އަލްފާޟިލާ އާމިނަތު ސަމީރާ
އައްސޭރި މ. މުލި

އާމިނަތު ސަމީރާއަކީ، މ.އަތޮޅު ތަޢުލީމީ މަރުކަޒުން ދައުލަތުގެ ޚިދުމަތް ފެށްޓެވި ބޭފުޅެކެވެ. 1984 ޖަނަވަރީ 1 ވަނަ ދުވަހު، ޕްރައިމަރީ ޓީޗަރެއްގެގޮތުން ތަޢުލީމީ ދާއިރާގައި ކުރައްވަން ފެށްޓެވި ޚިދުމަތާ ދުރަކަށް ވަޑައެއް ނުގަންނަވައެވެ. ހިތްވަރާއި ޢަޒުމާއެކު އަދިވެސް ހުންނެވީ، މ.އަތޮޅަށް ޚިދުމަތް ކުރެއްވުމުގައެވެ.

އާމިނަތު ސަމީރާ ފުރަތަމަ ޚިދުމަތް ފެށްޓެވިއިރު ކިޔަވައިދެއްވީ، ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށެވެ. ސަމީރާއަކީ، ކިޔަވައިދެއްވާ މާއްދާތަކަށް ވަރަށް ފުރިހަމައަށް ތައްޔާރުވެވަޑައިގެން ކިޔަވައިދެއްވަމުން ނަތީޖާ ނެރެދެއްވަމުން ގެންދަވާ ޓީޗަރެކެވެ. ހައުސްތަކުގެ އިންޗާޖެއްގެ ހައިސިއްޔަތުން އެކިއެކި މުބާރާތްތަކާއި އިތުރު ޙަރަކާތްތަކުގައި ބައިވެރިކުރުވުމަށް ދަރިވަރުންނަށް ތަމްރީނު ދެއްވައި، ބައިވެރި ކުރުވައި، ނަތީޖާ ނެރެދެއްވައިފައިވާ ޓީޗަރެކެވެ. 1996 ވަނަ އަހަރު މ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ގްރޭޑް 8 އުފެއްދުމަށާއި، 2013 ވަނައަހަރު މަތީ ސާނަވީ އުފެއްދުމަށްޓަކައި އަތޮޅުގެ ރަށްރަށަށް ވަޑައިގެން ދަރިވަރުން ހޯއްދެވުމުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އޭރުއްސުރެ ފެށިގެން އާމިނަތު ސަމީރާއަކީ، ސާނަވީއަށާއި މަތީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް ދިވެހި މާއްދާ ކިޔަވައި ދެއްވައި ނަތީޖާ ނެރެދެއްވަމުން ގެންދަވާ ޓީޗަރެކެވެ.

އާމިނަތު ސަމީރާއަކީ، ތަޢުލީމީ މަރުކަޒުގެ މުދައްރިސުންނާއި ދަރިވަރުންގެ ޖަމުޢިއްޔާގެ މެންބަރެއްގޮތުންނާއި ސެކްރެޓެރީގެ ހައިސިއްޔަތުން ފައިސާއާއި، އެހެނިހެން ލިޔެކިޔުންތައް ބެލެހެއްޓެވުމުގެ މަސައްކަތްތަކުގައާއި، މުލަކަތޮޅު އަތޮޅު ކައުންސިލާއި، ދިވެހި ބަހުގެ އެކެޑެމީއާ ގުޅިގެން 2017 ވަނަ އަހަރު މުލީގައި ބޭއްވުނު "އަދަބީ ޢީދު" ގެ އެކިއެކި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އަދަބީ އެކިއެކި މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކޮށްދެއްވުމަށް ތަމްރީނު ކުރެއްވުމާއި، މުބާރާތްތައް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސެވުމާއި، ސްކޫލުގެ ހައުސްތަކުގެ ހުރިހާ ކަމެއް ބެލެހެއްޓެވުމާއި، އިތުރު ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ތަޢުލީމީ މަރުކަޒުގައި ފުރަތަމަ ފަހަރަށް ސްކައުޓް ހަރަކާތްތައް އުފެދިގެން އައިއިރު ފުރަތަމަ ސްކައުޓް ލީޑަރުގެ ހައިސިއްޔަތުން ދަރިވަރުން ތަމްރީނު ކުރެއްވުމާއި، ސްކައުޓުންނާއެކު ކޭމްޕް ދަތުރުތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. ރަށުގެ އަންހެނުންގެ އާމްދަނީ އިތުރުކުރުމުގެގޮތުން ގެސްޓްހައުސްއެއް އިމާރާތްކޮށްގެން ލިބުނު އާމްދަނީއިންނާއި އިތުރު މަސައްކަތްތައްކޮށްގެން ލިބުނު އާމްދަނީއިން ރަށުގައި ޕްރީ ސްކޫލެއް ގާއިމުކޮށް، ތަޢުލީމު ދޭން ފަށްޓަވައި އެތަން ބެލެހެއްޓެވުމުގައިވެސް ސަމީރާ އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.

އާމިނަތު ސަމީރާއަކީ، ތަޢުލީމީ ދާއިރާއިން ގިނަ ތަމްރީނުތަކެއްވެސް ފުރިހަމަ ކުރައްވައިފައިވާ ބޭފުޅެކެވެ. ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީއާއި، ބެޗްލަރސް ޑިގްރީ އިން ދިވެހި ލޭންގުއޭޖް އެންޑް ލިޓްރެޗަރ ފުރިހަމަ ކުރައްވައިފައިވާ ބޭފުޅެކެވެ. އާމިނަތު ސަމީރާ ވަނީ، ތަޢުލީމީ ދާއިރާގައި ހުންނަވައިގެން 35 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ.