އަލްފާޟިލާ ފަހީމާ އިދުރީސް
މާޒް ހއ. އުލިގަން

1985 ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ތަޢުލީމީ ދާއިރާއިން ދައުލަތުގެ ޚިދުމަތަށް ނުކުންނެވި ފަހީމާ އިދުރީސް މިހާރުވެސް ހުންނެވީ، ތަޢުލީމު އުނގަންނައިދެއްވުމުގައެވެ. ފުރަތަމަ ޚިދުމަތަށް ނުކުންނެވީ، ވަގުތީ މުދައްރިސެއްގެ ގޮތުންނެވެ.

ފަހީމާ އިދުރީސް، އުލިގަމު ސްކޫލުގައި ފުރަތަމަ ޚިދުމަތް ފެށްޓެވިއިރު އެ ސްކޫލު ހިންގަމުން ގެންދިޔައީ، ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައެވެ. އޭރު އެ ސްކޫލުގައި އިދާރީ މުވައްޒަފުން ނެތުމުން، އިސް ޓީޗަރެއްގެގޮތުން ކިޔަވައިދެއްވުމުގެ އިތުރަށް ޓައިމްޓޭބަލް ހެދުމާއި، އިދާރީގޮތުން ދުވަހުން ދުވަހަށް ކުރަންޖެހޭ ހުރިހާ ކަމެއްވެސް ޒިންމާދާރުކަމާއެކު ފަހީމާ ކުރެއްވިއެވެ. ސްކޫލުގައި ދެ ދަންފަޅިއަށް ކިޔަވައިދެމުން ގެންދިޔައިރު ފިލާވަޅުތައް ތައްޔާރު ކުރެއްވުމާއި، ކިޔަވައިދެއްވުމުގައި ކޮންމެ ދުވަހަކުވެސް 12 ވަރަކަށް ގަޑިއިރު މަސައްކަތް ކުރައްވައިފައި ވެއެވެ.

ސްކޫލުގައި ޒަމާނީ ވަސީލަތްތައް ނެތްދުވަސްވަރު، އިމްތިޙާނު ކަރުދާސް ޗާޕު ކުރެވޭނެ ވަސީލަތެއް ނެތުމުން، ކޮޕީ ލައްވައިގެން އިމްތިޙާނު ކަރުދާސްތައް ލިޔުއްވައި ތައްޔާރު ކުރައްވައި، އިމްތިޙާނު ކަރުދާސްތައް ބައްލަވައި މާކްސް ދެއްވައި ކުދީންގެ ނަތީޖާތައް ދިރާސާކުރައްވަމުން ގެންދެވީ، ރެއެއް ދުވާލެއްނެތި ހިތްވަރާއި ހީވާގިކަމާއެކުގައިކަން ޚާއްޞަ ގޮތެއްގައި ފާހަގަ ކޮށްލަން ޖެހެއެވެ.

ބެލެނިވެރީން ހޭލުންތެރިކުރުވުމުގެގޮތުން ތަފާތު ޕްރޮގްރާމްތައް ހިންގެވުމާއި، އިތުރު ހަރަކާތުގެ ގޮތުގައި ދަރިވަރުންނަށް ތަފާތު މަސައްކަތްތައް ދަސްކޮށްދެއްވުމާއި، ކުޅިވަރާއި އަދަބީ ހަރަކާތްތައް ރާއްވަވައި ހިންގެވުމުގައިވެސް ފަހީމާ އިސްކޮށް އުޅުއްވިއެވެ. އަދި ރައްޔިތުންގެ މަދަރުސާއެއްގެ ގޮތުގައި އުލިގަމު ސްކޫލް ހިންގަމުން ގެންދިޔައިރު ސްކޫލުގެ މާލިއްޔަތު މުއްސަނދިކުރުމަށް ބެލެނިވެރިންނާއި ދަރިވަރުންނާ ގުޅިގެން އިތުރު ހަރަކާތްތައް ހިންގަވައި، ފައިސާ ހޯއްދެވުމާއި، ލައިބްރަރީ ކޯނަރއެއް ޤާއިމުކުރައްވައި، ލައިބްރަރީއަށް ބޭނުންވާ ފޮތްތައް ހޯއްދެވުމުގެ މަސައްކަތްތައްވެސް ފަހީމާ އިސްނަންގަވައިގެން ކުރެއްވިއެވެ.

އަތޮޅު ފެންވަރުގައި ބާއްވާ އެކިއެކި މުބާރާތްތަކުގައި ސްކޫލުގެ ދަރިވަރުން ބައިވެރިކުރުވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ޕްރީ ސްކޫލްގެ ޚިދުމަތް ދެއްވަން ފެށްޓެވުމާއި، ޓީޗަރުން ހޯއްދެވުމާއި، ތިމާވެށި ރައްކާތެރިކުރުމުގެގޮތުން ރަށުގެ އެކި ހިސާބުތަކުގައި، ހިޔާދޭ ގަސް އިންދުމާއި، ދަރިވަރުންގެ އަދަބީ ހަރަކާތްތައް އިތުރުކުރުމުގެގޮތުން އަތުން ލިޔެގެން "އަލިމަގު" ގެ ނަމުގައި މަޖައްލާއެއް ނެރުއްވުމާއި، ސްކޫލަށް ބޭނުންވާ ޓީޗަރުން ހޯއްދެވުމުގެ މަސައްކަތާއި، ބިދޭސީ ޓީޗަރުންގެ އެކޮމޮޑޭޝަންގެ ކަންކަން ޙައްލުކުރެއްވުމަށް ރަށްކުރިއަރުވާ ކޮމިޓީއާ ގުޅިގެން އެކޮމޮޑޭޝަން ބްލޮކެއް ޤާއިމުކުރެއްވުމަށް ފަހީމާ އިސްނަންގަވައިގެން ފަހީމާގެ ލަފައާއެކު ކުރި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެންފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ބެލެނިވެރިން ހޭލުންތެރިކުރުވުމަށާއި، ދަރިން ތަރުބިޔަތު ކުރުމަށާއި، ބެލެނިވެރިންގެ ތަޢުލީމީ ފެންވަރު މަތިކުރުމުގެގޮތުން ދަރިވަރުން ކިޔަވާ މާއްދާތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދެއްވުމާއި، ޚާއްޞަ މުނާސަބަތުތައް ފާހަގަކުރުމާބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ރާއްވަވައި ހިންގެވުމާއި، ސްކޫލުގެ މުވައްޒަފުންނާ ގުޅިގެން ހިންގާ ގިނަ ޙަރަކާތްތަކުގައިވެސް ފަހީމާ ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވައެވެ.

ފަހީމާ އިދުރީސް ކިޔަވައިދެއްވާ ދިވެހި މާއްދާގައި ބައިވެރިވި ދަރިވަރުން 2011 ވަނަ އަހަރާއި، 2014 ވަނަ އަހަރާއި، 2020 ވަނަ އަހަރު އެސް.އެސް.ސީ. އިމްތިޙާނުގައި ބައިވެރިވި ހުރިހާ ދަރިވަރުން ފާސްވެފައި ވެއެވެ. ފަހީމާވަނީ، ޑިޕްލޮމާ އިން ދިވެހި ލޭންގުއޭޖް ކޯހާއި، ބެޗްލަރ އޮފް ޓީޗިންގ ދިވެހި ލޭންގުއޭޖް ކޯހާއި، މާސްޓަރ އޮފް އެޑިއުކޭޝަން (ދިވެހި ލޭންގުއޭޖް ޓީޗިންގ) ކޯސްވެސް ފުރިހަމަ ކުރައްވައިފައެވެ. އަދި ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމުވެސް 2014 ވަނަ އަހަރު ހާސިލު ކުރައްވައިފައެވެ. އުލިގަމު ސްކޫލުގެ ސީނިއަރ ޓީޗަރުގެ މަގާމުގައި ހުންނެވި ފަހީމާ އިދުރީސްވަނީ، ދައުލަތަށް 35 އަހަރަށްވުރެން ގިނަދުވަހު ޚިދުމަތް ކުރައްވައިފައެވެ.