އަޙްމަދު ޝަފީޤު
ހ.ޝަފީގުގެ

އަޙްމަދު ޝަފީޤަކީ ރާއްޖޭގެ ތާރީޚަށާއި، ދިވެހި އަދަބިއްޔާތަށް ފާހަގަކުރެވޭފަދަ ގިނަ ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ދިވެހި ތާރީޚުގެ އެކިއެކި ދައުރުގައި ހިނގައިދިޔަ މުހިންމު ކަންތައްތައް، ވަކިވަކިން މުޠާލިޢާ ކުރެއްވި ބޭފުޅެކެވެ. ތާރީޚީ މަޢްލޫމާތު، މުޅިން އަމިއްލަފުޅު ގޮތެއްގައި އެއްކުރައްވައި، މިމަސައްކަތް ދިގު މުއްދަތެއް ވަންދެން މެދުކެނޑުމެއްނެތި ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ތާރީޚީ މަޢްލޫމާތު އެއްކުރައްވައި، އެ މަޢްލޫމާތު ޢާންމު ކުރެއްވުމުގައި ލާމަސީލު މުފައްކިރެކެވެ.

އަޙްމަދު ޝަފީޤު ތަޢްލީމު ހާސިލް ކުރެއްވީ، މަދްރަސަތުލް މަޖީދިއްޔާއިންނެވެ. ލިޔުންތެރިކަމުގެ ތެރެއަށް ވެދެވަޑައިގަތީ، ދިވެހިރާއްޖެ ދުށް އަދަބީ ރަން ޒަމާން ކަމުގައިވާ ސުމުއްވުލް އަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ދައުރުގައެވެ. އެގޮތުން، 1946 ވަނަ އަހަރުން ފެށިގެން ނޫސްތަކަށާއި، މަޖައްލާތަކަށް ލިޔުއްވަމުން ގެންދަވާފައިވެއެވެ.

ތާރީޚީގޮތުން އަޙްމަދު ޝަފީޤު ލިޔުއްވި މުހިންމު ބައެއް ފޮތްތަކުގެ ތެރޭގައި، [މަޖީދިއްޔާ ސްކޫލްގެ ފުރަތަމަ ފަންސަވީސް] މިފޮތާއި، [މަޖީދިއްޔާ ސްކޫލްގެ ދެވަނަ ފަންސަވީސް] މިފޮތާއި، ދިވެހި މަސައްކަތްތެރިކަމުގެ މައްޗަށް ލިޔުއްވި [އޮޑިދޯނިފަހަރު ބަނުން] މިފޮތާއި، ޙަސަން ފަރީދުގެ ޙަޔާތުގެ މައްޗަށް ލިޔުއްވި ފޮތް ހިމެނެއެވެ. އަދި އޮޑިދޯނިފަހަރު ބަނުމާބެހޭ ފޮތާއި، ރާވެރިކަމާބެހޭ ފޮތާއި، އެވޭލާ އަކުރާބެހޭ ފޮތާއި، ދިވެހިރާއްޖޭގެ ބޮއްޔާބެހޭ ފޮތްފަދަ ފޮތްތަކަކީ، ދިވެހިންގެ ދިރިއުޅުމާއި، ރާއްޖޭގެ މީހުންގެ ފަންނީ ކުޅަދާނަކަން، ޒަމާންތަކަކަށް ރައްކާކުރެވޭނެ ގޮތަށް ލިޔުއްވާފައިވާ ފޮތްފޮތެވެ.

ޝަފީޤުގެ އަދަބީ ޚިދްމަތްތަކަށް ބަލާއިރު، އެމަނިކުފާނުގެ ޤަލަމުން ދިރާސާ ކުރައްވާފައިވާ ލިޔުއްވުންތައްވެސް ވަަރަށްގިނައެވެ. މި ލިޔުންތައް ވަނީ ޝާއިޢު ކުރެވިފައެވެ. އަދި ތާރީޚީ ޙާދިޘާތަކާ ގުޅޭގޮތުން އެކިއެކި ބޭފުޅުން ލިޔުއްވާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކުރައްވާފައިވާ ތަމްސީލު ވާހަކަތައްވެސް ވަރަށްގިނައެވެ. މީގެއިތުރުން، ދިވެހި މުޖްތަމަޢާއި އާދަކާދައާ ގުޅޭގޮތުން ކުރުވާހަކަވެސް ލިޔުއްވާފައިވެއެވެ. އަދި ރާއްޖޭގެ އެކިއެކި ޝަޚްޞިއްޔަތުގެ ހަނދާންތަކުގެ ނަމުގައި އެކި ބޭފުޅުންގެ ޚިދްމަތްތަކުގެ މައްޗަށް ބައްލަވައިލައްވައި، ސިލްސިލާ މަޒުމޫނުތަކެއް [ފަތްތޫރަ] އަށް ލިޔުއްވާފައިވެއެވެ.

ދިވެހި ތާރީޚަށް ޚިދްމަތް ކުރެއްވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު، 1980 ވަނަ އަހަރު އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި މިނިވަން ފަންސަވީހުގެ އިނާމުވެސް ވަނީ ލިބިވަޑައިގެންފައެވެ. ދިވެހިރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި، ނޫސްވެރިކަމުގެ ރަން ގަލަންވެސް ވަނީ ލިބިވަޑައިގެންފައެވެ. އަދި ތިމާވެށީގެ ފެހިފަތްވެސް ލިބިވަޑައިގެންފައިވެއެވެ.

އަޙްމަދު ޝަފީޤަކީ، 45 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ އަދި ސަރުކާރުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ވަރަށްގިނަ އަތޮޅުތަކުގެ އަތޮޅުވެރިކަން ކުރެއްވިއެވެ. ފުރުއްވި އެހެން ބައެއް މަގާމުތަކުގެ ތެރޭގައި، ވުޒާރަތުލް މަޢާރިފްގެ ވަކީލު ކަމާއި، ވުޒާރަތުއް ދާޚިލިއްޔާއާއި، އިލެކްޝަންސް ޑިވިޜަނާއި، ސްޕެޝަލް ވެލްފެއަރ ޑިވިޜަނާއި، ޕްރިންޓިންގ ޑިވިޜަންގެ ސެކްރެޓަރީ ކަމާއި، ކަސްޓަމްސްގެ ސެކްރެޓަރީކަން ހިމެނެއެވެ. އަދި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމާއި، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމާއި، ދިވެހިރާއްޖޭގެ ތަޢްލީމު ކުރިއަރުވާ މަރްކަޒުގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ އަންޑަރ ސެކްރެޓަރީ ކަމުގެ މަގާމު ފުރުއްވާފައިވެއެވެ.

އަޙްމަދު ޝަފީޤަކީ، ރައްޔިތުންގެ މަޖިލީހުގެ ހުވަދުއަތޮޅު މެންބަރު ކަމާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އަޙްމަދު ޝަފީޤަކީ، ދުލާއި ގަލަމުގެ މިނިވަންކަން ދިވެހިންނަށް ހޯއްދަވައިދެއްވުމަށް ވަރަށް ހީވާގި މަސައްކަތްޕުޅުތަކެއް ކުރެއްވި އަދި މި މަސައްކަތްޕުޅުތަކުގެ ތެރޭގައި އެތައް އަދަބެއް ލިބިވަޑައިގެންފައިވާ ހިތްވަރުފުޅުގަދަ ބޭފުޅެކެވެ. ގަބޫލުކުރައްވާ އުޞޫލުތަކެއްގައި ދެގޮތެއްނުވެ ހިފެހެއްޓެވި ބޭފުޅެކެވެ.