އަލްފާޟިލާ ޝަރީފާ އިބްރާހީމް
އާސިޔާނާ ފ. ފީއަލި

ޝަރީފާ އިބްރާހީމް، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 19 ނޮވެންބަރު 1984 ގައެވެ. މިވޭތުވެދިޔަ 35 އަހަރު ދުވަހުގެ ތެރޭގައި ޝަރީފާ އިބްރާހީމް އަދާކުރެއްވީ، މަސައްކަތު މީހެއްގެ ވަޒީފާއެވެ.

ޝަރީފާ އިބްރާހީމަކީ، ޙަވާލުކުރެވޭ ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކު އަމިއްލައަށް އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ސަޕޯޓް ސްޓާފެއްގެ ގޮތުން މި ދިގު މުއްދަތުގައި ޝަރީފާ އިބްރާހީމް ކޮށްދެއްވި ޚިދުމަތްތަކަކީ، ފާހަގަކޮށްލެވޭ ޚިދުމަތްތަކެކެވެ. ކޮންމެ ކަމެއްގައިވެސް އެންމެ ކުރީސަފުގައި ހުންނަވައިގެން މަސައްކަތް ކުރައްވާ ހީވާގި، މަސައްކަތުގެ އަޚްލާޤު ރަނގަޅު ނަމޫނާ ބޭފުޅެކެވެ.

ޝަރީފާ އިބްރާހީމަކީ، ތަނުގެ ކުރިއެރުމަށް ނުހަނު ޝައުޤުވެރިކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެގޮތުން، މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާކަން އެއީ މިކަމުގެ ހެތްކެކެވެ. އަދި ޝަރީފާ އިބްރާހީމަކީ، ފ.އަތޮޅު މަދަރުސާގެ އެހެން މުވައްޒަފުންނަށްވެސް އެކި ކަންކަމުގައި ނަމޫނާ ދައްކަވަމުން ގެންދަވާ ބޭފުޅެކެވެ.

އެއް މަގާމެއްގައި ހުންނަވައިގެން ޝަރީފާ އިބްރާހީމް މި ކުރެއްވި ޚިދުމަތުގެ އަގު ދިވެހި ދައުލަތުން ވަޒަން ކުރައްވައި، ޝަރަފުގެ މެޑެއްޔަކާއި، އައްޑަނައެއް އަރުވާކަން އެއީ، ޝަރީފާއަށާއި، ޢާއިލާއަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ޝަރަފެކެވެ. އަދި މިފަދަ ޝަރަފެއް ލިބިވަޑައިގެންފާނެ ކަމަކަށް ޝަރީފާ ދުވަހަކުވެސް އުންމީދެއް ނުކުރައްވައެވެ. އެހެންނަމަވެސް، އެތައް އަހަރެއް ފަހުންވެސް މި ޚިދުމަތް، މިއަދުގެ ސަރުކާރުން ވަޒަން ކުރެއްވިކަން އެއީ ޝަރީފާއަށް ލިބިވަޑައިގަންނަވާ ވަރަށް ޚާއްޞަ އުފާފުޅެކެވެ.