އަލްފާޟިލް ޢަބްދުﷲ ރަމީޒު
ދަފްތަރު. ނަންބަރު ރސ 555

އަލްފާޟިލް ޢަބްދުﷲ ރަމީޒު، ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވީ 24 ނޮވެންބަރު 1985 ގައެވެ. ފުރަތަމަ ވަޒީފާއަކީ، ދިވެހިރާއްޖޭގެ އަޑުގެ ރިޕޯޓަރުކަމެވެ. ދިވެހިރާއްޖޭގެ އަޑުގެ ސަބް އެޑިޓަރުކަމާއި، ސީނިއަރ އެސިސްޓެންޓް ނިއުސް އެޑިޓަރުކަމާއި، އެޑިޓަރުކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. 2007 ވަނަ އަހަރު ދައުލަތުގެ މީޑިއާ، އެއް މުއައްސަސާއެއްގެ ދަށުން ހިންގަވަން ފެށްޓެވިފަހުން ޓެލެވިޜަން މޯލްޑިވްސްގެ ނިއުސް އެންޑް ކަރަންޓް އެފެއާޒްގެ ޑިރެކްޓަރުކަންވެސް ކުރައްވައިފައިވެއެވެ. މިހާރު ހުންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ ކޮމްޕެނީ ސެކްރެޓެރީކަމުގެ މަގާމުގައެވެ. ޢަބްދުﷲ ރަމީޒު ދައުލަތަށް ޚިދުމަތްކުރައްވާތާ މިހާރު 35 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

ޢަބްދުﷲ ރަމީޒު ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ވަޒީފާއާ ގުޅޭގޮތުން ތަފާތު ތަމްރީނުތައް ފުރިހަމަކުރައްވައިފައި ވެއެވެ. ޢަބްދުﷲ ރަމީޒު ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ އަޑާއި، ޓީވީ މޯލްޑިވްސްއިން ގެނެސްދޭ ޚަބަރުތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތާއި، ޒަމާނާ އެއްގޮތަށް ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ކުރައްވައިފައިވާ މަސައްކަތާއި، ޚަބަރު ގެނެސްދޭނެ މައިގަނޑު އުސޫލުތަކާއި ގައިޑްލައިންތައް އެކުލަވައިލައްވައި ތަންފީޒު ކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، މީހުން ބިނާކުރެއްވުމަށް ތަފާތު އެކި ޕްރޮގްރާމްތައް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޓީވީ މޯލްޑިވްސްގެ ނިއުސް އެންޑް ކަރަންޓް އެފެއާޒްއާ ޢަބްދުﷲ ރަމީޒު ޙަވާލުވެވަޑައިގެން އެތަން ހަރުދަނާކުރެއްވުމުގެ އިތުރުން، މިހާރު ޢަމަލުކުރަމުން ގެންދާ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި ޑިމޮކްރަސީއަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި ކުރެވުނު އެންމެހައި މަސައްކަތްތަކުގައި، ހަމަހަމަކަމާއެކު ޚަބަރާއި މަޢުލޫމާތު ގެނެސްދެއްވުމަށް ކުރައްވައިފައިވާ މަސައްކަތްތައް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.

ހިންގުމުގެ ނިޒާމަށް އައި ބަދަލުތަކާއެކު، ދައުލަތުގެ މީޑިއާ ހިންގުމަށް ކުންފުންޏެއް އުފެއްދެވުމާގުޅިގެން، ކުންފުނީގެ ގިނަ ސިޔާސަތުތައް އެކުލަވައިލެއްވުމުގައްޔާއި، ގަވާއިދުތައް އެކުލަވައިލައްވައި، ޑިރެކްޓަރުންގެ ބޯޑުގެ ލަފާގެ މަތިން ތަންފީޒު ކުރެއްވުމުގެ މަސައްކަތްވެސް ޢަބްދުﷲ ރަމީޒު ކުރައްވައިފައި ވެއެވެ. އަދި ޕީ.އެސް.އެމް. ގައި ތަފާތު ޗެނަލްތައް އުފެއްދެވުމުގައްޔާއި، އެ ޗެނަލްތައް ތަރައްޤީކުރެއްވުމުގެ މަސައްކަތްތަކުގައިވެސް ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން، ޕީ.އެސް.އެމް.ގެ ކޮމްޕެނީ ސެކްރެޓެރީގެ ހައިސިއްޔަތުން، ގަވަރނަންސް ކޯޑާއި، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ އުސޫލުތަކާ އެއްގޮތަށް ކުންފުނި ހިންގުމަށާއި، ޑިރެކްޓަރުންގެ ބޯޑަށް ބޭނުންވާ އެހީތެރިކަން ދެއްވުމަށް ޢަބްދުﷲ ރަމީޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީވެސް ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކެކެވެ.

ޢަބްދުﷲ ރަމީޒަކީ ޕީ.އެސް.އެމްގެ ފަރާތުން ޤައުމީ އަރުޝީފަށް ކަނޑައަޅުއްވައިފައިވާ ބޯޑު މެންބަރުކަމުގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ބޯޑު މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.