގެ ދަތިކަމެއް ދިމާނުވާނޭހެން ސްޕެއަރތައްވެސް ބަލަހައްޓަވަމުން ގެންދަވާ މުވައްޒަފެއްކަން އެކުންފުނިން ފާހަގަކުރައްވައެވެ. ޚާލިދު އިބްރާހީމަކީ، 1988 ނޮވެންބަރު 3 ވަނަ ދުވަހު ބޭރުގެ ކުލީ ސިފައިންގެ ބަޔަކު ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލައިގައި، އެއަރޕޯޓް ދިފާޢު ކުރެއްވުމުގެ މަސައްކަތުގައި އެވަގުތު އެއަރޕޯޓުގައި ތިއްބެވި ސިފައިންނާއެކު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅެއްވެސް މެއެވެ.

ޚާލިދު އިބްރާހީމް ދައުލަތުގެ ޚިދުމަތުގައި މިހާރު 35 އަހަރަށްވުރެން ދިގު މުއްދަތެއް ހޭދަކުރައްވައިފައި ވެއެވެ.